ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޝަހީދު އާއްމުކުރެއްވި ފޮޓޯތަކާއިއެކު ޝަރުޢީ ދާއިރާގެ ކަރާމާތާއިމެދު ސުވާލު އުފެދިއްޖެ
ހުސެއިން އާދަމް

ދިރާގު މޯލްޑިވްސް މެރަތަންގައި ބައިވެރިވެވަޑައިގަތުމަށްފަހު، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޙްމަދު ޝަހީދު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ފޮޓޯތަކަކާ ގުޅިގެން ފާޑުކިޔުންތައް އަމާޒުވެ، އަމިއްލަ މިނިވަންކަމުގެ އިމާއި، ޤައުމުގެ އެންމެ މަތީ ޝަރުޢީ މުއައްސަސާގެ މެންބަރެއްގެ ކިބައިން އާންމު ދިރިއުޅުމުގައި އުއްމީދުކުރެވޭ އަޚްލާޤީ މިންގަނޑުތަކާމެދު ސުވާލު އުފެދިއްޖެއެވެ.
އެ ފޮޓޯތަކުން ފެންނަނީ، މެރަތަން ޓީޝާޓުގައި އެނދުގައި އޮންނަވައި، 10 ކިލޯމީޓަރު ނިންމި މެޑަލް ދައްކާލައްވައިގެން ފަނޑިޔާރު ޕޯޒް ކުރައްވާ މަންޒަރެވެ. އެއް ފޮޓޯއިން ފެންނަނީ ކަވަރު އަޅައިގެން އެނދުގައި އޮންނަވައި މެޑަލްތައް ގައިގައި ޖައްސަވައިގެން އޮންނަވާ ތަނެވެ. އަދި އަނެއް ފޮޓޯއިން ފެންނަނީ ކުރިމައްޗަށް މެޑަލްތައް ނަގައިގެން ކެމެރާއަށް ހިނިތުންވެވަޑައިގެން އިންނަވާ މަންޒަރެވެ.
މި ފޮޓޯތައް އެކްސްގައި ދައުރުވާން ފެށުމާއިއެކު ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު މިފަދަ މަންޒަރުތައް އާންމުކުރުމުގެ މުނާސަބުކަމާމެދު ވަނީ ބަހުސް އުފެދިފައެވެ.
ހަޤީޤަތުގައި، އެ ފޮޓޯތަކުގައި ޒާތީ ގޮތުން ބަލާއިރު އަޚްލާޤާ ޚިލާފު ނުވަތަ ޤާނޫނާ ޚިލާފު އެއްވެސް ކަމެއް ނެތެވެ. މެރަތަނެއް ފުރިހަމަކުރުމަކީ ފާހަގަކުރަންޖެހޭ ފަދަ ކާމިޔާބީއެކެވެ. އަދި އަމިއްލަ ދިރިއުޅުމުގެ ވަގުތުތައް ހިއްސާކުރުމާއި، ކާމިޔާބީއަކާމެދު އުފާފާޅުކުރުމުގެ ޙައްޤުން ފަނޑިޔާރަކު މަހުރޫމްވާންޖެހޭ އެއްވެސް ސަބަބެއް ނެތެވެ.
އެހެންނަމަވެސް، މައްސަލަ ގުޅިފައިވަނީ ހަމައެކަނި އެ ފޮޓޯތަކަކާ ނޫނެވެ. މިއީ ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މަޤާމާ އެކަށީގެންވާ ވިސްނުންތެރިކަމާއި، ޤަދަރާއި، އަދި އިޖުތިމާޢީ އަދަބުތަކުގެ މިންގަނޑުތަކާ ގުޅުންހުރި ކަމެކެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރަކީ އާދަޔާޚިލާފު ބޮޑު ޤައުމީ ޒިންމާއެއް އަދާކުރައްވާ ބޭފުޅެކެވެ. އެމަނިކުފާނު ތަމްސީލުކުރައްވާ މުއައްސަސާއަކީ ޤާނޫނުއަސާސީ މާނަކުރުމާއި، އަސާސީ ޙައްޤުތައް ޙިމާޔަތްކުރުމާއި، އަދި ޢަދުލު އިންޞާފު ޤާއިމުކުރުމުގެ މަތިވެރި ޒިންމާ އުފުލާ ތަނެވެ. އެ މުއައްސަސާގެ ހައިބަތު ބިނާވެފައިވަނީ ހަމައެކަނި ފަނޑިޔާރުންގެ ޤާނޫނީ ޤާބިލުކަމުގެ މައްޗަކަށް ނޫނެވެ؛ އޭގެ އިތުރުން ފަނޑިޔާރުންގެ ނަޒާހަތްތެރިކަމާއި، ވަކިފަރާތަކަށް ނުޖެހޭކަމާއި، އަދި އެބޭފުޅުންގެ ޙިކުމަތްތެރިކަމާމެދު އާންމުންގެ މެދުގައި އޮންނަ އިތުބާރެއްގެ މައްޗަށެވެ.
ފަނޑިޔާރުންނަށްވެސް އަމިއްލަ ދިރިއުޅުމަކާއި ޝައުޤުވެރިކަންތައްތަކެއް އޮތުމުގެ ޙައްޤު ލިބިގެންވީ ނަމަވެސް، އެންމެ މަތީ ޝަރުޢީ މަޤާމު ފުރުއްވުމާއެކު، އާންމުންގެ ލޮލުގައި އެބޭފުޅުންގެ ޢަމަލުތައް ހުންނަގޮތާމެދު އިތުރަށް ސަމާލުވާންޖެހެއެވެ. އާންމުންނާ މުޢާމަލާތްކުރުމާއި ސޯޝަލް މީޑިއާގެ ބޭނުންހިފުން ހިމެނޭހެން، އެބޭފުޅުންގެ ކޮންމެ ޢަމަލަކީ އެ ތަމްސީލުކުރައްވާ މުއައްސަސާއަށް އޭގެ އަސަރު ފޯރާނެ ކަންކަމެވެ.
