ކޯލް ބޭނުންކޮށްގެން ކަރަންޓު އުފައްދާ ޖަނަރޭޓަރު ގަންނަން ޓްރަމްޕް ޕެންޓަގަންއަށް އަމުރުކުރައްވައިފި
ހުސެއިން އާދަމް

ކޯލްގެ އަގު ބޮޑުވުމާއި މޫސުމަށް އަންނަ ބަދަލުތަކުގެ ކަންބޮޑުވުންތަކާ ހުރެ، އެ ބާވަތުގެ ފޮސިލް ފިއުލްއަށް އޮތް ޑިމާންޑް ދަށްވަމުންދާތީ، އެކަން އަލުން އާލާކުރުމަށް ކުރައްވާ މަސައްކަތުގެ ދަށުން، ކޯލް ބޭނުންކޮށްގެން ކަރަންޓް އުފައްދާ ޖަނަރޭޓަރު ގަތުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޕެންޓަގަންއަށް އަމުރުކުރައްވައިފިއެވެ.
ބުދަ ދުވަހު ސޮއިކުރެއްވި ރިޔާސީ ގަރާރެއްގައި، ޓްރަމްޕް ވަނީ ކޯލް ބޭނުންކޮށްގެން ކަރަންޓު އުފައްދާ ޕްލާންޓްތަކާއެކު ދިގު މުއްދަތުގެ އެއްބަސްވުންތައް ގާއިމުކުރުމަށާއި، "ކޯލްގެ ހަކަތައިގެ ވަސީލަތްތައް" ރައްކާތެރިކޮށް އިސްތިރާތީޖީ ގޮތުން ބޭނުންކުރުމަށް އެމެރިކާގެ ޑިފެންސް ޑިޕާޓްމަންޓަށް އަންގަވާފައެވެ.
ނަމަވެސް، ޕެންޓަގަންއިން ގަންނާނީ ކިހާ މިންވަރެއްގެ ހަކަތައެއް ކަމެއް ނުވަތަ އެކަން ކުރާނީ މާލީ ގޮތުން ކޮން އުސޫލުތަކެއްގެ ދަށުން ކަމެއް ޓްރަމްޕްގެ އަމުރުގައި ބަޔާންކޮށްފައެއް ނުވެއެވެ.
"ތިޔަބޭފުޅުން ކުރައްވަނީ ވަރަށް ބޮޑު މަސައްކަތެއް،" ކޯލްގެ ސިނާއަތުގެ އިސްވެރިންނާއި މަސައްކަތްތެރިން ބައިވެރިވި ވައިޓް ހައުސްގެ ހަފުލާއެއްގައި ޓްރަމްޕް ވިދާޅުވިއެވެ.
"ތިޔަބޭފުޅުން އަޅުގަނޑުމެންގެ ގެތައް ހޫނުކޮށްދީ، ފެކްޓްރީތައް ހިންގައިދީ، ގުދުރަތީ ވަސީލަތްތައް އެމެރިކާގެ މުއްސަނދިކަމާއި ހުވަފެންތަކަށް ބަދަލުކޮށްދޭ،" އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ނޯތު ކެރޮލައިނާ، އޯހިއޯ، ވެސްޓް ވާޖިނިއާ، ކެންޓަކީ އަދި ވާޖިނިއާގައި ހުރި ކޯލް ބޭނުންކުރާ ހަ ޕްލާންޓެއް އަޕްގްރޭޑް ކުރުމަށް އެމެރިކާގެ އެނާޖީ ޑިޕާޓްމަންޓުން 175 މިލިއަން ޑޮލަރު އިންވެސްޓް ކުރާނެކަން ވެސް ޓްރަމްޕް އިއުލާނު ކުރެއްވިއެވެ.
"މިއަދު މިތަނުގައި ތިބި އެންމެ މުހިންމު ބަޔަކީ، އެމެރިކާ ފުރިހަމަ ބާރުމިނުގައި ހިންގުމަށްޓަކައި އަތްފައި ހަޑިކޮށްލައިގެން މަސައްކަތްކުރާ އަޅުގަނޑުމެންގެ ކުރީ ސަފުގެ ކޯލް މަސައްކަތްތެރިން،" ޓްރަމްޕް ވިދާޅުވިއެވެ.
ގުދުރަތީ ގޭހާއި، ވައިގެ ހަކަތަ، ފެން، އަދި އިރުގެ ހަކަތަ ފަދަ އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތަކާ އޮތް ވާދަވެރިކަން ބޮޑުވުމުގެ ސަބަބުން، އެމެރިކާގައި ކޯލް އުފައްދާ މިންވަރު ފާއިތުވި ދިހަވަރަކަށް އަހަރު ތެރޭގައި ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ.
