ސިޔާސީ

ގައުމު މި ދަނީ ބޯކޮޅު ވަތަށް - ޔާމީން

މއ

މުހައްމަދު އިބްރާހިމް

18 ޑިސެމްބަރ 2025
04:45
ގައުމު މި ދަނީ ބޯކޮޅު ވަތަށް - ޔާމީން

ކޮރަޕްޝަނާ ގުޅުންހުރި ހިސާބުތަކާއި އިޤްތިޞާދީ މައުލޫމާތުތައް ހިއްސާކުރައްވަމުން، މިވަގުތު ރާއްޖޭގެ އިޤްތިޞާދު މިސްރާބު ޖަހާފައިވަނީ 'ބޯކޮޅު ވަތަށް' ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ރޭ ވިދާޅުވެއްޖެއެވެ. މި ވާހަކަފުޅު އެމަނިކުފާނު ދެއްކެވީ އާޓިފިޝަލް ބީޗުގައި ބޭއްވި 'ރީސެޓް' ޖަލްސާގައެވެ.

ރައީސް ޔާމީން ފާހަގަކުރެއްވީ، ރައީސް ޑރ. މުޙައްމަދު މުއިއްޒު ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ، ކުރީގެ އެމްޑީޕީ ސަރުކާރުގައި އަޑިއަޅައިފައިވާ އިޤްތިޞާދު މިހާރު ކޮޅަށް ޖެހިފައިވާ ކަމަށެވެ. ނަމަވެސް އެކަމަށް ރައްދު ދެއްވަމުން ޔާމީން ވިދާޅުވީ، ހިސާބުތަކުން ދައްކާ ގޮތުގައި އިޤްތިޞާދު ކޮޅަށް ނޫން ކަމަށާއި، ހަޤީޤަތުގައި އިޤްތިޞާދު އޮތީ ބޯވަތަށް ކަމަށެވެ.

އެންމެ ފުރަތަމަ ޔާމީންގެ ވާހަކަފުޅު އަލިއަޅުއްވައިލެއްވީ ކޮރަޕްޝަންގެ މައްޗަށެވެ. އެމަނިކުފާނު ވިދާޅުވީ، ކޮންމެ ވެރިއަކު ވެސް ކޮރަޕްޝަނާ ދެކޮޅު ކަމަށް ވިދާޅުވިޔަސް، ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އެމްޑީޕީ ސަރުކާރުގެ ތެރޭގައި 2020 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ކޮރަޕްޝަން އިންޑެކްސް ވަރަށް ބޮޑަށް ދަށްވަމުން އައިސްފައިވާ ކަމަށެވެ.

ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި ކޮރަޕްޝަން އިންޑެކްސްގައި ރާއްޖެ އޮތީ 40 ވަނައިގައި ކަމަށާއި، އަދި އޭގެ ތެރެއިން އެއް އަހަރު 31 ވަނައިގައި ވެސް ރޭންކް ކުރެވުނު ކަމަށެވެ. މިއީ އޯއީސީޑީގެ ގައުމުތަކާއި އެއްވަނަ ދުނިޔޭގެ ގައުމުތައް ވެސް ހިމެނޭ ގޮތަށް ލިބުނު ފަޚުރުވެރިވާން ޖެހޭ ކަމެއް ކަމަށް ޔާމީން ވިދާޅުވިއެވެ. އެންމެ މަތީގައި ރޭންކް ކުރެވޭނީ އެންމެ ކޮރަޕްޝަން ފްރީ ގައުމުތައް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ނަމަވެސް މިހާރު ރާއްޖެ އޮތީ ކޮރަޕްޝަން އިންޑެކްސްގައި 96 ވަނައިގައި ކަމަށް ޔާމީން ވިދާޅުވިއެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ ކްރެޑިޓް ރޭޓިން ރަނގަޅުވުމަށް ހުރަސް އެޅި، އިންވެސްޓަރުން ވެސް ނުލިބޭނެ ކަމަށް އެމަނިކުފާނު ހާމަކުރެއްވިއެވެ. ކޮރަޕްޝަން އިންޑެކްސް މިވަރުގައި އޮވެގެން މޫޑީޒް ރޭންކިންއެއް ވެސް ނުލިބޭނެ ކަމަށާއި، ދުނިޔޭގެ އެއްވެސް ބަޔަކު މިތާ އިންވެސްޓުކުރާކަށް ނާންނާނެ ކަމަށް ޔާމީން ވިދާޅުވިއެވެ.

ސަރުކާރަށް ފާޑު ވިދާޅުވަމުން ޔާމީން ވިދާޅުވީ، ކަމެއް ކުރާނަމަ އެކަމެއް ހިސާބުތަކުން ދައްކަން ޖެހޭނެ ކަމަށެވެ. ނަމަވެސް މި ސަރުކާރަށް އެކަން ނުދެއްކޭ ކަމަށާއި، މިއީ މޫނުމަތި އެކަނި ސާފުކޮށްގެން ބޭރަށް 'ޝާހީ' ކަމަށް ދައްކައިގެން ހިންގާ ސަރުކާރެއް ކަމަށް އެމަނިކުފާނު ސިފަކުރެއްވިއެވެ.

މީގެ އިތުރުން އިންފްލޭޝަން ނުވަތަ ތަކެތީގެ އަގުބޮޑުވާ މިންވަރަށް އަލިއަޅުއްވައިލައްވަމުން ޔާމީން ވިދާޅުވީ، 2018 ވަނަ އަހަރާ ހަމައަށް އައިއިރު ތަކެތީގެ އަގުބޮޑުވާ ނިސްބަތް ދެ ޕަސެންޓަށް ވެސް ނާރާ ކަމަށެވެ. ނަމަވެސް މިހާރު އިންފްލޭޝަން ހުރީ 22 ޕަސެންޓުގައި ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިހާ ހިސާބަށް ދިއުމުން ޑޮލަރު ރޭޓަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފައިވާކަމަށް ޔާމީން ވިދާޅުވިއެވެ. އެގޮތުން ޑޮލަރެއް 21 ރުފިޔާއަށް ގަންނަން ލިބެން ހުރުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޓެގްތައް

ކޮމެންޓް (0)

ކޮމެންޓް ލިޔުމަށް