ސިޔާސީ

މާލޭ މޭޔަރުކަމަށް ޕީއެންއެފް އިން ޒަރިޔަންދު، ސަރުކާރު ފަރާތުން ރިޓަޔާޑް ޖަލީލް

ހއ

ހުސެއިން އާދަމް

18 ޑިސެމްބަރ 2025
06:00
މާލޭ މޭޔަރުކަމަށް ޕީއެންއެފް އިން ޒަރިޔަންދު، ސަރުކާރު ފަރާތުން ރިޓަޔާޑް ޖަލީލް

އަންނަ އަހަރުގެ އޭޕްރީލް ހަތަރު ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި މާލޭގެ މޭޔަރުކަމުގެ ގޮނޑިއަށް ވާދަކުރައްވާނެ ކެންޑިޑޭޓުންގެ ނަންތައް އިދިކޮޅު އަދި ސަރުކާރު ހިންގާ ޕާޓީތަކުން އިޢުލާނުކުރަން ފަށައިފިއެވެ.

ސަރުކާރު ހިންގާ ޕީއެންސީގެ ޓިކެޓުގައި ކުރިމަތިލައްވަން ނިންމަވާފައިވަނީ ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް އަދި ޑިފެންސް މިނިސްޓަރުކަން ވެސް ކުރެއްވި މޭޖަރ ޖެނެރަލް ރިޓަޔާޑް މޫސާ އަލީ ޖަލީލެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕީއެންއެފްގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމަށް ނޭޝަނަލް ޓެންޑަ ބޯޑުގެ ކުރީގެ ޗެއާމަން އިސްމާއިލް ޒަރިޔަންދު ވާދަކުރައްވަން ނިންމަވައިފިއެވެ.

ޕީއެންސީގެ ފަރާތުން ބޭއްވި މީޑިއާ ބްރީފިންގައި އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވީ، ޕީއެންސީގެ ޓިކެޓު ހޯދުމަށް ކުރިމަތިލުމުގެ ފުރުސަތު މިދިޔަ ހޯމަ ދުވަހު ހަމަވިއިރު މާލޭގެ މޭޔަރުގެ މަގާމަށް ވާދަކުރައްވަން ނަން ހުށަހެޅުއްވީ އެންމެ ބޭފުޅެއް ކަމަށެވެ. ފަލާހު ނަން ހާމަނުކުރެއްވި ނަމަވެސް، އެނގިފައިވާ ގޮތުގައި އެއީ ނިޝާން އަސްކަރީ ވެރިކަމުގެ އިއްޒަތް ސަރުކާރުން މިދިޔަ އަހަރު އަރުވާފައިވާ މޫސާ އަލީ ޖަލީލެވެ.

ރިޓަޔާޑް ޖެނެރަލެއް ސަރުކާރުގެ ފަރާތުން މާލޭ މޭޔަރުކަމަށް ނެރުއްވާއިރު މިހާރު ވެސް ސަރުކާރުގެ އިސް މަގާމުތަކާއި ކުންފުނިތަކުގެ އިސް މަގާމުތަކުގައި ރިޓަޔާޑް ޖެނެރަލުން ގިނަކަމަށް ބުނެ ފާޑުކިޔުން އަމާޒުވެފައިވެއެވެ.

ރޭ ޕީއެންއެފުން އާޓިފިޝަލް ބީޗުގައި ބޭއްވި "ރިސެޓް" ގެ ނަމުގައި ބޭއްވި ޖަލްސާގައި ވަނީ އެ ޕާޓީގެ ފަރާތުން މާލޭގެ މޭޔަރުކަމަށް އިސްމާއިލް ޒަރިޔަންދު ވާދަކުރައްވާނެކަން އިއުލާނުކޮށްފައެވެ. އޮޑިޓް އަދި އެކައުންޓިން ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ ކުރީގެ މަޝްހޫރު ފުޓުބޯޅަ ކީޕަރު ޒަރިޔަންދު ވިދާޅުވީ، އޭނާ އަށް ހިތްވަރު ދެއްވީ ޔާމީން ކަމަށާއި އޭނާގެ ނަޒަރުގައި ޔާމީނަކީ ތަރައްގީގެ ތަސައްވުރެއް ގެންގުޅުއްވާ ލީޑަރެއް ކަމަށެވެ.

ޒަރިޔަންދު މީގެ ކުރިން ކުރީގެ ރައީސް މުހައްމަދު ނަޝީދާ އެކު ސިޔާސީ މަސައްކަތްތަކުގައި އުޅުއްވާފައިވާއިރު، ޔާމީންގެ ފަހަތްޕުޅަށް އަރާވަޑައިގެން މާލޭގެ މޭޔަރުކަމަށް ވާދަކުރައްވަން ނިންމެވުމަކީ ގިނަ ބަޔަކަށް ލިބުނު ހައިރާން ކަމެކެވެ.

ޓެގްތައް

ކޮމެންޓް (0)

ކޮމެންޓް ލިޔުމަށް