ޚަބަރު

މައުމޫން 12 އަހަރަށް ޖަލަށްލާން ކުރި ހުކުމް އިސްތިއުނާފުކޮށްފި

ހއ

ހުސެއިން އާދަމް

16 ޑިސެމްބަރ 2025
04:42
މައުމޫން 12 އަހަރަށް ޖަލަށްލާން ކުރި ހުކުމް އިސްތިއުނާފުކޮށްފި

މޯލްޑިވް ގޭސްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މައުމޫންގެ މައްޗަށް ރިޝްވަތު ނެގުމުގެ ދެ ދައުވާއެއް ކްރިމިނަލް ކޯޓުން ސާބިތުކޮށް، ޖުމްލަ 12 އަހަރަށް ޖަލަށް ލުމަށް ކުރި ހުކުމް، ހައި ކޯޓުގައި އިސްތިއުނާފުކުރުމަށް ހުށަހަޅައިފި އެވެ.

މައުމޫންގެ މައްޗަށް ދައުލަތުން ދައުވާކުރީ، ކުރީގެ ޕީޕީއެމްގެ ވެރިކަމުގައި، އޭނާ މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވިއިރު، 2016 ވަނަ އަހަރު ރިޝްވަތުގެ ގޮތުގައި ފައިސާ ނަގާފައިވާ ކަމަށް ބުނެ އެވެ. އެ މައްސަލާގައި ދައުލަތުން ކުރި ހަތް ދައުވާގެ ތެރެއިން ކޯޓަށް ސާބިތުކުރެވުނީ ދެ ދައުވާއެވެ.

އެ ދެ ދައުވާ ސާބިތުކުރުމަށް ފަހު، މައުމޫންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވީ ޖުމްލަ 12 އަހަރާއި ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ. އެއީ ކޮންމެ ދައުވާއަކަށް ހަ އަހަރާއި ހަތަރު މަހާއި 24 ދުވަހުގެ ޖަލު އަދަބު ކަނޑައަޅައިގެންނެވެ.

މި ހުކުމް އިސްތިއުނާފުކުރުމަށް މިދިޔަ ހަފުތާގައި ހައި ކޯޓަށް ހުށަހަޅާފައިވާއިރު، މައްސަލަ ބަލައިގަތުމާ މެދު އަދި ގޮތެއް ނިންމާފައެއް ނުވެ އެވެ.

ސާބިތުވި ދެ ދައުވާއާ ގުޅިގެން ހުކުމް އިއްވި ނަމަވެސް، މައުމޫންގެ މައްޗަށް ކުރާ އިތުރު ފަސް ދައުވާއެއް އަދި ބާކީ އެބައޮތެވެ. އެހެން ނަމަވެސް، އެ މައްސަލަތަކުގެ ހުކުމެއް އަދި މިހާތަނަށް އިއްވާފައެއް ނުވެ އެވެ.

ޕީޕީއެމްގެ ވެރިކަން ނިމުމަށް ފަހު، މައުމޫންގެ މައްޗަށް ކުރެވުނު ތުހުމަތުތަކާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މައްސަލަ ބަލަމުން ދަނިކޮށް، މައުމޫން ވަނީ ގިނަ ދުވަސްތަކެއް ވަންދެން ރާއްޖެއިން ބޭރުގައި ހުންނަވައިފަ އެވެ. ނަމަވެސް، ދައުލަތުން އޭނާގެ މައްޗަށް ދައުވާކުރީ މިދިޔަ އަހަރުގެ ކުރީކޮޅު އެވެ. އަދި އޭނާ އަމިއްލައަށް މިދިޔަ އަހަރު ރާއްޖެ ވަޑައިގަތުމުން، ކޯޓު އަމުރެއްގެ ދަށުން އޭނާގެ ފުރައިގެން ދިއުން ވަނީ މަނާކޮށްފަ އެވެ.

ޓެގްތައް

ކޮމެންޓް (0)

ކޮމެންޓް ލިޔުމަށް