ލައިފް ސްޓައިލް

އޭލިއަނުން އުޅޭ، އެއީ ހަގީގަތެއް - އޮބާމާ

ކ

ކްރިޓިކްސް

16 ފެބްރުއަރީ 2026
07:12
އޭލިއަނުން އުޅޭ، އެއީ ހަގީގަތެއް - އޮބާމާ

އޭލިއަނުންނަކީ "ހަގީގަތެއް" ކަމަށެވެ. ނަމަވެސް އެފަދަ މަޚްލޫގެއް އަމިއްލަފުޅަށް ފެނިވަޑައިގެންފައި ނުވާކަމަށް އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ ވިދާޅުވެއްޖެއެވެ.

ޕްރޮގްރެސިވް ޕޮޑްކާސްޓަރ ބްރަޔަން ޓައިލަރ ކޯހެން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ކުރީގެ ރައީސް ވިދާޅުވީ އޭލިއަނުން އުޅޭކަމަށް ދެކެވޭ ވާހަކަ "އެއީ ހަގީގަތެއް." ކަމަށެވެ. "އެކަމަކު އަހަންނަށް އެފަދަ މަހްލީގެއް ނުފެނޭ. އޭލިއަނުން އޭރިއާ 51 ގައެއް ނުބައިތިއްބާ. ބިމުގެ އަޑީގައި ހަދާފައިވާ އެފަދަ އެއްވެސް ތަނެއް ނެތް. އެއީ ވަރަށް ބޮޑު ރޭވުމެއްގެ ދަށުން އެމެރިކާގެ ރައީސަށް ސިއްރުން އެފަދަ ކަމެއް ކޮށްފައި ނުވާނަމަ." އޮބާމާ ވިދާޅުވިއެވެ.

އޭރިއާ 51 އަކީ އެމެރިކާގެ އަސްކަރީ ބޭސްއެކެވެ. އެ ބޭސްގެ ސިއްރުތައް އެމެރިކާއިން ހިފަހައްޓާވަރުން އެތަނުގައި އެމެރިކާ އިން އޭލިއަނުން ގެންގުޅޭ ކަމަށް ބުނާ ކޮންސްޕިރަސީ ތިއަރީތައް ހުރެއެވެ.

އިންޓަވިއު ކުރި ފަރާތުން އެ މައުޟޫއާ ގުޅޭ އިތުރު ސުވާލެއް ނުކުރެއެވެ.

އޮބާމާގެ މި ކުރު ޖަވާބާ ގުޅިގެން އިންޓަނެޓުގައި ތަފާތު ވާހަކަތައް ފެތުރެން ފެށުމުން، 24 ގަޑިއިރު ފަހުން އިންސްޓަގްރާމް މެދުވެރިކޮށް އޮބާމާ ވަނީ އެކަން ސާފުކޮށްދެއްވާފައެވެ.

"އަހަރެން މަސައްކަތް ކުރީ 'ސްޕީޑް ރައުންޑް' (އަވަސް ސުވާލާއި ޖަވާބު) ގެ ރޫހާ އެއްގޮތަށް ކުރިއަށް ދާން، އެކަމަކު މިކަމަށް ބޮޑު ސަމާލުކަމެއް ލިބިފައިވާތީ ކަން އޮތްގޮތް ސާފުކޮށްދޭނަން،" އޭނާ ލިޔުއްވާފައިވެއެވެ.

"ހިސާބުތަކުން ދައްކާގޮތުގައި ކާއިނާތަކީ އެހާ ތަނަވަސް ތަނަކަށް ވުމުން، އެހެން ދިރުންތަކެއް ހުރުމުގެ ފުރުސަތު ބޮޑު. ނަމަވެސް އިރުގެ ނިޒާމުތަކުގެ ދެމެދުގައިވާ ދުރުމިން އެހާ ބޮޑުވުމުން، އޭލިއަނުން އަހަރެމެންގެ ގާތަށް ޒިޔާރަތް ކުރުމުގެ ފުރުސަތު ކުޑަ. އަދި އަހަރެންގެ ރައީސްކަމުގެ ދައުރުގައި ދުނިޔެއިން ބޭރުގެ މަޚްލޫގުން އަހަރެމެންނާ ގުޅުން ގާއިމުކުރި ކަމުގެ އެއްވެސް ހެއްކެއް ނުފެނޭ. ހަމަ ހަގީގަތަށް މި ބުނީ!"

