ކޮލަމް

ދިވެހިން މިއުޅެނީވާ ހާދަހާ ފަހަތެއްގައޭ

ހއ

ހުސެއިން އާދަމް

22 ޑިސެމްބަރ 2025
19:08
ދިވެހިން މިއުޅެނީވާ ހާދަހާ ފަހަތެއްގައޭ

އުފަން ރަށުގައި ހުރި އެކުވެރިޔާގެ ކައިރީގައި މީހަކާ އިންނަން އުޅޭ ވާހަކަ ބުނަން ބަނދަރުމަތީ އޮތް ދޯންޏަށް އަރައިގެން ދަތުރު ހަދާފައި ދާނީހެއްޔެވެ؟ ފްލައިޓެއް ވެސް ނޫނެވެ. ބަނދަރުމަތީ އޮތް ދޯންޏަކަށެވެ. ރަނގަޅީ އިންޖީނުވެސް ނާޅައި އޮތް ރިޔަލު ދޯންޏެއް ލިބެންޏާ އެގޮތެވެ. އަދި ސީދާ ރަށަށް ދިއުމުގެ ބަދަލުގައި އެކި ރަށަށް ޖައްސައި ކޮއްތު ބަރުކޮށްގެން ދާ ގޮތަށެވެ. އަތުގައި އޮތް އަގުބޮޑު ފޯނު އެއްގޮތަކަށް ވެސް ބޭނުންކުރާނެ ކަމެއް ނެތެވެ. ފޮތަކުން ގަނޑެއް ކަނޑާފައި ސިޓީއެއް ވެސް ލިޔާނެ ކަމެއް ނެތެވެ. އެވާހަކަ ބުނެލަން ދެ މަސް ދުވަހުގެ ދަތުރަކަށް ރިޔަލު ދޯންޏަކަށް އަރައިގެން ދެމަހާއި ފޮއިދުވަހުން ރަށަށް ދަތުރެއް ކުރާށެވެ. ގޮސް އެވާހަކަ ބުނެފައި އަންނާށެވެ.

ދެމަހެއްހާ ދުވަސް ނިމިގެން މިދަނީ ހަފުތާޔަކު ދެ ރޭ މަތިން މާލޭގެ ކޮންމެވެސް ސަރަހައްދަކަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގެން ރައްޔިތުންގެ ހިޔާލު ގާތުން ހޯއްދެވުމުގައެވެ. މިގޮތަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގެން ފައްޓަވާ ބައްދަލުވުން ޖުމުލަ ހައެއްކަ ގަޑިއިރަށް ދެމިގެންދެއެވެ. ތިންގަނޑިއެއްހާއިރު ރަސްމީ ބައްދަލުވުމެވެ. ގާތުން ހިޔާލުތައް އަޑުއެއްސެވުމުގައެވެ. އަނެއް ތިންގަނޑިއިރު ބައްދަލުވުން ނިމިގެން ވަކިވަކިން ފަރުދުން އައިސް ރައީސްގެ ކަންފަތްބުޑުގައި އެންމެ ގާތުން ހިޔާލުތައް ހުށަހެޅުމުގައެވެ.

މިކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަގުހުރި ވަގުތުން ވަރަށް ގިނަ ވަގުތު ހޭދަވެގެންދެއެވެ. އަދި ކެބިނެޓް މިނިސްޓަރުންނާއި ރަސްމީ އޮފީސްތަކުގައި ދައުލަތް ހިންގުމުގެ ގޮތުން ދުވަހުން ދުވަހަށް ނިންމަންޖެހޭ އެތައް ޒިންމާތަކަކާ ހަވާލުވެގެން ތިބި އެތައް މުވައްޒަފުންގެ އަގުހުރި ވަގުތު ވެސް މިކަމުގައި ހޭދަވެގެންދެއެވެ. މެންދަމުން އަލިވެ ބައެއް ރޭރޭ ތިނެއް ޖެހުމާ ހަމައަށް ދެމިގެންދާ މި ރަސްމީ ބައްދަލުވުންތަކާއެކު ވެސް ރައީސްވެސް މިނިސްޓަރުންވެސް އެހެން މަގާމުތަކުގެ ބޭފުޅުންވެސް ވިދިގެން އަންނަ ދުވަހުގެ ހެދުނު ރަސްމީ މަސައްކަތަށް އަށެއް ޖަހާއިރު ނުކުމެވަޑައިގަންނަވަން ޖެހޭނެއެވެ.

