ރާއްޖޭގައި އިންވެސްޓުކޮށްގެން ދިރިއުޅެވޭ ގޮތަށް ހިންގާ ރެޒިޑެންސީ ބައި އިންވެސްޓުމަންޓު ޕްރޮގްރާމު އަންނަ އަހަރުގެ އޭޕްރީލް މަހު ފަށަން ނިންމައިފިއެވެ.
މިކަން އިޢުލާންކޮށްފައިވަނީ ލަންޑަނުގައި މިހާރު ކުރިއަށްދާ 19 ވަނަ ގްލޯބަލް ސިޓިޒަންޝިޕް ކޮންފަރެންސްގައި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދުއެވެ.
މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ވިދާޅުވީ "ދަ މޯލްޑިވްސް ޕާލް ރެޒިޑެންސް" ގެ ނަމުން ނަން ދެވިފައިވާ ރެޒިޑެންސީ ބައި އިންވެސްޓުމަންޓު ޕްރޮގްރާމްއަކީ އިޤްތިޞާދު ސިންދަފާތުކޮށް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަރުވަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަސައްވަރުގެ ދަށުން ކުރެވޭ މަސައްކަތެއްކަމަށެވެ.
އަދި މިއީ ރާއްޖެއަށް ޒިންމާދާރު އިންވެސްޓުމަންޓުތައް ގެނައުމަށް އެޅޭ މުހިއްމު ފިޔަވަޅެއް ކަމަށާއި، އީޖާދީ، ދެމެހެއްޓެނިވި އަދި ދިގު މުއްދަތަކަށް ދެމިގެންދާ އިންވެސްޓުމަންޓުތައް ރާއްޖެއަށް ގެނައުމުުގެ ފުރުސަތު މި ޕްރޮގްރާމުގެ ސަބަބުން ފަހިވެގެންދާނެ ކަމަށް ވުޒާރާއިން ވިދާޅުވިއެވެ. މި ޕްރޮގްރާމު ރަސްމީކޮށް ފަށަން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ އޭޕްރީލް މަހުގައެވެ.