ސިޔާސީ

ކެމްޕޭނުގައި އުޅުނު ދިހަވަރަކަށް މީހުން ވަޒީފާއިން ވަކިކޮށްފި: ސޯބެ

ހއ

ހުސެއިން އާދަމް

16 ޖޫން 2026
05:02
ކެމްޕޭނުގައި އުޅުނު ދިހަވަރަކަށް މީހުން ވަޒީފާއިން ވަކިކޮށްފި: ސޯބެ

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި އޭނާއަށް ތާއީދުކުރި 10 ވަރަކަށް މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް އެ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި އަބްދުﷲ ސޯދިގު (ސޯބެ) ހާމަކުރައްވައިފިއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ސޯބެ ވިދާޅުވީ، މި މީހުން ވަކިކުރީ ހަރަދުތައް ކުޑަކުރުމުގެ ބަހަނާގައި ކަމަށެވެ. ނަމަވެސް، އެއްވެސް މަސައްކަތެއް ނުކޮށް ގޭގައި ތިބޭ މީހުން އަދިވެސް އެ ކުންފުނިތަކުގެ ވަޒީފާތަކުގައި ދެމިތިބިކަން އޭނާ ފާހަގަކުރެއްވިއެވެ.

ސޯބެ އިތުރަށް ވިދާޅުވީ، ކެމްޕޭނުގައި އަމަލީގޮތުން އުޅުނު މީހުންގެ އިތުރުން، އޭނާއާ އެކު ކޮފީއަކަށް އަރާލާ ނުވަތަ ފޮޓޯއަކުން ފެނިފައިވާ ރައްޓެހިންނާއި އާއިލާގެ މީހުން ވެސް ވަޒީފާއިން ވަކިކޮށްފައިވާ ކަމަށެވެ. އަދި އެމްޑީޕީއަށް ތާއީދުކުރާ ގިނަ ބަޔަކު ވަޒީފާއިން ވަކިކުރުމުގެ ބިރު އެބައޮތް ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.

ސިޔާސީ ސަބަބުތަކަށްޓަކައި ވަޒީފާއިން ވަކިކުރުމާއި، މަޝްރޫއުތައް ހުއްޓާލުމުގެ އިތުރުން ސިޔާސީ ދައުވާތައް އުފުލުމާ ދެކޮޅަށް އިހުތިޖާޖު ކުރުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ރޭ ވަނީ ނިންމާފައެވެ.

ޓެގްތައް

ކޮމެންޓް (0)

ކޮމެންޓް ލިޔުމަށް