ކޮލަމް

ދެމަފިރިއަކު ވެގެން ގައުމެއް ކަޅާކޮށްލި ގޮތް

ހއ

ހުސެއިން އާދަމް

17 ޖަނަވަރީ 2026
06:56
ދެމަފިރިއަކު ވެގެން ގައުމެއް ކަޅާކޮށްލި ގޮތް

ސަހަރާ ތެރޭން ދަތުރުއަޅަމުންދިޔަ ދެމަފިރިއަކަށް މުއްސަނދި ގައުމެއް ފެނުނެވެ. އެގައުމުގެ ރައްޔިތުން އުޅޭ ގޮތް ފެނިފައި މަކަރާއި ހީލަތުން އެގައުމު ކަޅާކޮށްލުމަށް މިދެމަފިރިން ނިންމިއެވެ. މިކަންކުރާނެ ގޮތަކަށް ބުއްދިކުރުމަށްފަހު  ދެމީހުން ގަތީ ހިމާރެކެވެ. އެއަށްފަހު ރަނުގެ ކޮއިންތަކެއް ހޯދާ ހިމާރުގެ އަނގަ ތެރެއަށް ގަދަކަމުން ބަށްކުރުވިއެވެ. ދެން މި ދެމަފިރިން ހިމާރާއެކު ބާޒާރަށް ދިޔައެވެ. ބާޒާރުގައި މީހުން ގިނަވީމާ ހިމާރުގެ ތުންގަނޑު އައްސާފައި ހުރި ވާފަށް މޮހާލާ، ހިމާރު ލައްވައި ހަޅޭލައްވައި، ރަނުގެ ކޮއިންތަކެއް ބަންޑުންކޮށްލިއެވެ.

ހޭރުނު ހޭރުނުހެން އަނގައިން ރަން ފައިބާ ހިމާރެއްގެ ވާހަކަ އިސާހިތަކު ބާޒާރުތެރޭގައި މަޝްހޫރުވެއްޖެއެވެ. އެ ހިމާރު ގަތުމަށް އެކި ވަރުގެ ވިޔަފާރިވެރިން ހުށަހަޅަން ފަށައިފިއެވެ. މާ ލަސްތަކެއް ނުވެ ބޮޑު މަހަޖަނަކު ނިކަން ބޮޑު އަގުގައި ހިމާރު ބައްލަވައިގެންފިއެވެ. އަނެއް ދުވަސްވީއިރު، ހިމާރުގެ ހަގީގަތް މަހުޖަނު ކަލޭގެއަށް ފަޅާއަރައި، މިހުރެވުނީ މީހެއްގެ ހީލަތުގައި ވިކްޓިމައިޒްވެވިފައިކަން އެނގިއްޖެއެވެ.

އައި ރުޅީގައި ގުރޫޕް ހަދާފައި އެއްކަލަ ދެމަފިރިން އުޅޭ ގެޔަށް މިމީހުން ދިޔައެވެ. ދޮރުގައި ޓަކި ޖެހުމުން، އެތެރެއިން ވާހަކަދެއްކީ މަކަރުވެރިޔާގެ އަނބިމީހާއެވެ. ބުންޏެވެ. ފިރިކަލުން މިވަގުތު ގޭގައި ނުއުޅުއްވައެވެ. ތިޔަހާ އަވަހަށް ތިޔަބޭފުޅުން އޭނާ ބޭނުންފުޅުވަންޏާ އަހަރެންގެ ކުއްތާ އޭނާ ހޯދައިގެން އަންނަން މިފޮނުވަނީއެވެ. މިމީހުން ބަލަންތިއްބައި އަންހެން މީހާ ގޭތެރެއިން ކުއްތާއެއް ނެރެ ދޫކޮށްލިއެވެ. އޭގެ އިރުތަކެއް ފަހުން މަކަރުވެރިޔާ ކުއްތާއަކައިގެން ގޭދޮށަށް އައެވެ.

މިމަންޒަރު ފެނިފައި މިމީހުން އައި ބޭނުން ހަދާން ނެތިއްޖެއެވެ. މިހާ މޮޅު ކުއްތާއެއް ފެނުނީމާ އެކުއްތާ ގަންނަން ތަފާތު އަގުތައް ހުށަހަޅަން ފަށައިފިއެވެ. އިސާހިތަކު ބޮޑު އަގުގައި ކުއްތާ ގަނެގެން މިމީހުން އެނބުރި ހިނގައްޖެއެވެ. ކުއްތާ ގަތް މަހުޖަނު ގެޔަށް ގޮސްފައި، އޭނާގެ އަނބިމީހާ ކައިރީގައި ބުންޏެވެ. މި ކުއްތާ މޮހާލާފައި ދޫކޮށްލިޔަސް، އެނބުރި އަންނަން ބުނާ ގަޑިއަކަށް އެނބުރި އަންނާނެއެވެ. އޭނާގެ އަނބިގޮއްޔެ މިހާ މޮޅު ކުއްތާއެއް ލިބި ވީ އުފަލުން އެސޮރު މޮހާލާފައި، ދެގަޑިއެއްހާއިރު ފަހުން އަންނަން ބުނެފައި ދޫކޮށްލިއެވެ. ތިން ދުވަސްވީއިރުވެސް ކުއްތާ އެނބުރިއެއް ނައެވެ.

