ނަވަލްނީ މަރާލާފައިވަނީ "ޑާޓް ފްރޮގް" ވިހަ ބޭނުންކޮށްގެން ކަމަށް ވިލާތުގެ ގައުމުތަކުން ތުހުމަތުކޮށްފި
ކްރިޓިކްސް

ވިލާތުގެ ފަސް ގައުމެއް ކަމަށްވާ އިނގިރޭސިވިލާތް، ފަރަންސޭސިވިލާތް، ޖަރުމަނުވިލާތް، ސުވިޑަން އަދި ނެދަލޭންޑްސް 2024 ވަނަ އަހަރު ރަޝިޔާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީގެ ހަށިގަނޑުން ނެގި ސާމްޕަލްތަކުގެ ލެބް ނަތީޖާތަކަށް ބިނާކޮށް، ރަޝިޔާއިން އޭނާއަށް ވިހަދީ މަރާލާފައިވާ ކަމަށް ތުހުމަތުކޮށްފައެވެ.
މި ފަސް ގައުމުގެ ސަރުކާރުން ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހަށިގަނޑުގެ ޓިޝޫ ސާމްޕަލްތަކުން "ޔަގީންކަމާއެކު" ފުރާނައަށް ނުރައްކާވާ ފަދަ ވިހައެއް ކަމަށްވާ 'އެޕިބަޓިޑިން' ފެނިފައިވާ ކަމަށެވެ. މިއީ ދެކުނު އެމެރިކާގެ ޖަންގަލިތަކުގައި އުޅޭ "ޑާޓް ފްރޮގް" ބާވަތުގެ ބޮއްތަކުން ފެންނަ ވިހައެކެވެ.
މިއުނިކް ސެކިއުރިޓީ ކޮންފަރެންސްގެ ތެރެއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، "އެލެކްސީ ނަވަލްނީ މަރާލާފައިވަނީ ނުރައްކާތެރި ވިހައެއް ދީގެންކަން އިނގިރޭސިވިލާތް، ސުވިޑަން، ފަރަންސޭސިވިލާތް، ޖަރުމަނުވިލާތް އަދި ނެދަލޭންޑްސްއަށް ޔަގީންކުރެވޭ" ކަމަށެވެ.
އިނގިރޭސިވިލާތުގެ ފޮރިން، ކޮމަންވެލްތް އެންޑް ޑިވެލޮޕްމަންޓް އޮފީހުން ނެރުނު ބަޔާނެއްގައި އިތުރަށް ބުނެފައިވަނީ، މި ވިހަ ދިނުމުގެ "ވަސީލަތްތަކާއި، ބޭނުމާއި، އަދި ފުރުސަތު" ރަޝިޔާއަށް އޮތް ކަމަށެވެ.
ރަޝިޔާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު މާރިއާ ޒަޚަރޯވާ ދައުލަތުގެ އާރު.އައި.އޭ ނޮވޮސްޓީ ނިއުސް އެޖެންސީއަށް ވިދާޅުވީ، ޓެސްޓްގެ ނަތީޖާތައް ރަސްމީކޮށް އާންމުކުރުމުން ނޫނީ އެކަމާ ބެހޭގޮތުން އެއްޗެއް ވިދާޅުނުވާނެ ކަމަށާއި، އަދި މިހާތަނަށް އެފަދަ ނަތީޖާއެއް އާންމުކޮށްފައި ނުވާކަމަށެވެ.
މި ފަސް ގައުމުން ބުނެފައިވަނީ، ކެމިކަލް ހަތިޔާރު މަނާކުރާ މުއާހަދާއާ ރަޝިޔާއިން ޚިލާފުވެފައިވާތީ، އެ މައްސަލަ އޯގަނައިޒޭޝަން ފޯ ދަ ޕްރޮހިބިޝަން އޮފް ކެމިކަލް ވެޕަންސްއަށް ހުށަހަޅާނެ ކަމަށެވެ. މިކަމާ ގުޅޭގޮތުން އެ ޖަމިއްޔާއިން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.
ރަޝިޔާ ސަރުކާރުގެ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކޮށް، ރައީސް ލަޑިމިއަރ ޕޫޓިންގެ އެންމެ ބޮޑު ދުޝްމަނުގެ ގޮތުގައި ރަޝިޔާ ސަރުކާރާއި ދެކޮޅަށް މުޒާހަރާތައް އިންތިޒާމުކުރި ނަވަލްނީ މަރުވީ، ސިޔާސީ މަގްސަދެއްގައި ދީފައިވާ އަދަބެއް ކަމަށް އޭނާ ބުނަމުންދިޔަ 19 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން ދަނިކޮށް، 16 ފެބްރުއަރީ 2024 ގައި އާކްޓިކް ސަރަހައްދުގެ ޖަލެއްގައެވެ.
