ތިމަރަފުށީ މުސްތަފާ ރައީސް އިބޫއަށް މަރުގެ އިންޒާރުދީފި
ކްރިޓިކްސް

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) އަވަހާރަކޮށްލަން ޖެހޭ ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށި ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު މުސްތަފާ އިއްޔެ ސޯޝަލް މީޑިއާގައި ވާހަކަދައްކަވައިފިއެވެ.
މިކަމާ ގުޅިގެން ނޫސްވެރިން ފުލުހުންގެ މީޑިއާ ގްރޫޕުގައި ތަކުރާރުކޮށް ސުވާލުކުރި ނަމަވެސް، ފުލުހުންގެ އިދާރާއިން މިހާތަނަށް އެއްވެސް ރަސްމީ ޖަވާބެއް ދީފައެއް ނުވެއެވެ. އަދި ވަކިވަކިން ގުޅައިގެން މައުލޫމާތު ހޯދަން ކުރި މަސައްކަތުން ވެސް ފުލުހުންގެ ބަހެއް ލިބޭ ގޮތް ވަނީ ނުވެފައެވެ.
ކުރިން އެމްޑީޕީގައި އިސްކޮށް އުޅުއްވި މުސްތަފާގެ ޕޯސްޓުގައި ވިދާޅުވެފައިވަނީ، ސޯލިހަކީ ދުނިޔޭގައި ބަހައްޓަން ހެޔޮވާވަރުގެ ބޭފުޅެއް ނޫން ކަމަށާއި، މުސްތަފާ ފަދަ ހަރުކަށި މީހަކު ވެރިކަމުގައި ނެތުމަކީ ސޯލިހަށް ލިބުނު ބޮޑު ނަސީބެއް ކަމަށެވެ. މީގެ އިތުރުން، އިސްލާމީ ޝަރީއަތް ހިނގާ ގައުމެއް ނަމަ ނުވަތަ ޗައިނާ ފަދަ ގައުމެއް ނަމަ، ރައީސް ސޯލިހާއި ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ފަދަ ބޭފުޅުންނަށް މަރުގެ އަދަބު ދޭނެ ކަމަށް ވެސް އޭނާ ލިއުއްވާފައިވެއެވެ.
މުސްތަފާ މިފަދަ ހަރުކަށި ބަސްތަކެއް ބޭނުންކުރައްވަނީ، ރައީސް ސޯލިހު އޭނާއަށް 1.7 މިލިއަން ޑޮލަރު ދޭންޖެހޭ ކަމަށް ބުނާ މައްސަލައެއްގައެވެ. އޭނާ ވިދާޅުވާ ގޮތުގައި މިއީ މެންބަރުން ގަތުމަށާއި އިންތިހާބީ ކަންކަމަށް އޭނާ އަމިއްލައަށް ހޭދަކުރި ފައިސާއެވެ. މި މައްސަލައިގައި މުސްތަފާ ވަރަށް ހުތުރު ބަހުން ފާޑުވިދާޅުވަމުން ގެންދާއިރު، ރައީސް ސޯލިހުގެ ފަރާތްޕުޅުން މިކަމަށް އެއްވެސް ރައްދެއް މިހާތަނަށް ދެއްވާފައެއް ނުވެއެވެ.
2023 ވަނަ އަހަރުގެ ފެބްރުއަރީ މަހު މުސްތަފާގެ އެކްސް އެކައުންޓުން ކުރި ޕޯސްޓެއްގައި ރައީސް އިބޫގެ މޫނަށް ކުޅު ޖަހާ މީހަކަށް 50،000ރ. ހުށަހެޅިއެވެ. އެ މައްސަލަ ފުލުހުން ބަލަންފަށައި އެކަމާ ގުޅިގެން އޭނާ ފުލުހުންގެ އިދާރާ އަށް ހާޒިރު ކުރުމުން ބުނީ ޓްވީޓް ކުރީ އޭނާ ނޫންކަމަށެވެ.
މުސްތަފާ ވިދާޅުވި ގޮތުގައި ގޭތެރޭގައި އޭނާގެ ފޯނު އޮންނަނީ ހުޅުވާލައިފަ އެވެ. އަދި އެ ފޯނުން ދެތިން މީހަކު ޓްވީޓު ކުރާ ކަމަށް ވިދާޅުވި އެވެ. "އަޅުގަނޑު ބުނިން އަޅުގަނޑު ގެންގުޅޭ ފޯނަކީ ހުޅުވާލާފައި އޮންނަ އެއްޗެކޭ. ގޭތެރޭގައި އުޅެއޭ ދެތިން މީހުން،" މުސްތަފާ އޭރު މީޑިއާގައި ވިދާޅުވި އެވެ.
ރައީސްގެ މޫނަށް ކުޅުޖަހަން ގޮވާލައި އެހެން މީހަކު ޓްވީޓު ކުރި ނަމަ އެކަމަށް މާފަށް އެދިވަޑައިނުގަތީ ކީއްވެތޯ އާއި މާފަށް އެދިވަޑައިގަންނަވާނަންތޯ އެހުމުން މުސްތޮފާ ވިދާޅުވީ، އިބޫއަކީ ދޮގުވެރި، މަކަރުވެރި، ހިޔާނާތްތެރިއެއް ކަމަށާއި ކުޅު ޖަހަން ގޮވާލައި ޓްވީޓު ކުރި މީހަކު އެކަން ކުރީ ރަނގަޅަށް ކަމަށެވެ.