އެމެރިކާގެ އެނާޖީ އިންފޮމޭޝަން އެޑްމިނިސްޓްރޭޝަނުން ބުނާ ގޮތުގައި، 2008 އާއި 2023 އާ ދެމެދު ކޯލް އުފައްދާ މިންވަރު ދެބައިކުޅަ އެއްބަޔަށް ވުރެ ބޮޑަށް ދަށްވެ، 2023 ވަނަ އަހަރު އެ އަދަދު ވަނީ 578 މިލިއަން ޓަނަށް ތިރިވެފައެވެ.
2023 ވަނަ އަހަރު އެމެރިކާގައި އުފެއްދި ހަކަތައިގެ ތެރެއިން ކޯލް ހިއްސާކުރީ ގާތްގަނޑަކަށް 16 އިންސައްތައެވެ. އެއާ ހިލާފަށް ގުދުރަތީ ގޭސް 43 އިންސައްތަ އަދި އިއާދަކުރަނިވި ހަކަތަ 21 އިންސައްތަ ހިއްސާކުރެއެވެ.
ކެލިފޯނިއާގެ ނޮން-ޕްރޮފިޓް ޖަމިއްޔާއެއް ކަމަށްވާ އެނާޖީ އިނޮވޭޝަނުން 2023 ވަނަ އަހަރު ކުރި ދިރާސާއަކުން ދައްކާ ގޮތުގައި، އެމެރިކާގައި ކޯލް ބޭނުންކޮށްގެން ހިންގާ ޕްލާންޓްތަކުގެ 99 އިންސައްތަ ހިންގުމަށް ހިނގާ ހަރަދަށް ވުރެ، އެ ތަންތަނުގެ ބަދަލުގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރުމުގެ ހަރަދު ކުޑައެވެ.
ކޯލްގެ ވާދަވެރިކަން ކުޑަވެ، މޫސުމަށް ބަދަލު އަންނަ ގްރީންހައުސް ގޭސްތައް ބޭރުކުރާ މިންވަރު އިތުރުވި ނަމަވެސް، ޓްރަމްޕް ވަނީ "ރީތި، ސާފު ކޯލް" އަލުން އާލާކުރުމަކީ އެމެރިކާގެ އުފެއްދުންތެރިކަން އިތުރުކުރުމަށާއި އާޓިފިޝަލް އިންޓެލިޖެންސްގެ ދާއިރާއިން އެމެރިކާ ކުރިހޯދުމަށް ކޮންމެހެން ބޭނުންތެރި ކަމެއްގެ ގޮތުގައި ވަކާލާތު ކުރައްވާފައެވެ.
ޕެރިސް ކްލައިމެޓް އެކޯޑުން އެމެރިކާ ވަކިކުރައްވައި، ދުނިޔެ ހޫނުވުމާ ބެހޭ ސައިންޓިފިކް ހޯދުންތަކަކީ "އޮޅުވާލުމެއް" ކަމަށް ސިފަކުރައްވާފައިވާ ޓްރަމްޕް، ވެރިކަމުގެ ފުރަތަމަ ދުވަހު ވަނީ ބާވެފައިވާ ކޯލް ޕްލާންޓްތައް ބަންދުވުން ހުއްޓުވުމަށްޓަކައި "ހަކަތައިގެ ކުއްލި ނުރައްކަލުގެ ހާލަތު" އިއުލާނު ކުރައްވާފައެވެ.
ޓްރަމްޕްގެ އަމުރަށްފަހު، އެމެރިކާގެ އެނާޖީ ޑިޕާޓްމަންޓުން ވަނީ މަދުވެގެން ފަސް ޕްލާންޓެއް، އެ ތަންތަން ބަންދުކުރަން ކަނޑައަޅާފައިވާ ތާރީހަށް ވުރެ އިތުރަށް ހިންގުމަށް މަޖުބޫރުކޮށްފައެވެ.
މީގެ އިތުރުން، އެމެރިކާގެ އެންމެ ބޮޑު އާންމު ހިދުމަތްދޭ ކުންފުނި ކަމަށްވާ ޓެނެސީ ވެލީ އޮތޯރިޓީ (ޓީ.ވީ.އޭ) އިން ބުދަ ދުވަހު ވަނީ، 2035 ވަނަ އަހަރު ބަންދުކުރަން ނިންމާފައިވާ ދެ ކޯލް ޕްލާންޓެއްގެ މުއްދަތު އިތުރުކުރުމަށް ވޯޓު ދީފައެވެ.
ޓީ.ވީ.އޭ އިން މިގޮތަށް ނިންމާފައިވަނީ، ކުރީގެ ރައީސް ޖޯ ބައިޑަން އައްޔަންކުރެއްވި ތިން ބޯޑު މެންބަރަކު ޓްރަމްޕް ވަކިކުރެއްވުމަށްފަހު، މިދިޔަ މަހު އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ޓްރަމްޕް އިތުރު ހަތަރު މެންބަރަކު އައްޔަންކުރެއްވި ފަހުންނެވެ.