ކިތަންމެ ވަރެއް ދެއްކިޔަސް މިކަމެއްގައި ޝާމިލުވވެ މިއުޅެނީ ހަމަ އިންސާނުންނެވެ. އިންސާނުންގެ ބާރުވެރިކަމާ ނުބައްދަލު ގޮތަކަށް އެއްވެސް ކަމެއް އިންސާނުންނަކަށް ނުކުރެވޭނެއެވެ. މިގޮތަށް ރައްޔިތުންގެ ޝަކުވާ އަޑުއަހަން ހުރިހާ ވަގުތެއް ހޭދަކޮށްފައި އެއިން ޝަކުވާއަކަށް ހައްލެއް ހޯދުމަށް އެކަށީގެންވާ މަސައްކަތެއް ކުރަން އޮންނާނީ ވެސް ކޮން ވަގުތެއްތޯއެވެ! އަމުދުން މަސައްކަތެއް ކުރެވޭނީ ކުރަންޖެހޭ މަސައްކަތަކަށް ޕްލޭނެއް ވެސް ކޮށްގެން އެކަން ކުރާނެ ގޮތެއްވެސް ރާވައިގެން އެކަމަކަށް ބަޔަކު ވެސް ކަނޑައަޅައިގެންނެވެ. ހައްތާވެސް ވަގުތެވެ.

މާލެ ހަތަރު އަވަށާއި ހުޅުމާލޭގެ ދެ ފޭހުގެ ބައްދަލުވުންތައް އަޅުގަނޑު ބަލައި އަޑުއަހަނީ ޓީވީންނެވެ. ވަކި ހިޔާލެއް ނެތި ސަރުކާރަށް ތައުރީފުކުރާ މީހުންނާއި ބިނާކުރަނިވި ފާޑުކިއުމެއް ނެތި ސަރުކާރަށް ބަވާ މީހުންނާއި ވަރަށް ރަނގަޅަށް މައްސަލަތައް ފާހަގަކޮށް މައްސަލަތަކުގެ ހައްލުވެސް ހުށަހަޅާ ފަރާތްތައް މަދެއް ނޫނެވެ. ބައެއް ފަހަރަށް ބައެއް މީހުން ހަމައެކަނި މައްސަލަ ހުށަހަޅާފައި ދޫވެސް ކޮށްލައެވެ.

ހަމަ މިއާއެކު އެއްވެސް ކަހަލަ ވާހަކައަކަށް ނުވާ ކަހަލަ ވާހަކަތައް ދައްކާ މީހުންވެސް މަދެއް ނޫނެވެ. އަދި ކޮންމެ ބައްދަލުވުމެއްގައި ހަމަ ތަކުރާރުކޮށް އެއް ވާހަކަތަކެއް އެކި މީހުންގެ ދުލުން ވެސް އަޑުއިވެމުންދެއެވެ. އަދި މިޔާއެކު ވެސް ބައްދަލުވުމުގެ ހޯސްޓް އިރުއިރުކޮޅާ މީހުންނަށް ކުރުކުރާން އަންގަވައެވެ. އެންމެންނަށް ވަގުތުދޭންޖެހޭ ކަމަށް ހަނދާންކޮށްދެމުންނެވެ.

އަޅުގަނޑު ހައިރާންވެގެން މިއުޅެނީ، ޓެކްނޮލޮޖީގެ މިއޮއްފަދަ ޒަމާނުގައި އާންމު ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދުމަށް މިއަށްވުރެ ފުރިހަމަ ގޮތެއް އޮތްކަމަށް ސަރުކާރަށް ނުފެނުނީތީއެވެ. އަދި ހަމައެހެންމެ މި ބައްދަލުވުންތަކަށް ގިނަ އަދަދެއްގެ އާންމުން ޖަމާވެ ވަރަށް ބޮޑު ނަތީޖާއެއް ނުކުންނާނެކަމަށް އުންމީދުކޮށްގެން ގިނަ އަދަދެއްގެ ބަޔަކު ވާހަކަދައްކާ ހަދާތީއެވެ. އަހަރެމެން ދިވެހިން އަދި ތަހުޒީބުވާން ގާތްވެސް ނުވެޔޭ މިދަންނަވަނީ މިހެންވެގެންނެވެ.

ބޭނުން މީހަކު އައިސް ބޭނުން ވާހަކައެއް ދައްކަނީއެވެ. ވަކި ވަކި މީހުންނަށް ވެސް ބަވާ އެބަ ނަގައެވެ. ހަމަ ހަގީގީ މައްސަލަތައް ވެސް ބައެއް މީހުން ފާހަގަކުރެއެވެ. އެކަމަކު އެއިން އެއްޗެއް ރަސްމީ ސިފައެއްގައި އެއްވެސް ގޮތަކުން ނޯޓެއް ނަގަމަކުން ވެސް ނުދެއެވެ. ނުވެސް ދެވޭނެއެވެ. ގިނަ މީހުންގެ ވާހަކަތަކުގައި ތަރުތީބެއް ނުހުރެއެވެ. އަމާޒެއް މިސްރާބެއް ވެސް ނުހުރެއެވެ. އަނެއްކާ ތަކުރާރުތައް އެހާ ގިނައެވެ. އެހެންވީމާ މިކަމުން ނެރެވިދާނެ މާ އެދެވޭ ނަތީޖާތަކެއް ނުހުންނާނެއެވެ.

