ޑްރަގާއިއެކު ހައްޔަރުކުރި ފިލްމީތަރިން ބޮޑު ހުކުމަކުން ސަލާމަތްކޮށް، ނަސޭހަތާއި ފަރުވާ ދީފައި ދޫކޮށްލަން ނިންމައިފި
ހުސެއިން އާދަމް

ވިލިމާލޭގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މިދިޔަ މަހު ހައްޔަރުކުރި މަޝްހޫރު ތިން ފިލްމީ ތަރިން ކުށަށް އިއުތިރާފުވެއްޖެ އެވެ.
މިދިޔަ މަހުގެ 8 ވަނަ ދުވަހު ފުލުހުން ވިލިމާލެއިން ހައްޔަރުކުރީ ފިލްމީ ތަރި އަހުމަދު އަޒްމީލް (އަޒޭ) އާއި، އިސްމާއިލް ޖުމައިހް އަދި މުހައްމަދު ވިޝާލް (ރޯމަން) ގެ އިތުރުން އަޒްމީލްގެ ކޮއްކޮ ޝާހިލް މުހައްމަދެވެ. އެ މީހުންގެ މައްޗަށް ދައުވާކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް މިދިޔަ މަހުގެ 22 ގައި ފޮނުވުމަށްފަހު، އެ އެންމެން ވެސް ވަނީ ބަންދުން ދޫކޮށްލައިފަ އެވެ.
މި މައްސަލައިގައި ޕީޖީ އޮފީހުން ކްރިމިނަލް ކޯޓުގައި ދައުވާ އުފުލީ އަޒްމީލާއި ވިޝާލްގެ މައްޗަށެވެ. އެގޮތުން އަޒްމީލްގެ މައްޗަށް ޖަދުވަލު އެކެއްގައިވާ މަސްތުވާތަކެތި ބޭނުންކުރުމުގެ ކުށުގެ ދައުވާ އުފުލިއިރު، ވިޝާލްގެ މައްޗަށް އުފުލީ ކެނަބިސް ބޭނުންކުރުމުގެ ކުށުގެ ދައުވާއެވެ. އެ ދެ މީހުންގެ މައްޗަށް ކުރި ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް މިއަދު ބާއްވާފައިވާއިރު، ޝަރީއަތުގެ މަޖިލީހުގައި ދެ މީހުން ވެސް ވަނީ ކުށަށް އިއުތިރާފުވެފަ އެވެ.
ޕީޖީ އޮފީހުން ބުނީ ދެ މީހުން ކުށަށް އިއުތިރާފުވުމާ ގުޅިގެން، އެ މައްސަލަ ޑްރަގް ކޯޓަށް ފަރުވާއަށް ހުށަހެޅުމަށްޓަކައި، ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ދައުވާ އަނބުރާ ގެންދަން އެދިފައިވާ ކަމަށެވެ. އެހެންކަމުން އެކޯޓުން ހުކުމް ކުރާނީ އެމީހުންގެ މައްޗަށް ފަރުވާގެ ޕްރޮގްރާމެއް ކުރިއަށް ގެންދާށެވެ.
މީގެ އިތުރުން، މި މައްސަލައިގައި ހައްޔަރުކުރި ޖުމައިހު ވެސް ކުށަށް އިއުތިރާފުވެފައިވާ ކަމަށާއި، މީގެ ކުރިން އޭނާގެ މައްޗަށް މިފަދަ އެއްވެސް މައްސަލައެއް ހުށަހެޅިފައިނުވާތީ، އޭނާއާއެކު ނަސޭހަތުގެ އެއްބަސްވުމެއް ހެދުމަށް ނިންމާފައިވާ ކަމަށް ޕީޖީ އޮފީހުން ހާމަކުރި އެވެ. ނަމަވެސް، މި މައްސަލައިގައި ހައްޔަރުކުރި އަޒްމީލްގެ ކޮއްކޮ ޝާހިލް މުހައްމަދުގެ މައްޗަށް ތުހުމަތުކުރެވޭ ބަޔާ ގުޅޭގޮތުން އަދި އެއްވެސް މައުލޫމާތެއް ލިބިފައެއް ނުވެ އެވެ.
ފުލުހުން މީގެ ކުރިން ބުނެފައިވާ ގޮތުގައި އެ މީހުން ތިބި ކޮޓަރިން ފެނުނު މަސްތުވާތަކެތީގެ ބުރަދަން ޓްރެފިކިންގެ މިންގަނޑަށް އަރަ އެވެ. އެހެން ނަމަވެސް، އެ މީހުންގެ މައްޗަށް މިހާތަނަށް މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދައުވާއެއް އުފުލާފައެއް ނުވެ އެވެ.
ކޮމެންޓް (1)
ކޮމެންޓް ލިޔުމަށް
Zksph