ޑްރަގް ޓްރެފިކިން ހުއްޓުވަން ރާާއްޖެއާއި އިންޑިއާއިން މަޝްވަރާކޮށްފި
ހުސެއިން އާދަމް

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ސަލާމަތީ ގޮތުން ބެލެހެއްޓުމުގައި ދިމާވާ މައްސަލަތައް ހައްލުކުރުމަށާއި، މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވުމަށް ކުރާ މަސައްކަތުގައި ދެ ގައުމުގެ އެއްބާރުލުން ބަދަހިކުރުމާ ގުޅޭގޮތުން އިންޑިއާއާ އެކު މަޝްވަރާތައް ބާއްވައިފިއެވެ.
މި މަޝްވަރާތަކުގައި މައިގަނޑު ގޮތެއްގައި ނިންމާފައިވަނީ ކަނޑުގެ ސަލާމަތީ ކަންކަމާ ގުޅޭގޮތުން ދިމާވާ ގޮންޖެހުންތައް ނައްތާލުމަށާއި، މި ދާއިރާއިން މީހުން ތަމްރީނު ކުރާ ޕްރޮގްރާމްތައް އިތުރުކުރުމަށް އެއްބާރުލުން ދިނުމަށެވެ.
މި މަޝްވަރާތައް ކުރިއަށް ގެންދިޔައީ އިންޑިއާގެ ޑެޕިއުޓީ ޗީފް އޮފް ނޭވަލް ސްޓާފް، ވައިސް އެޑްމިރަލް ތަރުން ސޮބްތީ ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. އެގޮތުން، އިއްޔެ ވަނީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް އިބްރާހިމް ހިލްމީގެ ދައުވަތަކަށް އޭނާއާ ބައްދަލުކުރައްވައި ޚިޔާލު ބަދަލުކުރައްވާފައެވެ.
މީގެ އިތުރުން، ދެ ގައުމުގެ ދެމެދުގައި މިހާރުވެސް ހިންގަމުންދާ މަޝްރޫޢުތައް ކުރިއަށް ގެންދިޔުމާއި، ކަނޑުގެ ސަލާމަތީ މައުލޫމާތުތައް ބަދަލުކުރުމާ ގުޅޭގޮތުން ވެސް މި ބައްދަލުވުމުގައި މަޝްވަރާކުރެވުނެވެ.
ވައިސް އެޑްމިރަލް ތަރުން ސޮބްތީގެ މި ދަތުރުފުޅުގެ ތެރެއިން، ކޯސްޓުގާޑުގެ ބޯޓު 'ހުރަވީ' އަށް ބޭނުންވާ ބައެއް ސްޕެއާރ ޕާޓްސް (އިތުރު ބައިތައް) އެމްއެންޑީއެފްއާ ހަވާލުކުރެއްވުމުގެ ރަސްމިއްޔާތެއް ވެސް އިއްޔެ ވަނީ ބާއްވާފައެވެ.