ޚަބަރު

އުދައްޔުގެ ގާތިލުން މަރަން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކޮށްފި

ހއ

ހުސެއިން އާދަމް

16 ޑިސެމްބަރ 2025
06:04
އުދައްޔުގެ ގާތިލުން މަރަން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކޮށްފި

ގއ. މާމެންދޫގައި ހިންގި ގުރޫޕް މާރާމާރީއެއްގައި އެ ރަށު އަހްމަދު އުދައްޔު (ލިލީ އޮފް ދަ ވެލީ) މަރާލުމުގެ ކުށް ސާބިތުވެ، ކްރިމިނަލް ކޯޓުން މަރުގެ ހުކުމް އިއްވި ދެ މީހުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.

މީގެ ހަތަރު އަހަރު ކުރިން، 2021 ވަނަ އަހަރު މާމެންދޫގައި ހިންގި މި މާރާމާރީގައި އުމުރުން 17 އަހަރުގެ އުދައްޔު މަރާލި މައްސަލައިގައި، ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގައި ބައިވެރިވި ކަމުގެ ދައުވާ ލިބެނީ ގއ. މާމެންދޫ ރިހިފަރުދާގެ، އަހްމަދު ޝަމީމާއި، އެ ރަށު ބިލަތްމާގެ، ޝަރަފް ރަޝީދު އަދި ގުލްފާމުގެ، މުހައްމަދު މާޒިން އަށެވެ. މި މައްސަލައިގައި 18 އަހަރުން ދަށުގެ ކުޑަކުއްޖަކު ވެސް ހިމެނެ އެވެ. އެ ކުއްޖާގެ މައްޗަށް ޖުވެނައިލް ކޯޓުގައި ހިންގި ޝަރީއަތުގައި ވަނީ އުދައްޔު މަރާލިކަން ސާބިތުވެފަ އެވެ.

މި މައްސަލަ ސާބިތުވުމާ ގުޅިގެން، މިދިޔަ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު ކްރިމިނަލް ކޯޓުން މަރުގެ ހުކުމް ކޮށްފައި ވަނީ މާޒިން އާއި ޝަމީމްގެ މައްޗަށެވެ. އެ ދެ މީހުންގެ ފަރާތުން މިމަހުގެ 12 ވަނަ ދުވަހު ވަނީ އެ ނިންމުން ހައިކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. ނަމަވެސް، އެ މައްސަލަ ބަލައިގަތުމާ މެދު ހައިކޯޓުން އަދި ވަކި ގޮތެއް ނުނިންމަ އެވެ.

ކްރިމިނަލް ކޯޓުން މި މައްސަލައިގައި އިއްވި ހުކުމްގައި ބަޔާންކޮށްފައިވާ ގޮތުގައި، އުދައްޔު މަރުވުމަށް ދިން ހަމަލާ ދިނީ މައްސަލައިގައި ހިމެނޭ ކުޑަކުއްޖާ ކަމަށް ވިޔަސް، ހެކިންގެ ހެކިބަހުން ސާބިތުވާ ގޮތުގައި މާޒިން އާއި ޝަމީމް ވަނީ އެ ކުއްޖާއާ އެކު އެއް ޖަމާއަތެއްގެ ގޮތުގައި، އެކަކު އަނެކަކަށް އެހީތެރިވެ، ވާގިދީގެން ހަރަކާތްތެރިވެފަ އެވެ.

ނަމަވެސް، ދައުވާ ލިބޭ ޝަރަފްގެ މައްޗަށް މި މަރުގައި ބައިވެރިވި ކަމުގެ ދައުވާ ސާބިތުނުވާ ކަމަށް ވަނީ ކަނޑައަޅާފަ އެވެ. އޭނާގެ މައްޗަށް ސާބިތުވީ، އެރޭ ހިނގި މާރާމާރީގައި ތޫނު އެއްޗެއް ބޭނުންކޮށްގެން އުދައްޔުގެ ބޭބެ، ފިރުޝާން ޒާހިރަށް އަނިޔާކުރުމުގައި ބައިވެރިވި ކަމުގެ ދައުވާ އެވެ. މި ދައުވާ އަނެއް ދެ މީހުންގެ މައްޗަށް ވެސް އުފުލާފައިވެ އެވެ.

ޓެގްތައް

ކޮމެންޓް (0)

ކޮމެންޓް ލިޔުމަށް