އެޕިބަޓިޑިން އަކީ ގުދުރަތީ ގޮތުން ބޮއްތަކުން ފެންނަ އެއްޗަކަށް ވިޔަސް، މިއީ ލެބޯޓްރީގައި ވެސް އުފެއްދިދާނެ އެއްޗެކެވެ. ވިލާތުގެ ސައިންސްވެރިން ލަފާކުރާ ގޮތުގައި ނަވަލްނީއަށް ވިހަދިނުމުގައި ބޭނުންކޮށްފައިވަނީ ލެބޯޓްރީގައި އުފައްދާފައިވާ ވިހައެކެވެ. މި ވިހައިގެ ސަބަބުން ނޭވާލާން އުނދަގޫވުމާއި، ހަށިގަނޑު ތުރުތުރުލުމާއި، ފިޓުޖެހުމާއި، އަދި ހިތުގެ ވިންދު ލަސްވުން ފަދަ ކަންކަން މެދުވެރިވެއެވެ. މި ވިހަ ހަމައެކަނި ހަމުގައި ބީހުމުން ވެސް މީހާ މަރުވެދާނެއެވެ.
މި ފަސް ގައުމުން ބުނެފައިވަނީ، މުއާހަދާއާ ތަކުރާރުކޮށް ރަޝިޔާއިން ޚިލާފުވަމުންދާތީ އެ ގައުމު ޖަވާބުދާރީ ކުރުވަންޖެހޭ ކަމަށެވެ.
އިނގިރޭސި ފޮރިން ސެކްރެޓަރީ އިވެޓް ކޫޕާ ވަނީ މިއުނިކް ސެކިއުރިޓީ ކޮންފަރެންސްގެ ތެރެއިން ނަވަލްނީގެ ހުވަފަތް އަނބިމީހާ، ޔޫލިއާ ނަވަލްނާޔާއާ ބައްދަލުކުރައްވާފައެވެ. އޭނާ ވިދާޅުވީ މި އާ ހޯދުންތަކުން "ނަވަލްނީގެ އަޑު ކަނޑުވާލުމަށް ރަޝިޔާއިން ރޭވި އަނިޔާވެރި ރޭވުން ހާމަވެގެންދާ" ކަމަށެވެ.
ފަރަންސޭސި ފޮރިން މިނިސްޓަރު ޖީން-ނޮއެލް ބަރޯ އެކްސްގައި ލިޔުއްވާފައިވަނީ، މި ތުހުމަތުކުރެވޭ ވިހަދިނުމުގެ ހާދިސާއިން އެނގެނީ "ވެރިކަމުގައި ދެމިހުރުމަށްޓަކައި އަމިއްލަ ރައްޔިތުންނާ ދެކޮޅަށް ބަޔޮލޮޖިކަލް ހަތިޔާރު ބޭނުންކުރުމަށް ވެސް ލަޑިމިއަރ ޕޫޓިން ހުންނެވީ ތައްޔާރަށް" ކަމަށެވެ.
ރަޝިޔާ ސަރުކާރުން ވަނީ ނަވަލްނީގެ މަރުގައި އެއްވެސް ބައިވެރިވުމެއް އޮތްކަމަށް ތަކުރާރުކޮށް އިންކާރުކޮށްފައެވެ. ކަމާބެހޭ ފަރާތްތަކުން ބުނެފައިވަނީ އޭނާ މަރުވީ ހިނގާލަން ނުކުމެ އުޅުމުގެ ތެރޭގައި ބަލިވެގެން، ގުދުރަތީ ސަބަބަކާ ހުރެ ކަމަށެވެ.
"ޓެސްޓްގެ ނަތީޖާތައް ލިބުމުން، އެ މާއްދާތަކުގެ ފޯމިއުލާތައް އެނގުމުން، އެކަމަށް ކޮމެންޓެއް ކުރެވޭނެ. އެ ނޫން ގޮތަކަށް ދައްކާ ހުރިހާ ވާހަކަތަކަކީ ހުޅަނގުގެ ބޮޑެތި މައްސަލަތަކުން ސަމާލުކަން އަނބުރާލުމަށް ފަތުރާ މަޢުލޫމާތުތަކެއް،" ޒަޚަރޯވާ ވިދާޅުވިއެވެ.
