ސާކުގެ ތާރީޚީ މުބާރާތެއްގައި، ރާއްޖޭގެ ފުރަތަމަ އައިޑާ ފަނޑިޔާރުގެ ގޮތުގައި ފަހުދު ފާއިޒް ތާރީޚުގެ ތެރެއަށް
ހުސެއިން އާދަމް

މި މަހުގެ ފަހުކޮޅު އިންޑިއާގެ ބެންގަލޫރުގައި ބޭއްވުމަށް ހަމަޖެހިފައިވާ، ސާކް ސަރަޙައްދުގެ ފުރަތަމަ އައިޑާ (އޭ.އައި.ޑީ.އޭ) ސެންކްޝަންޑް ފްރީޑައިވިންގ މުބާރާތުގެ ފަނޑިޔާރެއްގެ (އައިޑާ ޖަޖެއްގެ) ގޮތުގައި ހަރަކާތްތެރިވުމުގެ ފުރުޞަތު ދިވެހިރާއްޖޭގެ ފްރީޑައިވިންގގެ އިސް މޭސްތިރިއަކަށް ލިބި، ބައިނަލްއަޤްވާމީ ފެންވަރުގެ ޝަރަފެއް ހޯދައިފިއެވެ.
ފްރީޑައިވް މޯލްޑިވްސްގެ ބާނީ، ފަހުދު ފާއިޒު ފަނޑިޔާރުކަން ކުރުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 އަދި 29 ގައި ބެންގަލޫރުގެ 'ދަ ސްކޫލް އޮފް ރާޔާ' ގައި ބާއްވާ "ނަމަސްތޭ ވޯލްޑް އެޕްނިއާ އިންޑިއާ 2026" ގެ ފުރަތަމަ އެޑިޝަންގައެވެ.
މިފަދަ މުހިންމު ބައިނަލްއަޤްވާމީ ކުޅިވަރު ހަރަކާތަކަށް ފަހުދު ހޮވިގެން ދިއުމަކީ ރާއްޖެއަށް ލިބުނު ފާހަގަކޮށްލެވޭ ބޮޑު ކާމިޔާބީއެކެވެ. މިއީ މިފަދަ ބައިނަލްއަޤްވާމީ މުބާރާތެއްގައި އައިޑާ ޖަޖެއްގެ ގޮތުގައި ޚިދުމަތް ކުރުމުގެ ފުރުޞަތު ދިވެއްސަކަށް ލިބުނު ފުރަތަމަ ފަހަރެވެ.
ފްރީޑައިވިންގ އެސޯސިއޭޝަން އޮފް އިންޑިއާއިން އައިޑާ އިންޑިއާއާ ގުޅިގެން އިންތިޒާމުކުރާ މި މުބާރާތަކީ ދެކުނު އޭޝިއާގައި ވާދަވެރި ފްރީޑައިވިންގ ކުރިއެރުވުމަށް އެޅޭ ތާރީޚީ ފިޔަވަޅެކެވެ. އެތުލީޓުންނާއި، ފަނޑިޔާރުން އަދި ސަލާމަތީ ކަންކަން ބަލަހައްޓާ ފަންނީ ފަރާތްތައް ހިމެނޭހެން ގާތްގަނޑަކަށް 67 ބައިވެރިންނާއެކު ކުރިއަށްދާ މި ހަރަކާތަކީ މި ސަރަޙައްދުގައި މި ކުޅިވަރު ފުޅާކުރުމަށް އެޅޭ މުހިންމު ބިންގަލެކެވެ.
މި މުބާރާތުގައި ޕޫލް ފްރީޑައިވިންގގެ ބަލައިގަނެވިފައިވާ ހަތަރު ޑިސިޕްލިންއެއް ފެނިގެންދާނެއެވެ.
މި މުބާރާތުގެ ކުރިން ބެންގަލޫރުގައި އައިޑާގެ ސަލާމަތީ އަދި ފަނޑިޔާރުކަމުގެ ޚާއްޞަ ތަމްރީނު ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، މިއިން ދޭހަވަނީ މި މުބާރާތުގައި ޕްރޮފެޝަނަލް މިންގަނޑުތަކަށާއި ރައްކާތެރިކަމަށް ދީފައިވާ އަހައްމިއްޔަތުކަމެވެ.
ރާއްޖެއާއި މުޅި ދެކުނު އޭޝިއާ ސަރަޙައްދުގައި ފްރީޑައިވިންގ ކުރިއެރުވުމަށް ފަހުދު ކޮށްދެއްވާފައިވާ ޚިދުމަތްތަކަށް ބަލާއިރު، މި ފުރުޞަތު އޭނާއަށް ލިބިގެންދިއުމަކީ ވަކިން ޚާއްޞަ މުހިންމުކަމެއް ލިބިގެންވާ ކަމެކެވެ. އޭނާއަކީ ފްރީޑައިވް މޯލްޑިވްސްގެ ބާނީގެ އިތުރުން، ސާކް ސަރަޙައްދުގެ ފުރަތަމަ ސެޓިފައިޑް ފްރީޑައިވިންގ އިންސްޓްރަކްޓަރުގެ ގޮތުގައި ބަލައިގަނެވިފައިވާ ފަރާތެވެ.
