ސައިންޓިފިކް ރިކޮންސްޓްރަކްޝަނަކަށްފަހު 400 އަހަރުވީ "ވެމްޕަޔަރެއްގެ" މޫނު ދައްކާލައިފި
ހުސެއިން އާދަމް

ސައިންޓިފިކް ރިކޮންސްޓްރަކްޝަނަކަށްފަހު 400 އަހަރުވީ "ވެމްޕަޔަރެއްގެ" މޫނު ދައްކާލައިފި
އިރުމަތީ ކްރޮއޭޝިއާގެ ރަޗޭސާ ކިއްލާގެ ކަށްވަޅަކުން ފެނުނު، މަރުވުމަށްފަހު "ވެމްޕަޔަރެއްގެ" ގޮތުގައި ދެކިގެން ކަންތައްތަކެއް ކޮށްފައިވާ މީހެއްގެ މޫނު ސައިންސްވެރިން އަލުން ބިނާކޮށް ދައްކާލައިފިއެވެ. 15 ވަނަ ނުވަތަ 16 ވަނަ ގަރުނަށް ނިސްބަތްވާ މި ކަށްވަޅުން ފެނުނު ހަށިގަނޑަށް ގަސްތުގައި ގެއްލުންދީފައިވާކަމުގެ ސާފު ހެކިތައް ފެންނަން ހުއްޓެވެ.
އެގޮތުން، ހަށިގަނޑު ކޮނެގެން ނަގައި، ބޯ ބުރިކޮށް، މޫނު ވަތަށް ބާއްވައި އަލުން ވަޅުލުމަށްފަހު، މަތީގައި ބަރު ހިލަ ބަހައްޓާފައިވެއެވެ. މިއީ ތާރީޚީ ގޮތުން ވެމްޕަޔަރުންނާ ދެކޮޅަށް ކުރާ ކަންކަމުގެ ގޮތުގައި ފާހަގަކުރެވިފައިވާ ކަންކަމެވެ.
އާކިއޮލޮޖިސްޓުން ބުނާ ގޮތުގައި މި ގެއްލުންތަކަކީ ތަބީއީ ސަބަބުތަކާ ހުރެ ލިބިފައިވާ ގެއްލުންތަކެއް ނޫނެވެ. އެހެންކަމުން މިއީ އެ މީހާ ވެމްޕަޔަރެއްގެ ގޮތުގައި އަލުން ދިރިގެން ތެދުވިޔަ ނުދިނުމަށް ކޮށްފައިވާ ކަންކަން ކަމަށް މާހިރުން ނިންމައެވެ.
ބަޔޯ-އާކިއޮލޮޖިކަލް ދިރާސާތަކުން ދައްކާ ގޮތުގައި އޭނާއަކީ އަނިޔާވެރި ދިރިއުޅުމެއް އުޅުނު، އަދި އަނިޔާވެރި ގޮތަކަށް މަރުވި މީހެކެވެ. އޭނާގެ ހަށިގަނޑުން އެކަކު އަނެކަކަށް ދޭ ހަމަލާތަކުގެ ތިން ބޮޑު އަނިޔާއެއް ފެންނަން ހުއްޓެވެ. އޭގެ ތެރެއިން އެއް ހަމަލާއެއްގައި އޭނާގެ މޫނު ވަރަށް ބޮޑަށް ސިފަގެއްލިފައިވާއިރު، މީގެ ސަބަބުން އޭނާ ދިރިހުރި ދުވަސްވަރު މީހުން އޭނާދެކެ ބިރުގަނެ، މުޖުތަމައުން އެކަހެރިކޮށް، ޝައްކުގެ ނަޒަރުން ބަލާފައިވާނެ ކަމަށް ސައިންސްވެރިން ގަބޫލުކުރެއެވެ.
އާކިއޮލޮޖިސްޓް ނަޓާޝާ ޝާކިޗް ކިޔައިދެއްވި ގޮތުގައި، ސްލަވިކް ސަގާފަތުގައި އަނިޔާވެރިކޮށް އުޅޭ މީހުންނާއި، އަނިޔާވެރި ގޮތަކަށް މަރުވާ މީހުން ނުވަތަ ފާފަވެރިންނާއި މުޖުތަމައުން ބަލައިނުގަންނަ އަމަލުތައް ކުރާ މީހުންނަކީ ވެމްޕަޔަރުންނަށް ވުމުގެ ފުރުސަތު އޮތް ބައެއް ކަމަށް ދެކެއެވެ.