'ސައިންސުން ސާބިތުވާ ހަގީގަތެއް؟'
ނަވަލްނީގެ ހަށިގަނޑުން ސާމްޕަލްތައް ހޯދީ ކިހިނެއް ކަމެއް ނުވަތަ އެ ތަކެތި ތަހުލީލުކުރީ ކޮންތާކު ކަމެއް ސާފެއް ނޫނެވެ. ކޫޕާ ނޫސްވެރިންނަށް ވިދާޅުވީ، ނަވަލްނީގެ މަރުގެ ހަގީގަތް ހޯދުމަށް "އިނގިރޭސި ސައިންސްވެރިން ވިލާތުގެ ބައިވެރިންނާއެކު މަސައްކަތްކޮށްފައިވާ" ކަމަށެވެ. ނަވަލްނާޔާ ވިދާޅުވީ އޭނާގެ ފިރިކަލުން "އަވަހާރަކޮށްލުން" އެއީ މިހާރު "ސައިންޓިފިކް ގޮތުން ސާބިތުވެފައިވާ ހަގީގަތެއް" ކަމަށެވެ.
މިއުނިކް ސެކިއުރިޓީ ކޮންފަރެންސްގެ ހަވާސާގައި ވާހަކަދައްކަވަމުން ނަވަލްނާޔާ ވިދާޅުވީ، "މީގެ ދެ އަހަރު ކުރިން އަޅުގަނޑު މި ސްޓޭޖަށް އަރައި ބުނިން އަޅުގަނޑުގެ ފިރިކަލުން އަވަހާރަކޮށްލީ ލަޑީމިއަރ ޕޫޓިން ކަމަށް. އެއީ ގާތިލުކަމެއްކަން އޭރުވެސް އަޅުގަނޑަށް ޔަގީން، އެކަމަކު އޭރު އެއީ ހަމައެކަނި ބަސްތަކެއް. ނަމަވެސް މިއަދު އެ ބަސްތަކަކީ ސައިންޓިފިކް ގޮތުން ސާބިތުވެފައިވާ ހަގީގަތަކަށް ވެއްޖެ،" ނަވަލްނާޔާ އިތުރަށް ވިދާޅުވިއެވެ.
ނަވަލްނީއަކީ 2020 ވަނަ އަހަރުވެސް ނާރވް އޭޖެންޓެއް ބޭނުންކޮށްގެން ވިހަދީގެން ހަމަލާދީފައިވާ ބޭފުޅެކެވެ. އެ ހަމަލާގެ ތުހުމަތު އޭނާ ކުރެއްވީ ރަޝިޔާއަށެވެ.
އެ ފަހަރު ފަރުވާއަށް އޭނާ ޖަރުމަނަށް ގެންދެވުނެވެ. އަދި ފަސް މަސް ފަހުން އެނބުރި ރަޝިޔާއަށް ވަޑައިގަތުމާއެކު، ވަގުތުން ހައްޔަރުކޮށް، އޭނާގެ ހަޔާތުގެ ބާކީ އޮތް ތިން އަހަރު ހޭދަކުރެއްވީ ޖަލުގައެވެ.
2018 ވަނަ އަހަރު އިނގިރޭސިވިލާތުގައި ރަޝިޔާގެ ޑަބަލް އެޖެންޓް ސަރގޭ ސްކްރިޕަލްއަށް ވިހަދިން މައްސަލައިގައި ޔޫކޭއިން އާންމު ތަހުގީގެއް ހިންގިއެވެ. މިދިޔަ އަހަރު އެ ތަހުގީގު ނިންމާލަމުން ކަނޑައެޅީ، ނޮވިޗޮކް ނާރވް އޭޖެންޓް ބޭނުންކޮށްގެން ދިން އެ ހަމަލާއަކީ ޕޫޓިންގެ އަމުރަށް ދީފައިވާ ހަމަލާއެއް ކަމަށެވެ. ރަޝިޔާއިން ވަނީ މިކަމުގައި ބައިވެރިވުން އޮތްކަމަށް އިންކާރުކޮށްފައެވެ.
މީގެ އިތުރުން، 2006 ވަނަ އަހަރު ލަންޑަނުގައި ރޭޑިއޯއެކްޓިވް އައިސޮޓޯޕް ޕޮލޯނިއަމް-210 ބޭނުންކޮށްގެން އަލެކްސެންޑަރ ލިޓްވިނެންކޯ އަވަހާރަކޮށްލި މައްސަލައިގައިވެސް ރަޝިޔާއިން ވަނީ އިންކާރުކޮށްފައެވެ. ލިޓްވިނެންކޯއަކީ ކުރިން ރަޝިޔާގެ އެޖެންޓެއްގެ ގޮތުގައި މަސައްކަތްކުރުމަށްފަހު ފަހުން ރަޝިޔާއަށް ފާޑުކިޔަން ފެށި މީހެކެވެ. އިނގިރޭސި ތަހުގީގަކުން ނިންމާފައިވަނީ ލިޓްވިނެންކޯ އަވަހާރަކޮށްލީ ރަޝިޔާގެ ދެ އެޖެންޓުން ކަމަށެވެ.