ދުނިޔެ

ފަސްޓް ލޭޑީގެ މަގާމުން ރިޔާސީ ރޭހުގެ ކުރީސަފަށް: ކެއިކޯ ފުޖިމޯރީ ކާމިޔާބު އަންހެނެއްގެ މިސާލެއް

ހއ

ހުސެއިން އާދަމް

07 ޖޫން 2026
13:12
ފަސްޓް ލޭޑީގެ މަގާމުން ރިޔާސީ ރޭހުގެ ކުރީސަފަށް: ކެއިކޯ ފުޖިމޯރީ ކާމިޔާބު އަންހެނެއްގެ މިސާލެއް

އުމުރުން އެންމެ 19 އަހަރުގައި ކެއިކޯ ފުޖިމޯރީ ޕެރޫގެ ސިޔާސީ މައިދާނަށް ނުކުންނަން ޖެހުނީ، 1994 ވަނަ އަހަރު އޭނާގެ ބައްޕަ އަދި އޭރުގެ ރައީސް އަލްބާޓޯ ފުޖިމޯރީ އާއި ސުސާނާ ހިގޫޗީގެ ކައިވެނި ރޫޅުމާ ގުޅިގެން، ގައުމުގެ ފަސްޓް ލޭޑީގެ މަގާމަށް އޭނާ އައްޔަންކުރެއްވުމުންނެވެ. އޭގެ 30 އަހަރަށްވުރެ ގިނަ ދުވަސް ފަހުން، ކެއިކޯ މިހާރު ހުންނެވީ އޭނާއަށް މިހާތަނަށް ކާމިޔާބުނުވެ އޮތް ޕެރޫގެ ރައީސްކަމުގެ މަގާމާ ވަރަށް ގާތުގައެވެ.

އޭނާގެ ސިޔާސީ ދަތުރަކީ ޕެރޫގެ ފަހުގެ ތާރީޚުގައި ފެނިގެންދިޔަ ހަލަބޮލިކަމުގެ ރަމްޒެކެވެ. ތަކުރާރުވަމުންދިޔަ ސިޔާސީ ކްރައިސިސްތަކާއި، ސަރުކާރުތައް ބަދަލުވަމުންދިޔަ ދަނޑިވަޅުތަކާއި، އަދި ސިޔާސީ މުއައްސަސާތަކަށް އޮތް އިތުބާރު ކުޑަވަމުންދިޔަ ދުވަސްވަރުގައިވެސް އޭނާ ދެމިހުރީ ގައުމުގެ އެންމެ ނުފޫޒުގަދަ އެއް ސިޔާސީ ޝަޚުސިއްޔަތުގެ ގޮތުގައެވެ.

ކެއިކޯ ފުޖިމޯރީގެ ނުފޫޒު ބިނާވެފައިވަނީ މައިގަނޑު ގޮތެއްގައި އޭނާގެ ބައްޕަގެ ސަރުކާރުގެ ފިކުރުގެ މައްޗަށް އުފެދިފައިވާ ސިޔާސީ ހަރަކާތް ކަމަށްވާ "ފުއެރްޒާ ޕޮޕިއުލާ" ގެ ލީޑަރުގެ ހައިސިއްޔަތުންނެވެ. އޭނާއަށް ތާއީދުކުރާ މީހުން ގަބޫލުކުރާ ގޮތުގައި 1990 ގެ އަހަރުތަކުގައި ފުޖިމޯރީގެ ދައުރުގައި ވަނީ ހަނގުރާމަވެރި ޖަމާއަތްތައް ބަލިކޮށް، އިގްތިސާދީ ހަމަޖެހުން ގާއިމުކޮށްފައެވެ. ނަމަވެސް، ފާޑުކިޔާ ފަރާތްތަކުން އެ ދުވަސްވަރު ސިފަކުރަނީ ހުދުމުޚުތާރުކަމާއި، ކޮރަޕްޝަނާއި، އަދި އިންސާނީ ހައްގުތަކަށް އަރައިގަތުމުގެ ބޮޑެތި އަމަލުތައް ހިންގި ދުވަސްވަރެއްގެ ގޮތުގައެވެ.

ސިޔާސީ ބޮޑު ފަޟީހަތަކާ ގުޅިގެން 2000 ވަނަ އަހަރު އަލްބާޓޯ ފުޖިމޯރީ ރައީސްކަމުން އިސްތިއުފާ ދެއްވިއެވެ. އޭގެ ފަހުން، ޝަރީއަތުން ބޭރުން މީހުން މެރުން ހިމެނޭ ގޮތަށް އިންސާނީ ހައްގުތަކާ ޚިލާފު އަމަލުތައް ހިންގިކަން ސާބިތުވެ، އޭނާ ގިނަ އަހަރުތަކެއް ޖަލުގައި ހޭދަކުރެއްވިއެވެ.

