މުއިއްޒުގެ ވެރިކަން ވައްޓާލާނަން - ނަޝީދު
ހުސެއިން އާދަމް

އެމްޑީޕީގެ ލަޝްކަރު އަލުން ރުކުރުވައިލެވިފައިވާ ކަމަށާއި، މިއަދު ބާއްވާ އެ ޕާޓީގެ އެތެރޭގެ އިންތިޚާބު ކާމިޔާބުކުރައްވައި، މިހާރު އޮތް ސަރުކާރު އެމްޑީޕީން ބަލިކޮށް ވައްޓައިލާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބުގެ ކެމްޕެއިން ނިންމާލުމުގެ ގޮތުން ރޭ ބޭއްވި ހިނގައިލުމަށްފަހު، އާޓިފިޝަލް ބީޗުގައި ސަޕޯޓަރުންނާ މުޚާޠަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ނަޝީދަށް ތާއީދުކުރާ އެމްޑީޕީގެ ގިނަ އަދަދެއްގެ މެންބަރުން ބައިވެރިވި މި ހިނގައިލުމަށްފަހު ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ، އެމަނިކުފާނުގެ އަޒުމެއް ނުގުޑާނެ ކަމަށާއި ހިތްވަރު ވެސް ބައްޔެއް ނުވާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ ހިތްވަރު ބައްޔެއް ނުވާނެ. އަޅުގަނޑުމެން އޭނާ (ރައީސް މުޢިއްޒު) ބަލިކުރާނަން، އަޅުގަނޑުމެން އޭނާ ވައްޓައިލާނަން. އަޅުގަނޑުމެން ދާނީ ކުރިއަށް، ބާރަށް ކުރިއަށް،" ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރު ބަދަލުކުރައްވާނެ ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރުކުރައްވަމުން ނަޝީދު ވިދާޅުވިއެވެ.
ހިނގައިލުމުގެ ތެރެއިން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ނަޝީދު ވަނީ، އެމްޑީޕީގެ ހުރިހާ މެންބަރުން މިއަދު ނިކުމެ، ފޯރިއާއެކު ވޯޓުލުމުގައި ބައިވެރިވުމަށް އިލްތިމާސްކުރައްވައިފައެވެ. އަދި އިންތިޚާބުން ނާކާމިޔާބުވެވަޑައިގެންފި ނަމަ ޕާޓީ ދޫކުރައްވައި ވަޑައިގެންފާނެތޯ ސުވާލުކުރުމުން އެމަނިކުފާނު ވިދާޅުވީ، އިރާދަކުރެއްވިއްޔާ ނާކާމިޔާބީއާ ކުރިމަތިލާން ނުޖެހޭނެ ކަމަށާއި، އެއީ އުފެދޭ ސުވާލެއްވެސް ނޫން ކަމަށެވެ.
މި އިންތިޚާބުގައި ރައީސް ނަޝީދު މަސައްކަތްކުރައްވަނީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލާ އެކުގައެވެ. އަދި އެމަނިކުފާނާ ވާދަކުރައްވާ މީކާއީލް މަސައްކަތްކުރައްވަނީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހާއި އެ މަނިކުފާނުގެ އަރިސް ގިނަ ބޭފުޅުންނާ އެކުގައެވެ.