ޝަމްއާނަށް ޖަލު ހުކުމެއް އިއްވީ ހަގީގަތް ހާމަކުރީތީ - ފައްޔާޒް
ހުސެއިން އާދަމް

ކުރީގެ އިކޮނަމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް، މި ސަރުކާރުގެ މައްޗަށް ބޮޑެތި ކޮރަޕްޝަންގެ ތުހުމަތުތަކެއް ކުރައްވައިފިއެވެ. ފައްޔާޒް މި ތުހުމަތުތައް ކުރެއްވީ ޝަމްއާންގެ މައްޗަށް ޖަލު ހުކުމެއް އިއްވުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ފައްޔާޒް ވިދާޅުވީ ޝަމްއާން އެ ކިޔައިދެއްވީ މި ސަރުކާރުގެ އަސްލު ހަގީގަތް ކަމަށާއި، އޭނާގެ މައްޗަށް ޖަލު ހުކުމެއް އިއްވީ އެ ހަގީގަތްތައް ހާމަކޮށްދިނުމުން ކަމަށެވެ. އެމްޑީޕީގެ ސަރުކާރުގައި ބިދޭސީންގެ ކޯޓާގެ ވަގު ވިޔަފާރި ހުއްޓުވާފައި ވަނިކޮށް، މި ސަރުކާރުން އެކަން އަލުން ފަށާފައިވާ ކަމަށް ފައްޔާޒް ތުހުމަތު ކުރެއްވިއެވެ.
މި ސަރުކާރުން ކޯޓާގެ ވަގު ވިޔަފާރިއަށް މަގުފަހިކުރުމުގެ ގޮތުން ރާއްޖޭގެ ބޯޑަރު ކޮންޓްރޯލް ސިސްޓަމް މެލޭޝިއާގެ ކުންފުންޏަކަށް ވިއްކާލާފައިވާ ކަމަށް ފައްޔާޒް ވިދާޅުވިއެވެ. "އެއީ އެތައް ބިލިއަން ރުފިޔާގެ ކޮރަޕްޝަންގެ އަމަލެއް. އެކަމުގައި އިސްކޮށް ތިބީ ސަރުކާރުގެ އެންމެ އިސްފަރާތްތައް،" ފައްޔާޒްގެ ޕޯސްޓުގައި ފާހަގަކުރައްވާފައިވެއެވެ.
ޖަލު ހުކުމް އިއްވުމުގެ ކުރިން ޝަމްއާން ވަނީ ބިދޭސީން ގެނައުމަށް ދޫކުރާ ކޯޓާ އަދި ވޯކް ޕާމިޓް އެޕްރޫވް ކުރުމުގައި ހޯމް މިނިސްޓަރު އިހުސާން ހިންގަވާ ކަމަށް ބުނާ ޖަރީމާތަކެއްގެ މައުލޫމާތު ހާމަކުރައްވާފައެވެ. ޝަމްއާން ވިދާޅުވި ގޮތުގައި ކޮންމެ ކޯޓާ އަކަށް 8,000 ރުފިޔާ އަދި ބަންގްލަދޭޝްގެ ކޮންމެ މީހަކަށް 1,800 ޔޫއެސް ޑޮލަރު ނަގަމުންދާ ކަމުގެ ހެކި 16 ޖެނުއަރީ 2025 ގައި ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުއްވިއެވެ.
ނަމަވެސް އެ މައްސަލައިގައި ރައީސް ދެއްވި ޖަވާބަކީ މިނިސްޓަރު އިހުސާން ގާނޫނާ ހިލާފު އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށާއި، ޝަމްއާން އެކަން ކުރަނީ ޒާތީ ގޮތުން ކަމަށް ލިބިފައިވާ މައުލޫމާތުތަކުން އެނގޭ ކަމަށެވެ. ރައީސް ވަނީ ހިތްހަމަނުޖެހުން ފާޅުކޮށް، "ލޯޔަލް ވުމަކީ ތިއެއް ނޫން" ކަމަށް ވިދާޅުވެ ޝަމްއާންއަށް މެސެޖް ކުރައްވާފައެވެ.