ފްރީޑައިވް މޯލްޑިވްސް އިން ރާއްޖޭގައި ދުނިޔޭގެ ރެކޯޑެއް ހަދައިފި
އަޒްފާ ރަޝީދު
އެއްފަހަރާ 300 އަށްވުރެ ގިނަ މީހުންނާއެކު ރިސޯޓެއްގައި ފީނައިގެން ދުނިޔޭގެ ރިކޯޑެއް މިއަދު ރާއްޖޭގައި ގާއިމުކޮށްފިއެވެ. ސިޔާމް ވޯލްޑްގައި މިހަރަކާތް ކުރިއަށް ގެންދިޔައީ ފްރީޑައިވް މޯލްޑިވްސް އާއި ގުޅިގެންނެވެ. މި ރެކޯޑް ހެދީ މިއަދު ހެނދުނު ބޭއްވި "ސްނޯކަލް ވޯލްޑް 300" ނަމަކަށް ކިޔާ ހަރަކާތުގައެވެ.
ފްރީ ޑައިވް މޯލްޑިވްސްއާ ގުޅިގެން ބޭއްވި މި އިވެންޓުގައި 13 ރަށަކުން މީހުން ބައިވެރިވެފައިވެއެވެ. އެގޮތުން ނ. އަތޮޅާއި ބ. އަތޮޅުގެ އިތުރުން ހއ. އަދި ހދ. އަތޮޅުގެ ބައިވެރިން ވެސް މި ރެކޯޑުގައި ހިމެނެއެވެ.
މި ރެކޯޑު ގާއިމުކުރުމަށް ކަނޑައެޅި ޓާގެޓަކީ ޖުމްލަ 250 މީހުންނެވެ. ނަމަވެސް، އާންމުންގެ ފަރާތުން ލިބުނު ބޮޑު ތަރުހީބާއެކު، ޖުމްލަ 307 ބައިވެރިންނާއެކު މި ރެކޯޑު ވަނީ ނިންމާލާފައެވެ.
މިއިވެންޓްގައި ދުނިޔޭގެ ޑީޕެސްޓް ފްރީޑައިވަރ ރެކޯޑް ހަދާފައިވާ ހާބަޓް ނިޓްޝް އާއި މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
އިވެންޓު އިންތިޒާމުކުރި ފްރީ ޑައިވް މޯލްޑިވްސްގެ ފަރާތުން އިސްކޮށް ހަރަކާތްތެރިވި ފަހުދު ފާއިޒް ވިދާޅުވީ، ސިޔާމް ވޯލްޑުން ދިން ފުރިހަމަ އެއްބާރުލުމުގެ ސަބަބުން މި ހަރަކާތް ކާމިޔާބުކަމާއެކު ނިންމާލެވުނު ކަމަށެވެ. އަދި މިއީ ގިނަ ބަޔެއްގެ އެހީތެރިކަމާއި އެއްބާރުލުން ލިބިގެން ކުރިއަށް ގެންދެވުނު ކާމިޔާބު މަސައްކަތެއް ކަމަށް ވެސް ފަހުދު ފާހަގަކުރެއްވިއެވެ.
ސިޔާމް ވޯލްޑަކީ އަބަދުވެސް ތަފާތު ކަންކަން ކުރުމަށްޓަކައި ރިސްކު ނަގައިގެން މަސައްކަތްކުރާ މެނޭޖްމަންޓެއް އޮތް ތަނެއްކަން ފާހަގަކުރައްވައި، ފަހުދު ވިދާޅުވީ މި އިވެންޓު ބޭއްވުމަށް ފަސޭހަވީ ސިޔާމް ވޯލްޑާއި ފްރީ ޑައިވް މޯލްޑިވްސްއަށް އެއްއަމާޒަކަށް މަސައްކަތް ކުރެވެވުމުގެ ސަބަބުން ކަމަށެވެ.
ފްރީޑައިވް މޯލްޑިވްސްއަކީ މިހާތަނަށް ތިން ވޯލްޑް ރެކޯޑެއް އޮގަނައިޒްކޮށް ދެ ވޯލްޑް ރެކޯޑެއް ދަމަހައްޓާފައިވާ ޑައިވިން ސްކޫލެކެވެ.
މި ހަރަކާތް ނިމުމާއެކު ހުރިހާ ބައިވެރިންނަށް ވަނީ ގިނިސް ވޯލްޑް ރެކޯޑުގެ ރަސްމީ މެޑަލް ވެސް ދީފައެވެ. މިއީ ރާއްޖޭގައި ބޭއްވި އިވެންޓަކުން ގިނިސް ވޯލްޑް ރެކޯޑުގެ ރަސްމީ ރަން މެޑަލް ދިން ފުރަތަމަ ފަހަރެވެ.
މީގެ ކުރިން ރާއްޖޭގައި ބޭއްވީ ގިނިސްގެ މެޑެލް ނަކަލުކޮށްގެން މެޑެލް ދިން އިވެންޓެކެވެ. ގިނިސް އިން ވަނީ އެގޮތައް އިވެންޓެއް ބޭއްވުމުން އެއިވެންޓް އިންތިޒާމް ކުރި ފަރާތް ޖޫރިމަނާ ވެސް ކޮށްފައެވެ.