މަސްވެރިންނަަށް ސަރުކާރުން ދިނީ އަނިޔާވެރި ހަދިޔާއެއް: ޔާމީން
ހުސެއިން އާދަމް

ކުރީގެ ރައީސް ޢަބްދުالله ޔާމީން، ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އެހެން ސަރުކާރުތަކަށް ވުރެ މަސްވެރިންނަށް ބޮޑަށް އަޅާލާނެ ކަމަށް ވައުދުވި ނަމަވެސް، މަސްވެރިންގެ ޝަކުވާތައް އަޑުއަހާލަން ނުކެރި، މަސްވެރިންނަށް ދެއްވި އަނިޔާވެރި ހަދިޔާއެއް ކަމަށް ވިދާޅުވެއްޖެއެވެ.
ޔާމީން މިފަދައިން ވިދާޅުވީ، ސަރުކާރުން މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދާ ކަމަށް ބުނެ، ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން މާލެ ކައިރީގައި ކުރި އިހުތިޖާޖު ފުލުހުން ރޫޅާލައި، އެ ޔޫނިއަންގެ ސެކްރެޓަރީ ޖެނެރަލް އަދި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރާއި އިތުރު ދެ މީހަކު ހައްޔަރުކޮށް، ތިން ދޯނި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމާ ގުޅިގެންނެވެ.
އެމަނިކުފާނުގެ އަމިއްލަ ޕާޓީ، ޕީއެންއެފްއިން ބާއްވަމުން އަންނަ ސިލްސިލާ ޖަލްސާތަކުގެ ތެރެއިން ރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ، މަސްވެރިންގެ ދުވަސް މަސްވެރިންނާ ބައްދަލުކުރީ ވަރަށް 'އަނިޔާވެރި' ގޮތަކަށް ކަމަށެވެ.
ޔާމީން ވަނީ، މި ސަރުކާރުން ބޮޑު ކަންނެލީގެ އަގު 80 ރުފިޔާއިން 100 ރުފިޔާއަށް ބޮޑުކުރާނެ ކަމަށް ވައުދުވެފައިވާކަން ފާހަގަކުރައްވައިފައެވެ.
ބޮޑު ކަންނެލި މަސްވެރިންގެ އިހުތިޖާޖަށް އިޝާރާތްކުރައްވައި އެމަނިކުފާނު ވިދާޅުވީ، މަސްވެރިންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް އަޑުއަހާލަން މި ސަރުކާރަށް ނުކެރުނު ކަމަށެވެ. މަސްވެރިން މާލެ އައީ އެމީހުންގެ އަޑުއުފުލުމަށް ކަމަށާއި، އެނޫން ގޮތަކަށް ރައީސް މުޢިއްޒުގެ ސަރުކާރަށް މަސްވެރިންގެ ކަންބޮޑުވުންތައް ނޭނގޭނެ ކަމަށް ވިދާޅުވެ، ސަރުކާރަށް ޔާމީން ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ.
ޔާމީން ވިދާޅުވީ، ފުލުހުން ބޮޑު ކަންނެލި މަސްވެރިންގެ އިހުތިޖާޖު ރޫޅާލީ، މުދަލަށް ގެއްލުން ދިނުމާއި ދަތުރުފަތުރަށް ހުރަސްއެޅުން ފަދަ ގާނޫނާ ޚިލާފު އެއްވެސް ކަމެއް އެ އިހުތިޖާޖުގެ ތެރެއިން ނުކުރަނީސް ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ، "ދެން އަޅުގަނޑު ދަންނަވަން މި އުޅެނީ ބިރުގަތީމަ، ނޫނީ ހިސާބަށް ވުރެ ރަހުމްކުޑަ ވީމަ މަސްވެރިންނަށް މަސްވެރިންގެ ދުވަހު ދިން ހަދިޔާއެއް،" ކަމަށެވެ.
މަޢުރޫފް ހައްޔަރުކުރި ކުރުމަށް އިޝާރާތްކުރައްވައި ޔާމީން ވަނީ، ބޮޑު ކަންނެލި މަސްވެރިންގެ ހައްގުގައި އަޑުއުފުލުމަކީ ހައްޔަރުކުރަން ޖެހޭ ސަބަބެއް ނޫން ކަމަށް ވިދާޅުވެ، މަސްވެރިންނަށް ދަތިވާ ކަންކަން ސަރުކާރުން އަޑުއެހުމަށް ގޮވާލައްވައިފައެވެ.
ޔާމީން ވިދާޅުވީ، މަސްވެރިންގެ ދުވަސް މީގެ ކުރިން ފާހަގަކުރާއިރު ސަރުކާރުތަކުން އޭރު ދެނީ އުފާވެރި ޚަބަރުތައް ކަމަށާއި، މަސް ކިރުމުގައި ދިމާވާ ދަތިތަކާއި ތެޔޮ ލިބުމުގައި ދިމާވާ ދަތިތައް ހައްލުކުރުމަށް ސަރުކާރުތަކުން އޭރު ބުނާ ކަމަށެވެ. އެކަމަކު މި ސަރުކާރުން ކަންކުރީ މުޅިން އިދިކޮޅަށް ކަމަށް ޔާމީން ފާހަގަކުރެއްވިއެވެ.
މި ސަރުކާރުގެ ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ޔާމީން ވިދާޅުވީ ހައްޔަރުކުރި މަސްވެރިންގެ ހައްގުގައި ޝިޔާމް އެއްވެސް ވާހަކައެއް އަދި ވިދާޅުނުވާ ކަމަށެވެ. ޔާމީން ވިދާޅުވީ، އިހުތިޖާޖުން ހައްޔަރުކުރި މީހުން ދޫކޮށްލަން މަސައްކަތްކުރަން ޖެހޭ ކަމަށެވެ.
"މި ދާއިރާގަ ހުރި މައްސަލަތައް އަޑުއަހާލަން ކެރެންވާނެ، އެކަމަކު އޭގެ ބަދަލުގަ އެ މީހުން ހިފައި ހައްޔަރުކޮށް، ހުރަގެއަށް ލައި، މިހެންނޫން ދެއްތޯ ކަންކަން ކުރަންވާނީ،" ޔާމީން ވިދާޅުވިއެވެ.