މިފަދަ މީހުންނަކީ މަރުވުމަށްފަހު އަރާމެއް ނެތި އުޅޭ، ދިރިތިބީންނަށް ގެއްލުންދީ، ބަލިމަޑުކަން ފަތުރައި، މީހުންނާއި ގެންގުޅޭ ޖަނަވާރުތައް މަރާ ބައެއް ކަމަށް ގަބޫލުކުރެވުނެވެ. އެމީހުން ގަބޫލުކުރާ ގޮތުގައި މަރުވުމަށްފަހު ގާތްގަނޑަކަށް 40 ދުވަސް ވަންދެން ފުރާނަ ހަށިގަނޑުގެ ކައިރީގައި އުޅެއެވެ. އެހެންކަމުން އެ މުއްދަތުގައި އޭނާ އެނބުރި އައުން ހުއްޓުވުމަށްޓަކައި ހަށިގަނޑަށް ދަގަނޑު ކޮށްޕުން، އަންދާލުން، ބޯ ބުރިކުރުން، ގުނަވަންތައް ބަނުން، މޫނު ވަތަށް ބާއްވައި ވަޅުލުން ނުވަތަ ހަށިގަނޑު މަތީގައި ބަރު ހިލަ ބެހެއްޓުން ފަދަ ކަންކަން ކުރެއެވެ.
މި މޫނު އަލުން ބިނާކޮށްފައިވަނީ ގްރެފިކްސް މާހިރު ސިސޭރޯ މޮރޭސްއެވެ. އޭނާ ވަނީ ސީޓީ ސްކޭން ބޭނުންކޮށްގެން ކުދިކުދިވެފައިވާ ނާށިގަނޑު ޑިޖިޓަލްކޮށް އަލުން ގުޅުވާފައެވެ. އެއަށްފަހު ދިރިތިބި މީހުންގެ އެނަޓޮމިކަލް މައުލޫމާތު ބޭނުންކޮށްގެން މޫނުގެ ބައިތައް ހުންނާނެ ގޮތާއި މަސްތަކުގެ ބޯމިން އަންދާޒާކޮށްފައިވެއެވެ.
މޮރޭސް ބުނި ގޮތުގައި އޭނާގެ މޫނުން ފެންނަނީ "ރުޅިވެރި" އަދި "ބިރުވެރި" ސިފައެކެވެ. މިއީ އޭނާއަށް ލިބިފައިވާ ލަކުނުތަކާއި އަނިޔާތަކުގެ ސަބަބުން ފެންނަ ސިފައެކެވެ.
މި މީހާގެ އިސްކޮޅުގައި ގާތްގަނޑަކަށް 5 ފޫޓު 4 އިންޗި ހުރިއިރު، އޭނާ މަރުވީ އުމުރުން 40 އާއި 50 އަހަރާ ދެމެދުގައި ކަމަށް ބެލެވެއެވެ. އޭނާއަށް ލިބިފައިވާ އަނިޔާތަކަށް ބަލާއިރު، އޭނާއަކީ ސިފައިންގެ މީހެއް ނުވަތަ އަބަދުވެސް އަނިޔާވެރި މާހައުލެއްގައި އުޅުނު މީހެއް ކަމަށް ސައިންސްވެރިން ލަފާކުރެއެވެ. އޭނާ ވަޅުލާފައިވަނީ ފައްޅިއެއް ކަމަށް ބެލެވޭ ތަނެއްގެ އެންމެ ދަށު ދަރަޖައިގެ ކަމަށް ބެލެވޭ ފާރު ކައިރީގައެވެ. އޭނާގެ ބޯ ބުރިކޮށްފައިވަނީ ތޫނު އެއްޗަކުން ނޫން ކަމާއި، ބޯ ހަށިގަނޑާ ވަކިކޮށްފައިވަނީ ދަމައި ކަނޑާލައިގެން ކަމަށް ބެލެވޭ ކަމެވެ.
2023 ވަނަ އަހަރު ފެނުނު މި ކަށްވަޅަކީ ޒަގްރެބްގެ އިރުދެކުނުން 70 މޭލު ދުރުގައި އޮންނަ ރަޗޭސާ ކިއްލާއިން ފެނުނު 180 އަށްވުރެ ގިނަ ކަށްވަޅުތަކުގެ ތެރެއިން ތަނެކެވެ. މި ސަރަހައްދަކީ ތަފާތު ދުވަސްވަރު ތަފާތު ޖަމާއަތްތަކުން ވެރިކަންކޮށްފައިވާ ތަނެކެވެ. ޔޫރަޕްގެ އެހެން ހިސާބުތަކުން ވެސް، އޭގެ ތެރޭގައި ޕޮލެންޑް ހިމެނޭހެން، ވެމްޕަޔަރުންނާ ގުޅުންހުރި މިފަދަ ކަށްވަޅުތައް ފެނިފައިވެއެވެ.
އަދި ތާރީޚީ ލިޔެކިޔުންތަކުގައި 1725 ވަނަ އަހަރު ސާބިއާގައި ހިނގި ޕީޓާ ބްލަގޯޖެވިޗްގެ ހާދިސާއާއި، 17 ވަނަ ގަރުނުގައި ކްރޮއޭޝިއާގައި ހިނގި ޖޫރޭ ގްރާންޑޯ އަލިލޯވިޗްގެ ހާދިސާ ފަދަ ކަންކަން ފާހަގަކޮށްފައިވެއެވެ.
މި ހޯދުމާއި އޭގެ ރީކޮންސްޓްރަކްޝަންގެ ތަފްސީލުތައް ހިމެނޭ ދިރާސާ ޝާއިއުކޮށްފައިވަނީ 'OrtogOnLineMag' ޖާނަލްގައެވެ.