މަކަރުވެރިޔާގެ މަކަރުގައި، ދެވަނަ ފަހަރަށް ގައުމުގެ މީހުންނަށް ޖެހެވިއްޖެކަން އެނގުމުން އަނެއް ފަހަރު މަކަރުވެރިޔާގެ ގެޔަށް ގުރޫޕް ހަދާފައި ގޮއްސިއެވެ. މިފަހަރު ގަދަކަމުން ދޮރު ހުޅުވައި އަމިއްލައަށް އެމީހުން އެތެރެއަށް ވަނެވެ. ފެންނަން އިނީ އަންހެން މީހާއެވެ. އިރުކޮޅެއް ނުވެ މަކަރުވެރިޔާ ނުކުމެ ރުޅިވެރިކަމާއެކު އޭނާގެ އަނބިމީހާ ބުންޏެވެ. ބަލަ މިތިބަ މެހެމާނުންނަށް އެއްވެސް ކަހަލަ މެހެމާންދާރީއެއް ނުދީ ތިޔައިނީ ކީއްވެފައިހެއްޔެވެ؟ އަންހެނުން ބުންޏެވެ. އެއީ ކަލޭ ހޯދަން އައި ބައެކެވެ. އެމީހުންނަށް ކަލޭ މެހެމާންދާރީދޭށެވެ.

އަނބިމީހާގެ މި ރުންކުރު ޖަވާބާއެކު މަކަރުވެރިޔާ ރުޅިއައިސް އެއްޗެހިކިޔާ، އެތަނުގައި އޮތް ވަޅިއެއް ނަގައި އަންހެން މީހާގެ ބަނޑަށް ހަމަލާދީފިއެވެ. އެއާއެކު ރަފަރަފަލައިފައި ލޭތައް ބުރަބުރައިންގޮސް އަންހެން މީހާ ވެއްޓިއްޖެއެވެ. ހިނދުކޮޅަކާއެކު ހަރަކާތްވެސް ހުއްޓިއްޖެއެވެ.

މިތަން ފެނި އެމީހުން ރުޅިވެރިކަމާއި ބިރުވެރިކަމާއެކީގައި ކަންބޮޑުވި ވަގުތު މަކަރުވެރިޔާ ބުންޏެވެ. ކަލޭމެން ހާސްނުވާށެވެ. އަހަރެން އަންހެނުން އެތައް ފަހަރަކު މަރާފައި އަހަރެން އޭނާ ދިރުވައިފީމެވެ. މިހެން ކިޔާފައި ދުންމާރިއެއް ނަގައި ފުމެން ފެށިއެވެ. އިރުކޮޅަކުން އަންހެން މީހާ ހޭއަރައި އިހުނަށްވުރެ ހީވާގިކަމާއި ލޯތްބާއެކު މެހެމާނުންނަށް ކާ ތަކެތި ތައްޔާރުކުރަން ފެށިއެވެ.

މިތަން ފެނިފައި، މިބައިމީހުން އައި ބޭނުން ހަނދާން ނެތުނެވެ. އަދި އެ ދުންމާރި ގަތުމަށް އެކި އަގުތައް ހުށަހަޅަން ފެށިއެވެ. އެންމެ ބޮޑު އަގު ކީ ވިޔަފާރިވެރިޔާއަށް ދުންމާރި ވިއްކާލިއެވެ. މީނާ ވީ އުފަލުން ގެޔަށް ގޮސް އޭނާގެ އަންހެނުން އެރޭ މަރާލައިފިއެވެ. ދުންމާރިން ފުމެފުމެ ދެގަޑިއިރުވީއިރުވެސް އެކަނބުލޭގެ ހެޔެއް ނޭރިއެވެ.

ޖެހިގެން އައި ދުވަހު، ހެދުނު ހެދުނާ މީނާ ގެއިން ނުކުތްއިރު، އެތަކެއް ވިޔަފާރިވެރިން މީނާގެ އިންތިޒާރުގައި މަގުމަތީގައި ތިއްބެވެ. އެމީހުން އެހިއެވެ. އެ ދުންމާރި ހަމަ އެއީ އެގޮތަށް މަސައްކަތްކުރާ އެއްޗެއްހެއްޔެވެ؟ މީނާ ވެފައި ހުރި ދެރަޔާއި ގަނެފައިހުރި ލަދެއްގެ ބޮޑުކަމުން ދުންމާރި އެއީ ހަމަ އާދަޔާ ހިލާފު ޖާދުލެއްކަމުގައި ބުނެވިއްޖެއެވެ. ދެން މިވިޔަފާރިވެރިންތައް އެމީހުންގެ މެދުގައި އެއްބަސްވީ ގޮތެއްގެ މަތީން ފަހަރަކު މީހަކު ޓެސްޓްކޮށްލަން ދުންމާރި ގެންދަނީއެވެ. ދެތިން ދުވަހެއް ނުވެ އެންމެން އެމީހުންގެ އަމިއްލަ އަތްތަކުން އެމީހުން ލޯބިވާ އަނބިންތައް މަރާހުސްކޮށްފިއެވެ.

