މަސްވެރިންނަށް އަގުހެޔޮ ކުރީ ތެޔޮ ލީޓަރަކުން 50 ލާރި
ހުސެއިން އާދަމް

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޯޕަރޭޝަން (މިފްކޯ) އިން މަސް ގަންނަ އުސޫލަށް އާދިއްތަ ދުވަހުން ފެށިގެން ބަދަލުތަކެއް ގެނެސްފިއެވެ.
އެގޮތުން، އެންމެ މަތީ އަގު ދޭނީ 1.5 ކިލޯގެ މަހުގެ ބަދަލުގައި، އެއް ކިލޯ ނުވަތަ އެއަށްވުރެ ބަރު މަހަށެވެ. މީގެ އިތުރުން، މަސްވެރިންނަށް މިފްކޯއިން ތެޔޮ ވިއްކަނީ އެވްރެޖްކޮށް 51 ލާރި ހެޔޮކޮށް ކަމަށް ރައީސް މުޙައްމަދު މުޢިއްޒު ވަނީ ހާމަކުރައްވާފައެވެ.
ރައީސް މުޢިއްޒު މި ވާހަކަފުޅު ދެއްކެވީ، ހޮނިހިރު ދުވަހުގެ ރޭ، ރ. ދުވާފަރުގައި ބޭއްވެވި ދިވެހިރާއްޖޭގެ 45 ވަނަ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައެވެ.
ކޯލްޑް ސްޓޯރޭޖްގެ ޤާބިލުކަން އިތުރުކުރުމުގެ މަސައްކަތްތަކުގެ ދަށުން، އިތުރު 200 ފަރާތަކަށް އާރް.އެސް.ޑަބްލިއު ލޯނު ދޫކުރުމަށް ހުޅުވާލާފައިވާކަން ރައީސް މުޢިއްޒު ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤާއިމުކުރާ ޕްރޮސެސިންގ ކާރުޚާނާތަކުގެ ޢަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާކަން ވެސް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން، ފިއުލް ސްކިޑްތައް ޤާއިމުކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށާއި، ކަނޑައަޅާފައިވާ ހުރިހާ ސަރަޙައްދެއްގައި އަންނަ މާރިޗު މަހުގެ ނިޔަލަށް މި މަސައްކަތް ނިންމޭނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
މަސްވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ މަސް ގަންނަ އަގުކަން ފާހަގަކުރައްވައި، އެކަމަށް ޙައްލު ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވަނީ ދެމެހެއްޓެނިވި ގޮތެއްގައި، ދުރު ރާސްތާއަށް ވިސްނަވައިގެން ކަމަށް މުޢިއްޒު ވިދާޅުވިއެވެ. ބޮޑުކަންނެލި ގަތުމުގެ އިންތިޒާމު ދެމެހެއްޓެނިވި ގޮތެއްގައި ހަމަޖެއްސެވުމަށް އިތުރު މަސައްކަތްތައް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވިއެވެ. އަދި ހުޅުމާލޭގައި ޤާއިމުކުރާ ފެސިލިޓީގެ މަސައްކަތްތައް ކުރިއަށްދާ ގޮތަށް ބަލާއިރު، ވަރަށް އަވަހަށް މިފްކޯއިން ބޮޑުކަންނެލި ގަންނަން ފެށޭނެ ކަމަށް އެމަނިކުފާނު ލަފާކުރެއްވިއެވެ.
ރައީސް މުޢިއްޒު ވިދާޅުވީ، މަސްވެރިކަމުގެ ސިނާޢަތަކީ ހަމައެކަނި ދިވެހީން މަސައްކަތްކުރާ ސިނާޢަތަކަށް ވާނޭ ދުވަހެއް ފެނިވަޑައިގަތުމަކީ އެމަނިކުފާނު އެންމެ ބޭނުންފުޅުވާ ކަމެއް ކަމަށެވެ. އެގޮތުން، ދިވެހި ޒުވާނުން މި ދާއިރާއަށް ނެރޭ ފަރާތްތަކާއި، އޮޑިފަހަރުގައި ހަމައެކަނި ދިވެހި ފަޅުވެރިން ގެންގުޅޭ ފަރާތްތަކަށް ހިތްވަރުދެއްވުމުގެ ގޮތުން، ޤައުމީ ފެންވަރެއްގައި އެ ފަރާތްތަކުގެ އަގުވަޒަންކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
ރައީސް މުޢިއްޒުގެ ސަރުކާރަށް ދެ އަހަރު ފުރިގެން ދިޔަ އިރު، ބޮޑު ކަންނެލީގެ މަސްވެރިންނަށް ވެވަޑައިގެންނެވި ވައުދު ފުއްދާފައި ނުވާތީ، މިދިޔަ އަހަރުގެ މަސްވެރިންގެ ދުވަހާއި މި އަހަރުގެ މަސްވެރިންގެ ދުވަހު ވެސް މަސްވެރިން ވަނީ މުޒާހަރާކޮށްފައެވެ.
މި ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހު 49 ކަންނެލި އޮޑި މާލޭ ފަޅުން ބޭރުގައި ވައުދު ފުއްދުމަށް ގޮވާލާ އަޑު އުފުލާފައި ވެއެވެ. ފުލުހުން ވަނީ ބާރުގެ ބޭނުންކޮށްގެން މުޒާހަރާ ރޫޅާލައި ބައެއް ފަރާތްތައް ހައްޔަރުކޮށް، ބައެއް އޮޑިފަހަރު ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން އިން ހޮނިހިރު ދުވަހު ބުނީ އެ މީހުންގެ އިޙްތިޖާޖަކީ ސިޔާސީ ކަމެއް ނޫން ކަމަށާއި، އެ މީހުން ބޭނުންވަނީ ވައުދާ އެއްގޮތަށް ކަންނެލި ކިރާ އަގު 80ރ. އާއި 100ރ. އާ ދެމެދުގެ އަގަކަށް ހެދުމަށާއި، ހެޔޮ އަގުގައި ތެލާއި އައިސް ލިބޭނެ ގޮތް ހަދައިދިނުމަށާއި، ސަރުކާރުން ކަންނެލި ކިރަން ފެށުމަށް ކަމުގައެވެ.