ކިތަންމެ ވަރަކަށް ތެޅިޔަސް އަހަރެން ބައްޔެއް ނުކުރެވޭނެ - ޝަމްއާން
ހުސެއިން އާދަމް

ސަރުކާރުން އަންގައިގެން ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ މުހައްމަދު ޝަމްއާން ވަހީދު 25 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް އިއްވުމުގެ ކުޑަވަގުތުކޮޅެއް ކުރިން ސޯޝަލް މީޑިއާ މެދުވެރިކޮށް އޭނާ ބަލިނުކުރެވޭނެ ކަމަށް ބުނެ ވަރުގަދަ މެސެޖެއް ދީފައެވެ.
ޝަމްއާން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، "ކިތަންމެ ވަރަކަށް ތެޅިޔަސް މި މީހާ އިރާދަ ކުރެއްވިއްޔާ ބައްޔެއް ނުކުރެވޭނެ. ޖަލުން ނިކުމެގެން އަންނާނީ މާވަރުގަދަކޮށް. ހުރިހާ އެންމެނަށް ވަރަށް ހެޔޮ ދުޢާ ސަލާމް،" މިފަދައިންނެވެ. އޭނާ މި މެސެޖު ދީފައިވަނީ އޭނާގެ މައްޗަށް އިއްވުނު ދިގު މުއްދަތުގެ ޖަލު ހުކުމާ ގުޅިގެންނެވެ.
ޖަލު ހުކުމް އިއްވުމުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަވަމުން ޝަމްއާން ވަނީ އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކަކީ ހޯމް މިނިސްޓަރު އަލީ އިހުސާން އިސްވެ ހުންނަވައިގެން އޭނާ "ފްރޭމް" ކުރުމަށް އުފެއްދި ކަންތައްތަކެއް ކަމަށް ތުހުމަތުކޮށްފައެވެ. އަދި މި ސަރުކާރު ވަގުތުން ބަދަލުކުރަންޖެހޭ ކަމަށްވެސް އޭނާ ވަނީ ގޮވާލައްވާފައެވެ.
މީގެ އިތުރުން، ޝަމްއާން ވަނީ ހޯމް މިނިސްޓަރު އިހުސާން ހިންގަވާ ކަމަށް ބުނާ ކޮރަޕްޝަންގެ އަމަލުތަކުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ބައިވެރިވުން އޮތް ކަމަށްވެސް ތުހުމަތުކުރައްވާފައެވެ. އޭނާ ވިދާޅުވީ ކޮރަޕްޝަންގެ މައްސަލަތައް ރައީސާ ހަމައަށް ގެންދިއުމުންވެސް އެކަމަށް ފިޔަވަޅު ނޭޅުމަކީ ކޮރަޕްޝަންގައި ބައިވެރިވުން ކަމަށެވެ.