މިވީއެއްޗެއް އެންމެން އެންމެންނަށް ފަޅާއަރާ އެނގުމުން އައި ރުޅީގައި ގުރޫޕްހަދާފައި ގޮސް މަކަރުވެރިޔާ މިފަހަރު ލީ ގޯންޏަކަށެވެ. އެމީހުން ނިންމީ ވަރަށް ދުރުހިސާބަކަށް އޭނާ ގެންގޮސް ކަނޑަށް އެއްލާލުމަށެވެ. އެހެންވެ ދުރުހިސާބަކަށް ދިއުމަށް އެބައިމީހުން ހިނގަމުންގޮސް ވަރުބަލިވީމާ ޖައްސާލިތަނުން އެންމެންނަށް ނިދޭގޮތް ވެއްޖެއެވެ.

މަކަރުވެރިޔާ ގޯނިތެރޭގައި އޮވެގެން ނުކުމެވޭތޯ މަސައްކަތްކުރަމުންދަނިކޮށް އެހިސާބުން ދިޔަ ބަކަރި ހުއިހައްޕާ މީހަކަށް މިމަންޒަރު ފެނިގެން އެގޯނި ތެރެއިން މަކަރުވެރިޔާ ނެރެފައި ސުވާލުކޮށްފިއެވެ. މިބައިމީހުން ނިދާފައި ކަލޭ ގޯންޏަކަށް ލައިފައި މިވަނީ ކީއްވެހެއްޔެވެ؟ މަކަރުވެރިޔާ ބުންޏެވެ. އެމީހުން ބޭނުންވަނީ މިސަހަރުގައި ހުރި އެންމެ ބޮޑު ވިޔަފާރިވެރިޔާގެ ދަރިޔާ އަހަރެން ދެވުމަށެވެ. އެކަމަކު އަހަރެން ލޯބިވާ ކުއްޖަކު ހުރެއެވެ. އަހަރެން ވިޔަފާރިވެރިޔާގެ ދަރިޔާ އިންނަން އެއްބަސްނުވާތީ ގޯންޏަކަށް ލައިގެން އެމީހުން އަހަރެން ގެންދަނީއެވެ.

ބަކަރިގޮތްވަށް މިވާހަކަ މާބޮޑަށް ކަމުގޮސް މިއޮތީ ނަސީބު އަތުގައި ހިފާފައިކަމަށް ގަބޫލުކުރެވިއްޖެއެވެ. އަދި ބުނެފިއެވެ. ކަލޭގެ ގޯނިން ނެރެދީފާނަމެވެ. އަދި މަގޭ ބަކަރިތައް ވެސް ކަލެޔަށެވެ. ތިޔަ ގޯނީގެ ތެރެއަށް އަހަރެން ލައިދޭށެވެ. އިރުތަކެއް ފަހުން ގައުމުގެ މީހުން ހޭލައިގެން ގޯނީގައި އޮތް ކަލޭގެ ގެންދަން އޮތް ހިސާބަށް ގެންގޮސް އެންމެ ކައިރިން ފެނުނު މާކަނޑަކަށް ބަރުއައްސާ ދޫކޮށްލާފައި، އެނބުރި ރަށަށް ހިނގައްޖެއެވެ.

އެކަމަކު މި މީހުންނަށް ފެނުނީ ކަނޑަށް އެއްލާލި މަކަރުވެރިޔާ ތިންސަތޭކަ ގެރިބަކަރިއާއެކު ރަށުގައި ހުއްޓައެވެ. މިމީހުން ހައިރާންވެގެން ސުވާލުކުރިއެވެ. ކަލޭ ސަލާމަތްވީ ކިހިނެއްހެއްޔެވެ؟ އެކަލޭގެ ބުންޏެވެ. ކަލޭމެން އަހަރެން އެއްލާލީ އަޖައިބެއް ކަހަލަ ބިއްލޫރި ޓަނަލްތަކެއް ހުރި ކަނޑަކަށެވެ. އެކަނޑުގައި އުޅެނީ ހޫރުންނެވެ. އެތަނުން ހޫރެއް އައިސްފައި މި ގެރިބަކަރިތަކާއެކު އަހަރެން އެނބުރި ރަށަށް ގެނެސްދިނީ ސިކުންތުކޮޅެއް ތެރޭގައެވެ. މިވާހަކައެއް އަޑުއަހާފައި، އެގައުމުގެ އެންމެން އަވަސް އަވަހަށް އެސަރަހައްދަށް ގޮސް ކަނޑަށް ފުންމައި ގަރަގުވީއެވެ. މަކަރުވެރިޔާގެ ދެމަފިރިންނަށް މުޅި ގައުމުލިބުނީއެވެ.

ޓެގްތައް
ވައްކަން
ފޭރުން
ރައީސް މުއިއްޒު

ކޮމެންޓް (0)

ކޮމެންޓް ލިޔުމަށް