"ދަ ލިންކަން ލޯޔަރ" ގެ 4 ވަނަ ސީޒަނަށްފަހު 5 ވަނަ ސީޒަން ކުރިއަށް!
ހުސެއިން އާދަމް

ލޮސް އެންޖެލިސްގެ އެންމެ މަޝްހޫރު ޑިފެންސް އެޓާނީގެ ދަތުރު އަދިވެސް ކުރިއަށް ދަނީއެވެ.
"ދަ ލިންކަން ލޯޔަރ" ގެ ހަތަރު ވަނަ ސީޒަނުގައި، މިކީ ހެލާ (މެނުއަލް ގާސިއާ-ރުލްފޯ) އޭނާގެ ލިންކަން ނެވިގޭޓާގެ ފަހަތު ސީޓުން އަނެއްކާވެސް ފެނިގެންދާނެއެވެ. ލޮސް އެންޖެލިސްގެ އެންމެ އުނދަގޫ ކްލައިންޓުންގެ ދިފާއުގައި "ހެލާ އެންޑް އެސޯސިއޭޓްސް" ޓީމުން ކުރާ މަސައްކަތްތައް ދައްކުވައިދޭ މި ލީގަލް ޑްރާމާގެ ހަތަރުވަނަ ސީޒަން ފެބްރުއަރީ 5 ގައި ރިލީޒްކުރުމުގެ ކުރިން، މިހާރު ވަނީ ފަސްވަނަ ސީޒަން ވެސް ނެރޭނެކަން އިއުލާން ކޮށްފައެވެ.
"ފެބްރުއަރީ 5 ގައި ރިލީޒްކުރާ ސީޒަން ބެލުންތެރިންނާ ހިއްސާކުރަން އަޅުގަނޑުމެން ތިބީ ވަރަށް ކެތްމަދުވެފައި. އަދި އޭގެ ފަހަތުން އަންނަ ސީޒަނުގެ މަސައްކަތް މިހާރުވެސް ބާރަށް ކުރިއަށްދާކަމުގެ ޚަބަރު ދޭން ލިބުމުން މާ ބޮޑަށް އުފާވޭ،" ކްރިއޭޓަރ/ކޯ-ޝޯރަނަރ/އެގްޒެކެޓިވް ޕްރޮޑިއުސަރ ޓެޑް ހަމްފްރީ އަދި ކޯ-ޝޯރަނަރ/އެގްޒެކެޓިވް ޕްރޮޑިއުސަރ ޑެއިލިން ރޮޑްރިގޭޒް ޓުޑަމް އަށް ކިޔައިދިނެވެ.
"ހަތަރުވަނަ ސީޒަނަކީ މިހާތަނަށް މިކީ ހެލާ ކުރިމަތިލާނެ އެންމެ ގޮންޖެހުން ބޮޑު އަދި އަމިއްލަ ދިރިއުޅުމާ ގުޅިފައިވާ ދަތުރު. އަދި ފަސްވަނަ ސީޒަނެއްގައި މި ދަތުރު ކުރިއަށް ގެންދަން ފުރުސަތު ލިބުމުން އަޅުގަނޑުމެން ވަރަށް އުފާވޭ."
ތިންވަނަ ސީޒަން ނިމުނީ ވަރަށް ސަސްޕެންސް ބޮޑު ގޮތަކަށެވެ. އެއީ އޭނާގެ ކުރީގެ ކްލައިންޓެއް ކަމަށްވާ ސޭމް ސްކޭލްސް މަރާލިކަމުގެ ތުހުމަތުގައި މިކީ ހައްޔަރުކުރުމުންނެވެ. ހަތަރުވަނަ ސީޒަން ފެށޭއިރު، މި ލިންކަން ލޯޔަރ ތައްޔާރުވަމުންދަނީ އޭނާގެ ހަޔާތުގެ އެންމެ އުނދަގޫ ޝަރީއަތަށެވެ.
އެއީ އަމިއްލަ ނަފްސުގެ ދިފާއުގައެވެ. "މި ޝޯގެ ފަހަތަށް ބަލާލައިފިނަމަ، މިއީ ކުށްތަކުން ބަރީއަވާން މަސައްކަތްކުރާ މީހެއްގެ ވާހަކައަކުން ފެށިގެން، މާޒީގެ ކުށްތަކުން އޭނާއަށް އުނދަގޫވެ، މިހާރު އޭނާގެ ދުޝްމަނުން އޭނާގެ ދުވަސްދުއްވާލަން ރާވަމުންދާ ގޮތުގެ ސާފު ތަސްވީރެއް،" ހަމްފްރީ ބުންޏެވެ.
"ހަތަރުވަނަ ސީޒަނުން އަނެއްކާވެސް އަޅުގަނޑުމެން މި ގެންގޮސްދެނީ އަމިއްލަ ނަފްސު ސަލާމަތްކުރަން މަސައްކަތްކުރާ މީހެއްގެ ގާތަށް."
ހަމްފްރީ އާއި ރޮޑްރިގޭޒް އިތުރަށް ފާހަގަކުރި ގޮތުގައި، ނުހައްގުން މީހަކު މެރުމުގެ ތުހުމަތު ކުރެވި ޝަރީއަތާ ކުރިމަތިލާން ޖެހުމުން މިކީގެ ޝަޚުސިއްޔަތަށް ބޮޑެތި ބަދަލުތަކެއް އަންނާނެއެވެ. "އެ ބަދަލުގެ މާނައަކީ ކޮބައިކަން ނުވަތަ އެ ބަދަލު އޭނާގެ ދިރިއުޅުމުން ފެންނާނީ ކިހިނެއްކަން ބަލާލުމަކީ ކުރިއަށް އޮތް ތަނުގައި އަޅުގަނޑުމެން ވަރަށް ބޮޑަށް ބޭނުންވާ ކަމެއް،" ހަމްފްރީ ބުންޏެވެ.
ފަސްވަނަ ސީޒަން އެކުލެވިގެންވަނީ 10 އެޕިސޯޑުގެ މައްޗަށެވެ. މިއީ މައިކަލް ކޮނެލީގެ "ދަ ލިންކަން ލޯޔަރ" ސިލްސިލާގެ ހަތްވަނަ ފޮތް ކަމަށްވާ "ރެޒަރެކްޝަން ވޯކް" އަށް ބިނާކޮށް ތައްޔާރުކުރާ ސީޒަނެކެވެ.
ގާސިއާ-ރުލްފޯގެ އިތުރުން، މި ސީރީޒްގައި ނީވް ކެމްބެލް، ބެކީ ނިއުޓަން، ޖޭޒް ރޭކޯލް، އެންގަސް ސެމްޕްސަން އަދި ކޯބީ ސްމަލްޑާސް ފެނިގެންދާނެއެވެ.
"ދަ ލިންކަން ލޯޔަރ" ގެ ހަތަރުވަނަ ސީޒަން ފެބްރުއަރީ 5 ގައި ރިލީޒްކުރާނެއެވެ.