ނަތަންޔާހޫ އާއި އިސްރާއީލްގެ ވެރިން ހައްޔަރުކުރަން ތުރުކީން އަމުރެއް ނެރެފި
ހުސެއިން އާދަމް

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އޭނާގެ ސަރުކާރުގެ އިސްވެރިން ނަސްލު ނައްތާލުމުގެ ކުށުގައި ހައްޔަރުކުރުމުގެ އަމުރެއް ތުރުކީން ނެރެފިއެވެ.
ތުރުކީގެ ޕްރޮސެކިއުޓަރުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ލިސްޓުގައި ހިމެނޭ 37 މީހުންގެ ތެރޭގައި އިސްރާއީލުގެ ދިފާޢީ ވަޒީރު އިސްރާއީލް ކާޓްޒް، ގައުމީ ސަލާމަތީ ވަޒީރު އިތަމާރު ބެން-ގްވީރު، އަދި ސިފައިންގެ ޗީފް ލެފްޓިނަންޓް ޖެނެރަލް އޭލް ޒަމީރު ހިމެނެއެވެ. ނަމަވެސް އެ އޮފީހުން މުޅި ލިސްޓު އާންމުކޮށްފައެއް ނުވެއެވެ.
ތުރުކީން ވަނީ އިސްރާއީލުން ޣައްޒާގައި "ސިސްޓަމެޓިކްކޮށް ހިންގާފައިވާ" "ނަސްލު ނައްތާލުމާއި އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކުގެ" ޒިންމާ އެއޮފިޝަލުން ނަގަން ޖެހޭނެ ކަމަށް ބުނެފައެވެ.
އެ ބަޔާނުގައި ވަނީ ޣައްޒާގައި ތުރުކީން ބިނާކޮށް، މާރިޗު މަހު އިސްރާއީލުން ބޮން އަޅާފައިވާ "ތުރުކީ-ފަލަސްތީނުގެ އެކުވެރިކަމުގެ ހޮސްޕިޓަލް" ގެ ހަމަލާ ވެސް ފާހަގަކޮށްފައެވެ.
އިސްރާއީލުން ވަނީ މި އަމުރަކީ "ޕީއާރު ސްޓަންޓެއް" ކަމަށް ބުނެ ކުށްވެރިކޮށްފައެވެ.
ތުރުކީން ވަނީ މިދިޔަ އަހަރު، ނަސްލު ނައްތާލުމުގެ ކުށުގައި އިސްރާއީލާ ދެކޮޅަށް ދުނިޔޭގެ ޢަދުލުގެ ކޯޓުގައި ދެކުނު އެފްރިކާއިން ހުށަހެޅި މައްސަލައާ ގުޅިފައެވެ.
ޑޮނަލްޑް ޓްރަމްޕްގެ ސަރަޙައްދީ ސުލްޙައިގެ ޕްލޭނުގެ ދަށުން، ޣައްޒާގައި އޮކްޓޯބަރު 10 ވަނަ ދުވަހުން ފެށިގެން ވަނީ ހަމަލާ ހުއްޓާލުމުގެ އެއްބަސްވުމެއް ގާއިމު ކޮށްފައެވެ. ނަމަވެސް އެ އެއްބަސްވުމަށްފަހު ވެސް އިސްރާއީލުން އަންނަނީ ޣައްޒާއަށް ހަމަލާތައް ދެމުންނެވެ.