އިހްތިޖާޖުގެ ތެރެއިން މެމްބަރު މައުރޫފް ހައްޔަރުކޮށް، ދެ ދޯނި ފުލުހުންގެ ބެލުމުގެ ދަށަށް
ހުސެއިން އާދަމް

މިފްކޯއިން ބޮޑުކަންނެލި ގަންނަން ފެށުމަށް ގޮވާލައި، ކަންނެލި މަސްވެރިން ކުރަމުންދާ މުޒާހަރާގައި އިސްކޮށް ހަރަކާތްތެރިވާ ބޮޑުކަންނެލި ޔޫނިއަންގެ ޖެނެރަލް ސެކްރެޓަރީ އަދި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު ހިމެނޭ ގޮތަށް ތިން މީހަކު ހައްޔަރުކޮށް އެ މީހުންނާ ގުޅުންހުރި ދެ ދޯންޏެއްވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވި ގޮތުގައި، މި ތިން މީހުން ހައްޔަރުކުރީ މުޒާހަރާގެ ތެރެއިން ފުލުހުން ދިން އަމުރަށް ނުކިޔަމަންތެރިވުމާއި، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅުމުގެ ތުހުމަތުގަ އެވެ. ނަމަވެސް، ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ދެ ދޯނި ގެންދިޔަ ސަބަބެއް އޮފިޝަލް ހާމައެއް ނުކުރައްވަ އެވެ.
އޮފިޝަލް އިތުރަށް ވިދާޅުވީ، "މަސްވެރިން މިހާރު ކުރަމުންދާ އިހުތިޖާޖާ ގުޅިގެން ދެ ދޯނި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި. އަދި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ފުލުހުންގެ މަސައްކަތަށް ހުރަސް އެޅިކަމުގެ ތުހުމަތުގައި ތިން މީހަކުވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި،" މިފަދަ އިންނެވެ.
ކަންނެލި ދޯނިތަކުގެ ކައިރިއަށް ފުލުހުން މިއަދު ފުރަތަމަ ދިޔައިރު، އެމީހުން ބުނެފައިވަނީ، އެ ދޯނިފަހަރުގައި ތިބި ބިދޭސީން މުޒާހަރާގައި ބައިވެރިވާތީ، އެ މީހުން ހޯދުމަށް އިމިގްރޭޝަނާ ގުޅިގެން ކުރިއަށް ގެންދާ އޮޕަރޭޝަނެއް ކަމަށެވެ.