ކެއިކޯގެ ސިޔާސީ ހަޔާތުގެ ބޮޑު ބައެއްގައި އޭނާ ވަނީ ބައްޕަގެ ވެރިކަމުގައި ގޯސްތަކެއް ހިނގާފައިވާކަން ގަބޫލުކުރާ ހާލު، ބައްޕަގެ ސިޔާސީ ތަރިކަ ދިފާއުކޮށްފައެވެ. އޭނާ ތަކުރާރުކޮށް ބައްޕަ މިނިވަންކުރުމަށް ގޮވާލައި، ޕެރޫގެ ދާޚިލީ ހަމަނުޖެހުންތަކުގައި ކުށްކުރި ކަމަށް ތުހުމަތުކުރެވޭ ސަލާމަތީ ބާރުތަކުގެ މީހުންނަށް ފައިދާވާނެ ކަންކަމަށް ތާއީދުކުރިއެވެ.

އާއިލީ ނަމުގެ ސަބަބުން ކުރިމަތިވި ގޮންޖެހުންތަކާއެކުވެސް، ކެއިކޯ ވަނީ އަމިއްލަ ސިޔާސީ ހަޔާތެއް ބިނާކުރުމުގައި ކާމިޔާބީ ހޯދާފައެވެ. 2006 ވަނަ އަހަރު ރެކޯޑް އަދަދެއްގެ ވޯޓާއެކު އޭނާ ކޮންގްރެސްއަށް އިންތިޚާބުވިއެވެ. އަދި އޭގެ ފަހުން ޕެރޫގެ ކޮންޒަވޭޓިވް ހަރަކާތުގެ އެންމެ އިސް ސިޔާސީ ޝަޚުސިއްޔަތަށް އޭނާ ބަދަލުވިއެވެ.

އެހެންނަމަވެސް، ރައީސްކަމުގެ މަގާމު އޮތީ އޭނާއަށް އަތުނުވާ ހިސާބުގައެވެ.

އޭނާ 2011، 2016 އަދި 2021 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރިއެވެ. ކޮންމެ ފަހަރަކުވެސް ދެވަނަ ބުރަށް ދަތުރުކުރި ނަމަވެސް، އެންމެ ފަހު ވަގުތު ވަނީ ވަރަށް ކުޑަ ތަފާތަކުން ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފައެވެ. ތަކުރާރުކޮށް އިންތިޚާބުތަކުގައި ވާދަކުރުމުން އޭނާއަށް މަގުބޫލުކަން ލިބުނު ފަދައިން ފާޑުކިޔުންތައްވެސް އަމާޒުވިއެވެ. ފާޑުކިޔާ މީހުން ބުނާ ގޮތުގައި އޭނާ ތަމްސީލުކުރަނީ ގައުމު ބައިބައިކުރި ސިޔާސީ ތަރިކައެއްގެ ކުރިއެރުމެވެ.

ކެމްޕޭން ފައިނޭންސްގެ މައްސަލަތަކާ ގުޅިގެން ކުރެވުނު ގާނޫނީ ތަހުގީގުތަކުގެ ސަބަބުން އޭނާގެ ސިޔާސީ ކުރިމަގަށް އިތުރު ހުރަސްތަކެއް ކުރިމަތިވިއެވެ. 2018 އާއި 2020 އާ ދެމެދު ކެއިކޯ ބައެއް މުއްދަތުތަކުގައި ބަންދުގައި ހޭދަކުރިއެވެ. ނަމަވެސް އޭނާ ވަނީ އެއްވެސް ގޯހެއް ހަދާފައި ނުވާނެ ކަމަށް ބުނެ، އެއީ ސިޔާސީ ދުއްތުރާލެއް ކަމަށް ދައުވާކޮށްފައެވެ.

އޭނާގެ މައްޗަށް ކުރެވުނު އެންމެ ސީރިއަސް ތުހުމަތުތައް ފަހުން ބާތިލުކުރުމުން، އަލުން ސިޔާސީ މައިދާނުގެ ކުރީސަފަށް އައުމުގެ ފުރުސަތު ލިބުނެވެ.

މިހާރު، ޕެރޫގެ 2026 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި، ކެއިކޯ ފުޖިމޯރީ ހުރީ ކާމިޔާބީއާ އެންމެ ގާތުގައެވެ. ކުށްކުރުން އިތުރުވުމާއި، އިގްތިސާދީ ނުތަނަވަސްކަމާއި، އަދި ދިގުލައިގެން ގޮސްފައިވާ ސިޔާސީ ހަމަނުޖެހުންތަކާއި މެދު ރައްޔިތުންގެ މެދުގައި އޮތް ކަންބޮޑުވުންތަކުގެ ފައިދާ ނަގައި، އޭނާ ވަނީ ވޯޓުގެ ފުރަތަމަ ބުރުގައި އެންމެ ކުރީގައި އުޅޭ ކެންޑިޑޭޓުގެ ގޮތުގައި ފާހަގަވެފައެވެ. ފާއިތުވި ދިހަ އަހަރު ދުވަހުގެ ތެރޭގައި ޕެރޫގެ ވެރިކަމަށް އައިސްފައިވާ އާދަޔާޚިލާފު ބަދަލުތަކާއެކު، އެ ގައުމުން ވަނީ ގިނަ ރައީސުންތަކެއް ފެނިފައެވެ.

