ވަށަފަރު ޑަބްލިއުޑީސީގެ ރައީސްގެ ގޮނޑި ވެސް ޕީއެންސީއަށް ގެއްލިއްޖެ
ހުސެއިން އާދަމް

ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ ރައީސް ހޮވުމަށް މިއަދު ބޭއްވި ބައި-އިލެކްޝަން، ޕީއެންސީގެ ކެންޑިޑޭޓާ ވާދަކުރައްވައި އެމްޑީޕީގެ ތާއީދާއެކު ނުކުންނެވި އަމިއްލަ ކެންޑިޑޭޓް ރިޝްމާ އާދަމް ކާމިޔާބު ކުރައްވައިފިއެވެ.
ވަގުތީ ނަތީޖާ ދައްކާ ގޮތުގައި، މި އިންތިހާބުގައި ވޯޓުލުން ކުރިއަށްދިޔަ ތިން ސަރަހައްދުގެ ފޮށިންވެސް ކުރި ހޯއްދެވީ ރިޝްމާއެވެ. އޭނާއާ ވާދަކުރެއްވި ޕީއެންސީގެ ކެންޑިޑޭޓަކީ ޒައިނާޒް އަހުމަދެވެ.
މި ތިން ފޮށީގެ ޖުމްލަ އަދަދުތަކަށް ބަލާއިރު، ރިޝްމާއަށް 278 ވޯޓު ލިބިވަޑައިގެންނެވި އިރު ޕީއެންސީގެ ކެންޑިޑޭޓް ޒައިނާޒަށް ލިބިވަޑައިގަތީ 221 ވޯޓެވެ.
ފޮށިތަކުން ލިބުނު ނަތީޖާގެ ތަފްސީލަށް ބަލާއިރު، ވަށަފަރު ފޮށިން ރިޝްމާ ވަނީ 126 ވޯޓު ހޯއްދަވާފައެވެ. އެ ފޮށިން ޕީއެންސީ ކެންޑިޑޭޓަށް ލިބުނީ 124 ވޯޓެވެ. މާލޭގައި ބެހެއްޓި ފޮށިން ރިޝްމާ 107 ވޯޓު ހޯއްދެވިއިރު، ޕީއެންސީ ކެންޑިޑޭޓަށް ލިބިވަޑައިގަތީ 66 ވޯޓެވެ.
މީގެއިތުރުން ހުޅުމާލޭގެ ފޮށިން ރިޝްމާއަށް 45 ވޯޓު ލިބިވަޑައިގެންނެވި އިރު، ޕީއެންސީގެ ކެންޑިޑޭޓަށް އެ ފޮށިން ލިބުނީ 31 ވޯޓެވެ.
ވ. ތިނަދޫ ކައުންސިލްގެ ރައީސް ހޮވުމަށް މިއަދު ބޭއްވި ބައި-އިލެކްޝަނުގައިވެސް ޕީއެންސީގެ ކެންޑިޑޭޓުގެ މައްޗަށް ކުރި ހޯއްދަވައި އެ ގޮނޑި ކާމިޔާބު ކުރެއްވީ އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓް ސުޖާއު އަލީއެވެ.
ވަށަފަރަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ބައްޕާފުޅު ނިސްބަތްވެވަޑައިގަންނަވާ ރަށެވެ.