ވޭތުވެދިޔަ 12 އަހަރުގެ ތެރޭގައި ފްރީޑައިވް މޯލްޑިވްސްއިން ވަނީ މި ކުޅިވަރު ކުރިއެރުވުމުގައާއި، ގިނަ ބަޔަކު ތަމްރީނުކުރުމުގައާއި، އަދި ފްރީޑައިވިންގއަށް ޚާއްޞަ ޕްލެޓްފޯމެއް ޤާއިމުކުރުމުގައި އިސް ދައުރެއް އަދާކޮށްފައެވެ. އެއީ ރާއްޖެއާއި މި ސަރަޙައްދުގައިވެސް ހަމައެކަނި ފްރީޑައިވިންގއަށް ޚާއްޞަކޮށްގެން އުފެއްދި ފުރަތަމަ މަރުކަޒެވެ.
ފަހުދުގެ ލީޑަރޝިޕްގެ ދަށުން، މި މަރުކަޒުން ވަނީ ދުނިޔޭގެ ރެކޯޑުތައް ހެދުމާއި އެ ރެކޯޑުތައް ދެމެހެއްޓުމުގައި ބައިވެރިވެ، މި ކުޅިވަރުގައި ފާހަގަކޮށްލެވޭ އެތައް ކާމިޔާބީތަކެއް ހާސިލުކޮށްފައެވެ. ފްރީޑައިވިންގގެ ދާއިރާއަށް ކޮށްދެއްވި ޚިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ފަހުދަށް ވަނީ ޤައުމީ އިނާމުވެސް ލިބިވަޑައިގެންފައެވެ.
އައިޑާ ޖަޖެއްގެ ގޮތުގައި އޭނާ ހޮވިގެން ދިއުމަކީ ދިވެހިރާއްޖޭގެ ފްރީޑައިވިންގ ބައިނަލްއަޤްވާމީ މައިދާނަށް ގެންގޮސްދިނުމަށް ކުރެވޭ ދަތުރުގައި ލިބުނު އަނެއް މުހިންމު ކުރިއެރުމެވެ. އަދި ބައިނަލްއަޤްވާމީ ކުޅިވަރު މުބާރާތްތަކުގައި މުހިންމު ދައުރުތައް އަދާކުރުމުގެ ޤާބިލުކަން ދިވެހި ފަންނުވެރިންގެ ކިބައިގައި ހުރިކަންވެސް މީގެ ސަބަބުން ހާމަވެގެންދެއެވެ.
ތާރީޚީ މިފަދަ ބައިނަލްއަޤްވާމީ މުބާރާތެއް އިންސާފުކުރުމުގެ މަސްއޫލިއްޔަތު އުފުލާ އޮފިޝަލުންގެ ތެރޭގައި ދިވެއްސަކު ހިމެނުމަކީ ޤައުމަށް ލިބުނު ވަރަށް ބޮޑު ޝަރަފެކެވެ. މިއީ ފަހުދުގެ އަމިއްލަ ކާމިޔާބީތަކާއި އޭނާގެ ޕްރޮފެޝަނަލް ފެންވަރު ރަމްޒުކޮށްދޭ ކަމެއްގެ އިތުރުން ރާއްޖޭގެ ފްރީޑައިވިން ދާއިރާ ހޯދާފައިވާ ކުރިއެރުން ވެސް ދައްކުވައިދޭ ކަމެކެވެ.
މި ކާމިޔާބީން އިތުރަށް ހާމަވެގެންދަނީ، ވޭތުވެދިޔަ 12 އަހަރު ދުވަހުގެ ތެރޭގައި ފްރީޑައިވް މޯލްޑިވްސްއިން އިސްނަގައިގެން ކުރި މަސައްކަތުން، ހަމައެކަނި މުނިފޫހިފިލުވުމަށް ފީނުމުގެ އިތުރަށް މި ކުޅިވަރު ކުރިއެރުވުމަށް އެހީތެރިވެދީފައިވާ މިންވަރެވެ. އަދި ބައިނަލްއަޤްވާމީ ފެންވަރުގައި މި ކުޅިވަރު ތަރައްޤީކުރުމާއި ހިންގުމުގައި ދިވެހިންނަށް ޙިއްޞާވެވޭނެ ފުރުޞަތުތައް ފަހިވެގެން ގޮސްފައިވާ މިންވަރެވެ.
އެހެންކަމުން، 'ނަމަސްތޭ ވޯލްޑް އެޕްނިއާ އިންޑިއާ 2026' އަށް ފަހުދު ހަމަޖެހިގެން ދިޔުމަކީ ހަމައެކަނި ވަކި ފަރުދަކަށް ލިބުނު ކާމިޔާބީއެއް ނޫނެވެ. މިއީ ދިވެހި ކުޅިވަރަށް ލިބުނު ފަޚުރުވެރި ވަގުތުކޮޅެކެވެ. އަދި ބައިނަލްއަޤްވާމީ ފްރީޑައިވިންގ ކޮމިއުނިޓީގައި ރާއްޖެއިން ހޯދަމުން އަންނަ ކުރިއެރުން ބަލައިގަނެވިއްޖެކަމުގެ ހެއްކެކެވެ.