ފްރަސްޓްރޭޝަންތައް ބޭރުކޮށްލައިގެން ވަގުތީ ގޮތުން ލިބިދާނެ ހިތްހަމަޖެހުމެއް މި ބައްދަލުވުންތަކުގައި ވާހަކަދައްކާ މީހުންނަށް ލިބިގެންދާނެއެވެ. އަދި އެބާވަތުން ރައްޔިތުންނަށް ފޯރުކޮށްދެވޭ ހިތްހަމަޖެހުމެއްގެ ނަތީޖާއިން ސަރުކާރަށް ވޯޓު އިތުރަވަންޏާ ފިސާރި ރަނގަޅަށް ވިދިގެން މިއަންނަ ކައުންސިލް އިންތިހާބުގައި ސަރުކާރަށް ވޯޓު ލިބިގެންދާނެއެވެ.

ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދަން ބޭނުންވާނަމަ، އެކަމަށްޓަކައި ބާއްވާނީ އޮންލައިން ޕޯޓަލްއެއްތޯ ނުވަތަ އެޕްލިކޭޝަނެއްތޯ ނިންމަވަންވީއެވެ. ތަކުރާރުކޮށް އެއް ބާވަތެއްގެ ހިޔާލު ފުރާނައިގެން ދެނަގެނެވޭނެ ނިޒާމެއް ވަރަށް ފަސޭހައިން މިބާވަތުގެ އެޕްލިކޭޝަނެއް ނުވަތަ ޕޯޓަލްއެއްގައި ގާއިމުކުރުމަކީ ވަރަށް ފަސޭހަވެސް ކަމެކެވެ. އަދި ވަކި ހިޔާލަކީ ގިނަ ބަޔަކު ތާއީދުކުރާ ހިޔާލެއްކަން ދެނެގަތުމަށް ވެސް އެޕޯޓަލްގައި ވަކި ފީޗަރއެއް ހިމެނިދާނެއެވެ.  ހަމައެކަނި މައްސަލަ ހުށަހެޅޭ ގޮތަށާއި އެހެން މީހުން ހުށަހަޅާ މައްސަލައަށް ހަމައެކަނި ހައްލު ކިޔައިދޭން ބޭނުންވާ މީހާއަށް އެ ފުރުސަތުވެސް ލިބޭ ގޮތަށެވެ. އަދި ތައުރީފުކުރަން ބޭނުންވާ މީހުންނަށް އެ ފުރުސަތުވެސް ލިބޭ ގޮތަށް ބަވަން ބޭނުންވާ މީހުންނަށް އުފުރުސަތުވެސް ލިބޭ ގޮތަށް މިފަދަ ޕޯޓަލްއެއް ފަރުމާކުރެވިދާނެއެވެ.

މިވާހަކަ މިދަންނަވާލީ ނަމަކަށް ކަމެއް، ކަމަކަށް ކަމެއް ކޮށްލާ ބީދައިން ކުރާ ކަމެއްކަން ނޭނގޭތީއެއް ވެސް ނޫނެވެ. ނިކަން ބައިވަރު ވޯޓު ލިބިދާނެ ކަމަށް ޖަހަމުންދާ ސަކަރާތެއްކަން ނުފިލާތީއެއްވެސް ނޫނެވެ. އެކަމަކު ކަންކަން ކުރަންވާނީ ޒަމާނީ ވަސީލަތްތަކާއި ލިބެންހުރި ޓެކްނޮލޮޖީއެއްގެ ވެސް ބޭނުންކޮށްގެންތާއެވެ.

ޑިކްޓޭޓަރޝިޕެއް ހިންގަވާނަމަވެސް ނުވަތަ ރަސްކަމެއް ހިންގަވާނަމަވެސް ނުވަތަ ރައްޔިތުންނަށް އޮޅުވާލައިގެން ދޮގާއި މަކަރުގެ މައްޗަށް ވެރިކަމެއް ހިންގަވާނަމަވެސް އެކަން ޓެކްނޮލީޖާއި ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ކުރީމާ ގައިމު އެންމެންނަށް ވެސް ފަސޭހަވާނެއެވެ. ކޮންމެ މީހެއްގެ އަތުގައި ފޯނެއް ވެސް އެބަ އޮވެއެވެ.  

މިއޮއްފަދަ ތަރައްގީ ޒަމާނުގައި ރިޔަލު ދޯނީގެ ސްޕީޑުގައި ރައްޔިތުންގެ މަޝްވަރާ ނަގައިގެން ބިނާކުރެވޭނީ ކޮން ގައުމެއްތޯއެވެ! ގެނެވޭނީ ކޮން ތަރައްގީއެއްތޯއެވެ؟ އަހަރެމެން މިއޮއް އުޅެނީވާ ހާދަހާ ފަހަތެއްގައެވެ. އާންމުންގެ ހިޔާލު ހޯދުމުގައި ސަރުކާރު މިވަރު ވަންޏާ އެއިން ހިޔާލަކަށް އަމަލީ ސިފައެއް ގެނައުމުގައި އަދި ކިހާ ވަރެއް ވާނެބާވައެވެ؟

ޓެގްތައް
ރައީސް މުއިއްޒު

ކޮމެންޓް (0)

ކޮމެންޓް ލިޔުމަށް