ރައީސް އޮބާމާ އާއި ފަސްޓް ލޭޑީ މިޝޭލް އޮބާމާ ރާމާމަކުނުތަކެއްގެ ގޮތުގައި ސިފަކޮށް، ރައީސް ޑޮނަލްޑް ޓްރަމްޕް ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ވީޑިއޯއާ ގުޅިގެން އުފެދުނު ހޫނު ބަހުސަށް އޮބާމާ ވަނީ ނުސީދާކޮށް މި އިންޓަވިއުގައި ރައްދު ދެއްވާފައެވެ.

އެކަމާ ގުޅޭގޮތުން ސުވާލުކުރުމުން އޮބާމާ ވިދާޅުވީ، ސޯޝަލް މީޑިއާ އާއި ޓީވީތަކުން ފެންނަނީ "ކޮޅުނެތްކޮޅަށް ހަޑިހުތުރު ކަންތައްތަކެއް" ކަމަށެވެ.

"ހަގީގަތަކީ، ކުރިން އަދަބުވެރިކަމާއި، އަޚްލާގާއި، އަދި މަގާމަށް އިހުތިރާމް ކުރަންޖެހޭނެ ކަމަށް ގަބޫލުކުރި މީހުންގެ މެދުގައި މިހާރު މިފަދަ ކަންކަމާ މެދު އެއްވެސް ލަދުވެތިކަމެއް ހުރިހެނެއް ހީނުވޭ. އެހެންކަމުން އެ ސިފަ މިހާރު ވަނީ ގެއްލިފައި،" އޭނާ އިތުރަށް ވިދާޅުވިއެވެ.

އެ ވީޑިއޯ ޕޯސްޓް ކުރި މައްސަލައިގައި މާފަށް އެދުމަށް ޓްރަމްޕް ވަނީ ވީޑިއޯ ޕޯސްޓް ކުރިކަމަށް އިންކާރު ކުރައްވާފައެވެ. އޭނާ ވިދާޅުވީ އެ ވީޑިއޯ ހިއްސާކުރުމަށް މުވައްޒަފަކަށް އިރުޝާދު ދެއްވި ނަމަވެސް، ވީޑިއޯގެ ހަޑިހުތުރު ބައި އޭނާއަށް ފެނިވަޑައިނުގަންނަވާ ކަމަށެވެ.

"އަޅުގަނޑަކަށް މުޅި ވީޑިއޯއެއް ނުފެނޭ،" ޓްރަމްޕް ވިދާޅުވިއެވެ. "އަޅުގަނޑު ބެލީ ފުރަތަމަ ބައި. އެއީ މެޝިންތައް މެދުވެރިކޮށް ވޯޓުން މަކަރު ހަދާފައިވާ މިންވަރާއި، އެކަން އޮތް ގޮތްބޮޑުކަމާއި، އެކަމުގެ ހަޑިމުޑުދާރުކަމާ ބެހޭ ބައި. ދެން އަޅުގަނޑު އެ ވީޑިއޯ މީހުންނާ ހަވާލުކުރީ. އާންމުކޮށް އެމީހުން މުޅި އެއްޗަށް ބަލާނެ. އެކަމަކު އަޅުގަނޑަށް ހީވަނީ ކޮންމެވެސް މީހަކަށް އެކަން ނުކުރެވުނީހެން." ޓްރަމްޕް ވިދާޅުވިއެވެ.

ޓެގްތައް

ކޮމެންޓް (0)

ކޮމެންޓް ލިޔުމަށް