އެއްވެ އުޅުމާއި ޚިޔާލުފާޅު ކުރުން ހަނިކުރުން ސަރުކާރުން ވަގުތުން ހުއްޓާލުމަށް ނަޝީދު ގޮވާލައިފި
ހުސެއިން އާދަމް

އެއްވެ އުޅުމާއި އަދި ޚިޔާލުފާޅު ކުރުމުގެ މިނިވަންކަން ހަނިކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ވަގުތުން ހުއްޓާލުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ނަޝީދު ފާހަގަކުރެއްވި ގޮތުގައި، މަސްވެރިންގެ ދުވަހާ ގުޅިގެން ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރާއެކު މަސްވެރިންގެ އަޑު އުފުލުމަށް ސުލްހަވެރިކަމާއެކު ތިއްބާ ހައްޔަރުކުރި މަސްވެރިން ވަގުތުން ދޫކޮށްލުމަށް ސަރުކާރަށް އެމަނިކުފާނު ގޮވާލައްވަ އެވެ.
ނަޝީދު ވަނީ، މެންބަރު މައުރޫފާއެކު ހައްޔަރުކުރި މުހައްމަދު ޞާދިގާއި އަބްދުއްލަތީފް އަހްމަދު އަދި މުހައްމަދު މުސްތަފާ ވެސް ވަގުތުން ދޫކޮށްލުމަށް އެދިވަޑައިގެންފަ އެވެ. މި ތިން މަސްވެރިންނާއި މެންބަރު މައުރޫފްގެ ބަންދަށް ކްރިމިނަލް ކޯޓުން ހުކުރު ދުވަހު ފަސް ދުވަސް ޖެހި ނަމަވެސް، އާންމުންގެ ފާޑުކިޔުން ބޮޑުވެ ސަރުކާރަށް ޕްރެޝަރު އައިސްފައިވަނިކޮށް މެންބަރު މައުރޫފް ވަނީ ދޫކޮށްލާފަ އެވެ.
މައުރޫފް ދޫކޮށްލި ނަމަވެސް، އޭނާ ބަންދުކުރި މައްސަލަ އިދިކޮޅު އެމްޑީޕީން ވަނީ އައިޕީޔޫ (IPU) އަދި އައިއެލްއޯ (ILO) އަށް ހުށަހަޅާފަ އެވެ. ރައީސް ނަޝީދު މި ގޮވާލެއްވުންތައް ކުރިއަށް ގެންދެވިއިރު، އިދިކޮޅު އެމްޑީޕީ އާއި ގިނަ ރައްޔިތުން ދަނީ މި އިހުތިޖާޖުތަކުން މީހުން ހައްޔަރުކުރަނީ ސަރުކާރުގެ ނާގާބިލު ސިޔާސަތުތަކަށް ފާޑުކިޔާ މީހުންގެ އަޑު ކަނޑުވާލުމަށްޓަކައި ބިރު ދެއްކުމުގެ ގޮތުން ކަމަށް ބުނަމުންނެވެ.
ޑިސެމްބަރު 10 ވަނަ ދުވަހު ފާހަގަކުރެވޭ މަސްވެރިންގެ ދުވަހާ ގުޅިގެން، ބޮޑުކަންނެލި މަސްވެރިން ވަނީ 49 ދޯންޏާއެކު ކަނޑުމަތީގައި ސުލްހަވެރި އިހުތިޖާޖެއް ކޮށްފަ އެވެ. އެމީހުންގެ މައިގަނޑު އެދުމަކީ މި ސަރުކާރުން އެ މަސްވެރިންނަށް ވީ ވައުދުތައް އަވަހަށް ފުއްދައިދިނުމެވެ.
މި އިހުތިޖާޖުގައި މަސްވެރިން ސަރުކާރަށް ހުށަހަޅާ މައިގަނޑު ތިން ޑިމާންޑަކީ: 1. ސަރުކާރުގެ މެނިފެސްޓޯގައިވާ ގޮތަށް މަސް ކުންފުނި މިފްކޯއިން ބޮޑުކަންނެލި ގަންނަން ފެށުން. 2. ކަންނެލި ގަނެވޭނެ އެންމެ ދަށް އަގު 80 ރުފިޔާއާއި 100 ރުފިޔާއާ ދެމެދުގައި ކަނޑައެޅުން. 3. މަސްވެރިންނަށް ތެލާއި އައިސް ބޭސް ރޭޓުގައި ލިބޭނެ އިންތިޒާމް ހަމަޖެއްސުމެވެ.