ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން ސިޔާސީ ކަންކަމުގައި މަޖުބޫރުން ބައިވެރިކުރުން މަނާކުރަން ބިލެއް ހުށަހަޅައިފި
ހުސެއިން އާދަމް

ދައުލަތް ހިއްސާވާ ކުންފުނިތަކުގައި މަސައްކަތްކުރާ މީހުން ވަކި ސިޔާސީ ޕާޓީތަކަށް ވެއްދުމާއި، އެފަދަ ހަރަކާތްތަކުގައި ބައިވެރިވުމަށް ބާރުއެޅުން ހުއްޓުވުމުގެ ގޮތުން، ވަޒީފާއާ ބެހޭ ގާނޫނަށް އިދިކޮޅު އެމްޑީޕީގެ މެންބަރަކު އިސްލާހުތަކެއް ހުށަހަޅުއްވައިފި އެވެ.
މި އިސްލާހު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ބަޔާންކުރެއްވި ގޮތުގައި، ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުން ސިޔާސީ އެކި ހަރަކާތްތަކުގައި ބައިވެރިކުރުވަން މަޖުބޫރުކުރުމުގެ އިތުރުން، އެކަންކަމަށް އެއްބަސްނުވާ ފަރާތްތަކަށް ވަޒީފާގެ ކުރިއެރުން ނުދިނުމާއި ވަޒީފާއިން ވަކިކޮށްފާނެ ކަމުގެ އިންޒާރުދީ ބިރުދެއްކުމުގެ މައްސަލަތައް އަންނަނީ ފެންމަތިވަމުންނެވެ.
އެހެންނަމަވެސް، އެއްވެސް ސިޔާސީ ޕާޓީއަކާ ގުޅުމާއި ނުގުޅުމަކީ ގާނޫނުއަސާސީން ކޮންމެ ފަރުދަކަށްމެ ކަށަވަރުކޮށްދީފައިވާ ހައްގެއް ކަމަށާއި، ޕާޓީއެއްގެ މެންބަރަކަށް ވުމާއި އެފަދަ ހަރަކާތްތަކުގައި ބައިވެރިވުމަކީ މީހަކު އަމިއްލަ އިހުތިޔާރުގައި ނިންމަންޖެހޭ ކަމެއްކަން މީކާއިލް ފާހަގަކުރެއްވި އެވެ.
މެންބަރު ވިދާޅުވީ، މި ބިލުގެ މައިގަނޑު ބޭނުމަކީ ސަރުކާރާއި ދައުލަތުގެ ކުންފުނިތަކުގެ މުވައްޒަފުންނަށް ސިޔާސީ ހަރަކާތްތަކަށް މަޖުބޫރުކުރުވުމަކީ ގާނޫނީ ގޮތުން ކުށެއްގެ ގޮތުގައި ބަލައި، އެފަދަ އަމަލުތަކަށް އަދަބު ކަނޑައެޅުމެވެ.
މިގޮތުން ވަޒީފާއާ ބެހޭ ގާނޫނަށް މީކާއިލް ހުށަހެޅުއްވި އިސްލާހުގައި ވަނީ، ދައުލަތުގެ ކުންފުނިތަކުގެ މުވައްޒަފުން ސިޔާސީ ޕާޓީތަކަށް ސޮއިކުރުވުމާއި ސިޔާސީ ކަންކަމުގައި ބައިވެރިވުމަށް މަޖުބޫރުކުރުން މަނާކުރާ ހާއްސަ މާއްދާއެއް އިތުރުކުރުމަށެވެ.
އެ މާއްދާގައި ބަޔާންކޮށްފައިވަނީ، ވަކި ސިޔާސީ ޕާޓީއަކަށް ވަނުމަށް ނުވަތަ ޕާޓީއަކުން ވަކިވުމަށް އެންގުމާއި، ސިޔާސީ ޕާޓީއަކުން އިންތިޒާމުކުރާ ޖަލްސާއެއް، އެއްވުމެއް ނުވަތަ އެނޫން ވެސް ސިޔާސީ އެއްވެސް ހަރަކާތަކަށް ހާޒިރުވުމަށް މުވައްޒަފަކަށް އަމުރުކުރުމަކީ މަނާކަމެއްގެ ގޮތުގަ އެވެ.
މީގެއިތުރުން، އެ މާއްދާއާ ހިލާފުވާ ފަރާތްތަކުގެ އެ އަމަލަކީ ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ ދަށުން ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ވެސް އެ ބިލުގައި ހިމަނާފައިވެ އެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުން ސިޔާސީ ހަރަކާތްތަކަށް ނެރުމާއި، ވެރިކަންކުރާ ޕާޓީއަށް ސޮއިކުރުމުން ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުން ފަދަ ކަންކަމަކީ ކޮންމެ ވެރިކަމެއްގައި ވެސް އާންމުންގެ ބޮޑެތި ޝަކުވާތަކާއި ކަންބޮޑުވުންތައް އަމާޒުވާ މައްސަލަތަކެކެވެ.