އެޑިއުކޭޝަން މިނިސްޓްރީން މުވައްޒަފުންގެ ޕެންޝަން ޖަމައެއް ނުކުރޭ!
ހުސެއިން އާދަމް

މިނިސްޓްރީ އޮފް އެޑިއުކޭޝަންގައި މަސައްކަތްކުރާ މުވައްޒަފުންގެ ޕެންޝަން ފަންޑަށް ފައިސާ ޖަމާނުކުރާތާ މިހާރު ބައި އަހަރު ވެއްޖެއެވެ.
ޕެންޝަން ގަވާއިދު ބުނާގޮތުން ކޮންމެ މުވައްޒަފެއްގެ އަސާސީ މުސާރައިން ހަތް އިންސައްތަ އުނިކުރަންޖެހޭއިރު، ވަޒީފާދޭ ފަރާތުންވެސް އެ މުވައްޒަފަކަށްޓަކައި އެވަރުގެ އަދަދެއް ޕެންޝަނަށް އިތުރުކޮށްދޭން ޖެހެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، މުވައްޒަފުންގެ މުސާރައިން އުނިކުރާ ބައި ޕެންޝަން އޮފީހަށް ދައްކަމުންދިޔަ ނަމަވެސް، ދައުލަތުގެ ފަރާތުން އެ މިނިސްޓްރީން ދައްކަންޖެހޭ ބައި ދައްކަމުންނެއް ނުދެއެވެ. ބައެއް މުވައްޒަފުންގެ ޕެންޝަން ސްޓޭޓްމަންޓްތަކުން މިކަން ވަނީ ކަށަވަރުވެފައެވެ.
މި މައްސަލައާ ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓްރީގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފައެވެ. މި ހަބަރު ޝާއިއުކުރިއިރުވެސް އެ މިނިސްޓްރީން އެއްވެސް ޖަވާބެއް ދީފައެއް ނުވެއެވެ.
މީގެ ކުރިން ވެމްކޯއިންވެސް ޕެންޝަން ފައިސާ ނުދައްކާ އޮތް މައްސަލައެއް ފެންމަތިވިއެވެ. މިދިޔަ ޖެނުއަރީ މަހު އެކަން ހާމަވިއިރު، 14 މަސް ދުވަސް ވަންދެން އެ ކުންފުނިން ޕެންޝަން ފައިސާ ދައްކާފައެއް ނުވެއެވެ.
ވެމްކޯއިން ވަނީ މުވައްޒަފުންގެ މުސާރައިން އުނިކުރި ފައިސާވެސް ޕެންޝަން އެކައުންޓަށް ނުފޮނުވައި ހިފަހައްޓާފައެވެ. މިއީ ގާނޫނީ ގޮތުން ބޮޑު ކުށެކެވެ. މީގެ އިތުރުން ސަރުކާރުގެ އެހެން ބައެއް މުއައްސަސާތަކުންވެސް ޕެންޝަން ފައިސާ ނުދައްކާ ކަމުގެ ޝަކުވާތައް ދަނީ ލިބެމުންނެވެ.
ވަޒީފާ އަދާކުރާ ކޮންމެ ދިވެއްސަކާއި އެމީހަކު ގެންގުޅޭ ފަރާތުންވެސް ޕެންޝަން ފަންޑަށް ފައިސާ ދެއްކުމަކީ ލާޒިމް ކަމެކެވެ. ޕެންޝަން ޕޯޓަލް މެދުވެރިކޮށް ކޮންމެ މީހަކަށްވެސް އެމީހެއްގެ އެކައުންޓަށް ފައިސާ ޖަމާވާ މިންވަރާއި، ތާރީހު އަދި އިންވެސްޓްމަންޓްތަކުން ލިބޭ ފައިދާ ބަލައިލެވޭނެއެވެ.