ސިޔާސީ

އިހްސާން އާއި އުޝާމްގެ ވާހަކަ ގަބޫލުރާނެ ދިވެއްސަކު ނެތް، ޝަމްއާން ވަނީ ފްރޭމްކޮށްފައި: ޔާމީން

ހއ

ހުސެއިން އާދަމް

12 ޖޫން 2026
08:51
އިހްސާން އާއި އުޝާމްގެ ވާހަކަ ގަބޫލުރާނެ ދިވެއްސަކު ނެތް، ޝަމްއާން ވަނީ ފްރޭމްކޮށްފައި: ޔާމީން

އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލާ މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމަކީ ސިޔާސީ ނުފޫޒުން ކޮށްފައިވާ ކަމެއް ކަމަށާއި، އޭނާ ވަނީ ފްރޭމްކޮށްފައި ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ރޭ ޕީއެންއެފްއިން ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، މި މައްސަލައިގައި ދާޚިލީ ވަޒީރު އަލީ އިހުސާނާއި ބަންޑާރަ ނައިބު އަހުމަދު އުޝާމް ދައްކަވާ ވާހަކަތައް ގަބޫލުކުރާނެ އެއްވެސް ދިވެއްސަކު ނުހުންނާނެ ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވި ގޮތުގައި، ޝަމްއާންގެ މައްސަލައަކީ ސިޔާސީ މައްސަލައެއް ނޫން ކަމަށް ސަރުކާރުން ސިފަކުރި ނަމަވެސް، މިއީ ބޮޑުތަނުން ސިޔާސީ ކަމެކެވެ. ޝަމްއާނަށް ހުކުމް ކުރުމުގެ ކުރިން އޭނާ މީޑިޔާތަކާ ހިއްސާކުރި މައުލޫމާތުތަކުން ސަރުކާރުގެ ތެރޭގައި ކޮރަޕްޝަން އޮތް މިންވަރު ހާމަވާ ކަމަށާއި، އެ ވާހަކަތަކުގައި ބަންޑާރަ ނައިބަށާއި ދާޚިލީ ވަޒީރަށް ބޮޑެތި ތުހުމަތުތަކެއް އަމާޒުކޮށްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ސަރުކާރުން ފުލުހުން މެދުވެރިކޮށް މައްސަލައިގެ ހަގީގަތް އޮޅުވާލައި، މުޅި މައްސަލައިގެ ފޯކަސް ބަދަލުކޮށްފައިވާ ކަމަށް ރައީސް ޔާމީން ތުހުމަތު ކުރެއްވިއެވެ. "ޝަމްއާން އެއޮތީ ފްރޭމްކޮށްފައި. މިއީ ބޮޑުތަނުން ސިޔާސީ މައްސަލައެއް. ރައްޔިތުން ގަބޫލެއް ނުކުރާނެ އުޝާމް ދައްކާވާހަކައެއް. ރައްޔިތުން ގަބޫލެއް ނުކުރާނެ އިހްސާން ދައްކާވާހަކައެއް،" ޔާމީން ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު މި ވާހަކަތައް ދައްކަވަނީ ކޮންމެހެން ޝަމްއާންގެ ދިފާއުގައި ނޫން ކަމަށެވެ. ނަމަވެސް، އަމިއްލަ ތަޖުރިބާއަށް އަލިއަޅުވާލައްވަމުން ވިދާޅުވީ، އެމަނިކުފާނުގެ މައްޗަށް މަނީ ލޯންޑަރިންގެ ބޮޑު ދައުވާއެއް ސާބިތުވި އިރުވެސް އިއްވީ 15 އަހަރުގެ ހުކުމެއް ކަމަށެވެ. އެހެންކަމުން ޝަމްއާނަށް 25 އަހަރުގެ ދިގު ޖަލު ހުކުމެއް އިއްވުމަކީ އޭނާ ދެއްކި ވާހަކަތަކުގެ ސަބަބުން ދީފައިވާ އަދަބެއް ކަމަށް ޔާމީން ސިފަކުރެއްވިއެވެ.

ޔާމީން ވިދާޅުވީ، ގާނޫނުގެ ކުރިމަތީގައި އެންމެންނަކީ ވެސް ހަމަހަމަ ބަޔަކަށް ވާންޖެހޭނެ ކަމަށާއި، ނަމަވެސް ޝަމްއާންގެ މައްސަލައިގައި ކަން ހިނގާފައިވާ ގޮތުން އެކަމުގައި ސިޔާސީ ނުފޫޒު އޮތް މިންވަރު ވަރަށް ސާފުކޮށް ހާމަވާ ކަމަށެވެ.

ޓެގްތައް

ކޮމެންޓް (0)

ކޮމެންޓް ލިޔުމަށް