އެމްޑީޕީގެ ޕްރައިމަރީގައި އިބޫގެ ތާއިދު އޮތީ ފައިސަލްއަށް!
ހުސެއިން އާދަމް

އެމްޑީޕީގެ ފަރާތުން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީގައި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ބައިވެރިވެވަޑައިގަންނަވަނީ އެ މަނިކުފާނުގެ ފުރިހަމަ ތާއީދާ އެކުގައި ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ރޭ ހާމަކުރައްވައިފިއެވެ.
މިއީ އެ ޕްރައިމަރީގައި ފައިސަލަށް ތާއީދު އޮތްކަން އިބޫ ރަސްމީކޮށް ހާމަކުރެއްވި ފުރަތަމަ ފަހަރެވެ. އެ މަނިކުފާނު މިކަން ހާމަކުރެއްވީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ފައިސަލްގެ ޓީމުން ކުރިމަތިލާ ކެންޑިޑޭޓުންގެ ކެމްޕޭނަށް ބޭއްވި އިވެންޓަކަށް ފަހު، "ސަންގު" ޓީވީން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ޕްރައިމަރީއާ މެދު ދެކެވަޑައިގަންނަވާ ގޮތާ ގުޅޭގޮތުން ސުވާލު ދެންނެވުމުން އިބޫ ވިދާޅުވީ، ފައިސަލް އަދި މާލޭގެ މޭޔަރު އާދަމް އާޒިމް އެ އިންތިހާބަށް ނުކުމެވަޑައިގަތީ އެ މަނިކުފާނާ ދުރާލާ މަޝްވަރާ ކުރެއްވުމަށް ފަހުގައި ކަމަށެވެ. އަދި ދެ ބޭފުޅުން ވާދަކުރައްވަނީ އެ މަނިކުފާނުގެ ތާއީދު އޮވެގެން ކަމަށް ކުރުކޮށް ވިދާޅުވިއެވެ. އިބޫގެ ވެރިކަމުގައި ނައިބު ރައީސްގެ މަގާމު އަދާކުރެއްވި ފައިސަލްގެ ރަނިންމޭޓަކަށް ހަމަޖައްސަވާފައި ވަނީ އާޒިމެވެ.
ފައިސަލްގެ ކެމްޕޭން ޓީމުގެ އިސް ފަރާތްތަކުން މީގެ ކުރިން ވެސް އިބޫގެ ތާއީދު އޮތް ވާހަކަ ދައްކާފައި ވީނަމަވެސް، ރޭގެ ވަގުތާ ހަމައަށް އެ މަނިކުފާނު ހުންނެވީ އެކަމާ މެދު ވަކި އެއްޗެއް ވިދާޅުނުވެ ހަނުގައެވެ. އިބޫ ރޭ ފާހަގަކުރެއްވި ގޮތުގައި ޕްރައިމަރީގައި ބައިވެރިވެވަޑައިގަންނަވާނެކަން ފައިސަލް ހާމަކުރެއްވި ނަމަވެސް، އަމިއްލަފުޅަށް އެކަން އަދި އިއުލާނު ނުކުރައްވާ ކަމަށެވެ.
ފައިސަލް މީގެ ކުރިން ބަޔާންކުރައްވާފައިވާ ގޮތުގައި އޭނާ ވާދަކުރައްވަން ނިންމެވީ އިބޫއާ އެކު ކުރެވުނު ފުޅާ މަޝްވަރާތަކަށާއި އެ މަނިކުފާނުގެ ބޮޑު އެއްބާރުލުމަކަށް ބިނާކޮށެވެ. މީގެއިތުރުން، އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ފައިސަލާއި އާޒިމްގެ ފަރާތުން ވާދަކުރާ 200 އެއްހާ ކެންޑިޑޭޓުންނަށް ވެސް ތާއީދުކުރައްވާ ކަމަށް އިބޫ ވިދާޅުވިއެވެ. ގައުމީ މަޖިލީހުގެ އިންތިހާބުގައި ފައިސަލް އަދި އާޒިމްގެ ފަރާތުން މަސައްކަތް ކުރަމުން ދަނީ "ޓީމް އެމްޑީޕީ" ގެ ނަމުގައެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ބައިވެރިވެވަޑައިގަންނަވާނެކަން މިހާތަނަށް އިއުލާނު ކުރައްވާފައި ވަނީ ފައިސަލްގެ އިތުރުން ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލާއި، ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދާއި، ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. ނަމަވެސް އިތުބާރު ކުރަންޖެހޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި، މި މަހުގެ ދެވަނަ ދުވަހުގެ ރޭ ފުލުހުން ވަނީ ޝާހިދު ހައްޔަރުކޮށް، ތަހުގީގަށް 30 ދުވަހުގެ މުއްދަތަކަށް ބަންދުކޮށްފައެވެ.
ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދުގެ އެންމެ އަރިސް ބޭފުޅެއްގެ ގޮތުގައި ކުރިން ފެނިގެންދިޔަ އިބޫ، ފައިސަލާއި އާޒިމަށް ތާއީދު ދެއްވިއިރު، ނަޝީދު މިހާރު ހުންނެވީ "ބޮޑު ބަދަލު" ޝިއާރުގެ ދަށުން ކެމްޕޭން ކުރައްވަމުން ގެންދަވާ ފައްޔާޒްގެ ފަހަތްޕުޅުގައެވެ.