އޭނާގެ ކެމްޕޭން ބޮޑަށް އަމާޒުކޮށްފައިވަނީ ގައުމުގެ އަމާންކަން ގާއިމުކުރުމަށާއި ސަލާމަތީ މުއައްސަސާތައް ވަރުގަދަކުރުމަށެވެ. ހަމައެއާއެކު، އޭނާ މަސައްކަތް ކުރައްވަނީ މެދުމިނުގެ ސިޔާސަތުތަކެއް ގެންގުޅުއްވާ ބޭފުޅެއްގެ ގޮތުގައި ފެނިވަޑައިގަތުމަށެވެ. އެގޮތުން، ސިޔާސީ ހަލަބޮލިކަމުގެ ސަބަބުން ވަރުބަލިވެފައިވާ ގައުމަކަށް ހަމަޖެހުން ގެނެސްދެވޭނެ ތަޖުރިބާކާރު ސިޔާސީ ބޭފުޅެއްގެ ގޮތުގައި އޭނާ އަމިއްލަފުޅަށް ސިފަކުރައްވައެވެ.

ނަމަވެސް، ގައުމުގެ ބައިބައިވުން އަދިވެސް އޮތީ ވަރަށް ފުންކޮށެވެ.

ޕެރޫގެ ގިނަ ބަޔަކަށް ކެއިކޯ ރަމްޒުކޮށްދެނީ ތަޖުރިބާއާއި، ވަރުގަދަ ލީޑަރޝިޕާއި، އަދި ލަފާކުރެވޭ ފަދަ ހަމަޖެހޭ ނިޒާމަކަށް އެނބުރި ދިއުމެވެ. އަނެއް ބަޔަކަށް އޭނާގެ އާއިލީ ނަމުން ހަނދާންކޮށްދެނީ ހުދުމުޚުތާރު ވެރިކަމެއްގެ ހަނދާންތަކާއި، ޒިންމާދާރުކުރުވުމާއި ޑިމޮކްރެޓިކް އަގުތަކާ މެދު އުފެދިފައިވާ ޖަވާބު ނުލިބޭ ސުވާލުތަކެވެ.

ޕެރޫގެ ތާރީޚީ އިންތިޚާބަކާ ކުރިމަތިލާއިރު، ކެއިކޯ ފުޖިމޯރީ އަނެއްކާވެސް މިވަނީ ގައުމުގެ ސިޔާސީ ބަހުސްގެ މަރުކަޒަށް ވެފައެވެ. އާންމު ޚިދުމަތުގައި އެތައް އަހަރެއް ހޭދަކުރައްވައި، ރިޔާސީ އިންތިޚާބުތަކުން އެތައް ފަހަރަކު ނާކާމިޔާބީއާ ކުރިމަތިލައްވައި، އަދި ގުނާ ނުލެވޭހާ ގިނަ މައްސަލަތަކެއްގެ ތެރޭގައި އުޅުއްވުމަށްފަހު، ފުރާވަރުގެ އުމުރުގައި ފުރަތަމަ ފަހަރަށް ރިޔާސީ ގަނޑުވަރަށް ވަދެވަޑައިގެންނެވި އަންހެން ބޭފުޅާ މިހާރު މިހުރީ އަމިއްލަ ހައިސިއްޔަތުން އެ މަގާމު ކާމިޔާބުކުރުމުގެ ދޮރުމަތީގައެވެ.

ޕެރޫގެ ރައްޔިތުން އޭނާގެ ކެންޑިޑޭސީ ގަބޫލުކުރި ކަމުގައިވިޔަސް ނުވަތަ ދެކޮޅު ހެދި ކަމުގައިވިޔަސް، ކެއިކޯ ފުޖިމޯރީގެ ވާހަކައަކީ އެ ގައުމުގެ ޒަމާނީ ސިޔާސީ ތާރީޚާ ވަކިނުކުރެވޭނެ ފަދަ ގޮތަކަށް ގުޅިފައިވާ ވާހަކައެކެވެ. އޭނާގެ ކުރިއެރުމުން ފެންނަނީ 'ފުޖިމޯރިޒަމް' ގެ ދެމިއޮތް ނުފޫޒާއި، ނުތަނަވަސްކަމުގެ ދުވަސްވަރެއްގައި ހަމަޖެހުން ހޯދުމަށް މަސައްކަތްކުރާ ގައުމެއްގެ މާޔޫސްކަމެވެ.

ޓެގްތައް

ކޮމެންޓް (0)

ކޮމެންޓް ލިޔުމަށް