ހައި ކޯޓުގެ ފަނޑިޔާރުންގެ އަދަދު 11 އިން 15 އަށް އިތުރުކުރަން ހުށަހަޅައިފި
ހުސެއިން އާދަމް

ހައި ކޯޓުގައި ތިއްބަވާ ފަނޑިޔާރުންގެ އަދަދު 11 އިން 15 އަށް ބަދަލުކުރުމަށްޓަކައި، ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.
ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ތައާރަފުކުރެއްވީ ހިތަދޫ މެދު ދާއިރާ ތަމްސީލުކުރައްވާ މެންބަރު އަހުމަދު އަޒާން މަރުޒޫގެވެ. ގިނަ ބަދަލުތަކެއް ހިމެނޭ މި ބިލުގެ މައިގަނޑު މަގުސަދަކީ އަދުލު އިންސާފު ގާއިމުކުރުމުގައި ދިމާވާ ދަތިތަކަށް ހައްލު ހޯދުމާއި، ޝަރީއަތްތައް ހިންގުން އަވަސްކުރުމުގެ އިތުރުން ޝަރުއީ ދާއިރާގެ އިދާރީ ހިންގުމުގެ ނިޒާމު ހަރުދަނާކުރުމެވެ.
މިވަގުތު އަމަލުކުރެވެމުންދާ ކޯޓުތަކުގެ ގާނޫނުގެ 27 ވަނަ މާއްދާ ބަޔާންކުރާ ގޮތުގައި، ހައި ކޯޓުގެ ބެންޗުގައި ތިއްބަވަނީ އިސްފަނޑިޔާރާއެކު ޖުމްލަ 11 ފަނޑިޔާރުންނެވެ. އެހެންނަމަވެސް، އަލަށް ހުށަހެޅި އިސްލާހުގައި ވަނީ އިސްފަނޑިޔާރު ވެސް ހިމެނޭހެން އެ އަދަދު 15 އަށް އިތުރުކުރުމަށެވެ.
މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ތިން މަސްދުވަސް ފުރިހަމަވުމުގެ ކުރިން، އަލަށް އިތުރުކުރެވޭ ހަތަރު ފަނޑިޔާރުން މަގާމަށް އައްޔަންކޮށް ނިންމަންވާނެ ކަމަށް މި ބިލުގައި ބަޔާންކޮށްފައިވެއެވެ.
މީގެއިތުރުން، ޝަރުއީ ދާއިރާ ހިންގުމަށް ބޭނުންވާ ސިޔާސަތުތަކާއި އުސޫލުތައް އެކަށައެޅުމަށާއި، ސްޓްރެޓެޖިކް ޕްލޭން އެކުލަވާލުމުގެ ބޭނުމުގައި "ޖުޑީޝަލް ކައުންސިލް" ގެ ނަމުގައި ވަކި ކައުންސިލެއް އުފެއްދުމަށް ބިލުގައި ހިމަނާފައިވެއެވެ. އުއްތަމަފަނޑިޔާރު ރިޔާސަތު ބަލަހައްޓަވާ މި މަޖިލީހުގައި ސުޕްރީމް ކޯޓާއި، ހައި ކޯޓާއި، ސުޕީރިއާ ކޯޓުތަކުގެ އިސްގާޒީންގެ އިތުރުން މެޖިސްޓްރޭޓުންގެ ތެރެއިން މަންދޫބުން ހިމެނިވަޑައިގަންނަވާނެއެވެ.
ޝަރުއީ ދާއިރާއަށް މާލީ މިނިވަންކަން ހޯދައިދިނުމުގެ ގޮތުން، ކޮންމެ އަހަރަކު ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރާ ޖުމްލަ އާމްދަނީގެ އެންމެ ދަށްވެގެން ދެ އިންސައްތަ (2 ޕަސެންޓް) އަދުލު އިންސާފުގެ ދާއިރާގެ ބަޖެޓުގެ ގޮތުގައި ކަނޑައަޅައި، ދޫކުރަންވާނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.
ހަމައެއާއެކު، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އަކީ އަމިއްލަ ނަމުގައި ދައުވާ އުފުލުމާއި ދައުވާ ލިބިގަތުމުގެ ގާނޫނީ ހައިސިއްޔަތު ލިބިގެންވާ މުއައްސަސާއެއްގެ ގޮތުގައި ކަނޑައެޅުން ވެސް ބިލުގައި ހިމެނެއެވެ. އަދި ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު މަގާމަށް ހަމަޖެއްސުމާއި މަގާމުން ވަކިކުރުމުގެ އިޖުރާއާތުތައް ވެސް ތަފުސީލުކޮށްފައިވެއެވެ.
ސުޕްރީމް ކޯޓާއި، ހައި ކޯޓާއި، ސުޕީރިއާ ކޯޓުތަކުގެ އިތުރުން ޖުޑީޝަލް ދާއިރާތަކަށް ރަޖިސްޓްރާއިންނާއި އެސިސްޓެންޓް ރަޖިސްޓްރާއިން އައްޔަންކުރުމަށާއި، އެ ބޭފުޅުންގެ މަސައްކަތުގައި އުއްތަމަފަނޑިޔާރަށް ނުވަތަ ކަމާބެހޭ ކޯޓެއްގެ އިސްގާޒީއަށް ޒިންމާދާރުވާން ޖެހޭނެ ކަމަށް ވެސް މި ބިލުގައި ބުނެފައިވެއެވެ.
ޝަރީއަތް ހިނގަމުންދާ ވަގުތުގައްޔާއި ކޯޓުގެ މަޖިލީހުން ބޭރުގައި ކޯޓުގެ ހުރުމަތް ކެނޑުމުގެ އަމަލުތައް މާނަކޮށްދީ، އެފަދަ ކުށްތަކަށް އަދަބެއްގެ ގޮތުން 25،000 ރުފިޔާއިން ފެށިގެން 100،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން ނުވަތަ 14 ދުވަހާއި ތިން މަސްދުވަހާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ކަނޑައެޅޭނެ ގޮތްތައް ވެސް ބިލުގައި ހިމަނާފައިވެއެވެ.
މެޖިސްޓްރޭޓް ކޯޓު ހިންގާ ކޮންމެ ރަށެއްގައި އެ ރަށެއްގައި ވަޒަންވެރިވެ ހުންނަ ފަނޑިޔާރަކު ހުންނަންވާނެ ކަމަށް ބިލުގައި ވެއެވެ. އަދި ދާއިމީ ފަނޑިޔާރަކު ނެތް ރަށްރަށަށް، މި ގާނޫނަށް އަމަލުކުރަން ފަށާތާ ތިން މަސްދުވަހުގެ ތެރޭގައި ފަނޑިޔާރުން އައްޔަންކޮށް ނިންމަންވާނެ ކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.
މި އިސްލާހުތައް ގާނޫނަކަށް ބަދަލުވެ ތަންފީޒުވާން ފަށާތާ 30 ދުވަހުގެ ތެރޭގައި ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓު އުވާލުމަށާއި، އެ ކޯޓުގެ ދަށުން ހިނގަމުންދިޔަ މަސައްކަތްތަކާއި މުވައްޒަފުން ޑީޖޭއޭގެ ދަށަށް ބަދަލުކުރުމަށް ވެސް ބިލުގައި ހިމަނާފައިވެއެވެ.