މިއަދު އޮތީ އިސްތިއުފާއެއް ނޫން، މިއަދު އޮތީ އޮފީސް އުފެއްދުން!
ހުސެއިން އާދަމް

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ދިހަ ވަޒީރަކު މިދިޔަ ހޯމަ ދުވަހު އިސްތިއުފާ ދެއްވާފައި ވަނިކޮށް، އެމަނިކުފާނު މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދަށުން ހިނގާނެ އާ ދެ އިދާރާއެއް އުފައްދަވައިފިއެވެ. މިއަދު އަލަށް އުފެއްދެވި ދެ އޮފީހަކީ "ދިވެހިރާއްޖޭގެ ސަރަހައްދުތަކާބެހޭ އޮފީސް" އަދި "ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ" އެވެ.
ދިވެހިރާއްޖޭގެ ސަރަހައްދުތަކާބެހޭ އޮފީހަކީ ރާއްޖޭގެ ސަރަހައްދުތައް ކަނޑައަޅައި، އެ ސަރަހައްދުތަކާ ގުޅުންހުރި އެންމެހައި ކަންކަމާއި މައްސަލަތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލުމަށް ގާއިމުކުރެއްވި އޮފީހެކެވެ. މި އޮފީހުގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ރާއްޖޭގެ ބައުންޑަރީއާ ގުޅޭގޮތުން އުފެދޭ ޚިލާފުތައް ޙައްލުކުރުމުގައި ބައިނަލްއަގުވާމީ ފަރާތްތަކާއި ސަރުކާރުގެ އިދާރާތަކާއެކު މަސައްކަތްކުރުމާއި، ރަސްމީ ބޭސްލައިންތަކާއި ބައުންޑަރީ މެޕްތަކުގެ މައުލޫމާތު ފޯރުކޮށްދިނުން ހިމެނެއެވެ.
މީގެ އިތުރުން، ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ހުށަހެޅުމަށްޓަކައި 24 ގަޑިއިރު ޚިދުމަތްދޭ ގޮތަށް "ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ" ވެސް މިއަދު ވަނީ އުފައްދަވާފައެވެ. މި ބިއުރޯގެ މަސްއޫލިއްޔަތަކީ އެކިއެކި ޕްލެޓްފޯމްތައް މެދުވެރިކޮށް ރައްޔިތުން ހުށަހަޅާ ޝަކުވާތައް ޑިޖިޓަލް ސިސްޓަމެއްގެ ތެރެއިން މެނޭޖްކޮށް، ކަމާބެހޭ އިދާރާތަކުން މައުލޫމާތު ހޯދައި ޖަވާބުދާރީވުމެވެ. މި ބިއުރޯގެ ދަށުން 24 ގަޑިއިރު ހިދުމަތްދޭ ކޯލް ސެންޓަރެއްވެސް ހިންގާނެއެވެ.
މި ދެ އޮފީސް އުފައްދަވާނެކަން ރައީސުލްޖުމްހޫރިއްޔާ އިޢުލާނުކުރެއްވީ މިއަހަރުގެ ފެބުރުވަރީ މަހުގެ 5 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން އިއްވަވަމުންނެވެ. ސަރަހައްދުތަކާބެހޭ އޮފީހާއި ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯގެ މަސައްކަތްތައް އަމަލީގޮތުން ފެށުމަށް ބޭނުންވާ އިދާރީ އިންތިޒާމުތަކާއި މުވައްޒަފުން ހޯދުމުގެ މަސައްކަތް ރައީސް އޮފީހުން މިހާރު ދަނީ ކުރަމުންނެވެ.
ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯގެ މަސައްކަތްތައް އަމަލީގޮތުން ފެށޭނީ މިއަހަރުގެ މެދުތެރޭގައި ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.