މީގެ މާނައަކީ ފަނޑިޔާރުން އާންމުންގެ ތެރޭގައި ދެއްކުންތެރި ސޫރައެއް ދަމަހައްޓަންޖެހޭ ވާހަކައެއް ނޫނެވެ. ނުވަތަ އާދައިގެ އަމިއްލަ ތަޖުރިބާތައް ހިއްސާކުރުމުން އެއްކިބާވާންޖެހޭ ވާހަކައެއްވެސް ނޫނެވެ. އަދި ކުޅިވަރުގެ ޙަރަކާތްތަކުގައި ބައިވެރިވުމާއި އަމިއްލަ ކާމިޔާބީތައް ފާހަގަކުރުން ހުއްޓުވުމެއްވެސް ނޫނެވެ. މިއާ ޚިލާފަށް، މިއީ އަމިއްލަ ދިރިއުޅުމުގެ ކޮންމެ ވަގުތެއް އާންމުންނަށް ދައްކަންޖެހޭތޯއާއި، ޚާއްޞަކޮށް އެކަން ހުށަހަޅައިދޭ ގޮތަކީ ޝަރުޢީ ދާއިރާގެ މަޤާމާ ޒަމާނުއްސުރެ ގުޅިފައިވާ ކަރާމާތާއި ޤަދަރާ ނުގުޅޭ ގޮތަކަށް ސިފަވެދާނެ ކަމެއްތޯ ކުރެވޭ ޞައްޙަ ސުވާލެކެވެ.
މި ދެކަމުގެ ތަފާތު ދެނެގަތުން މުހިންމެވެ. ކަންބޮޑުވުމަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު މެރަތަނެއްގައި ދުވުމެއް، ކުޅިވަރު ހެދުމެއް އެޅުއްވުމެއް، ނުވަތަ ލިބުނު ކާމިޔާބީއެއް ފާހަގަކުރެއްވުމެއް ނޫނެވެ. އެއީ އެފަދަ ޒާތީ އަދި ގޭތެރޭގެ މާހައުލެއްގައި ނަގާފައިވާ ފޮޓޯތަކެއް އާންމުކޮށް ހިއްސާކުރުމަށް ނިންމި ނިންމުމުން، އެފަދަ މަތިވެރި ދުސްތޫރީ މަގާމެއް ފުރުއްވާ ބޭފުޅެއްގެ ކިބައިން އުންމީދުކުރެވޭ ފަދަ ބުއްދިވެރި ވިސްނުމާއި ކެތްތެރިކަން ދައްކުވައިދޭތޯ ކުރެވޭ ސުވާލެވެ.
ޝަރުއީ ދާއިރާގެ މިނިވަންކަމާއި ރައްޔިތުންގެ އިތުބާރަކީ ދުވަސްތަކެއްގެ މަތިން ބިނާކުރެވޭ އެއްޗެކެވެ. އެކަމަށްޓަކައި ފަނޑިޔާރުން، އެބޭފުޅުންގެ އަމަލުތައް ހުންނަ ގޮތުގެ އިތުރުން، އާންމުންގެ ތެރޭގައި ކުރައްވާ ކަންކަމާމެދު މީހުން ދެކޭނެ ގޮތަކާމެދު ވެސް ފުންކޮށް ވިސްނަވަން ޖެހެއެވެ. މީހުން ދެކޭ ގޮތަކީ އެކަނި ފަނޑިޔާރެއްގެ ޕްރޮފެޝަނަލް ހައިސިއްޔަތު ކަނޑައަޅަންޖެހޭ ކަމަކަށް ނުވި ނަމަވެސް، އާންމުންގެ އިތުބާރު ދެމެހެއްޓުމުގެ މުހިންމުކަން ދޫކޮށެއް ނުލެވޭނެއެވެ.
އެންމެ ފަހު ނަތީޖާއެއްގެ ގޮތުން، މިއީ ފަނޑިޔާރު ޝަހީދު އަޚްލާގީ ގޮތުން ގޯސް ކަމެއް ކުރެއްވިތޯ ނުވަތަ ނޫންތޯ ކުރެވޭ ސުވާލެއް ނޫނެވެ. މިއީ އެފަދަ ޒާތީ ފޮޓޯތަކެއް އާންމުކުރުމަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ ކިބައިން އުންމީދުކުރެވޭ ގަދަރާއި، ވިސްނުންތެރިކަމާއި އަދި މުއައްސަސާގެ އަދަބުއިހުތިރާމާ އެކަށީގެންވާ ކަމެއްތޯ ކުރެވޭ ސުވާލެކެވެ.
އެންމެ މަތީ ޝަރުއީ މަގާމަކީ ކޯޓު ރޫމުން ބޭރަށް ވެސް ދެމިގެންދާ ޒިންމާތަކެއް އެކުލެވިގެންވާ މަގާމެކެވެ. އެ އިމްތިޔާޒާ އެކު، އެ މުއައްސަސާގެ ހައިބަތާއި ގަދަރު ދައްކުވައިދޭ ފަދަ ސުލޫކެއް ހިފެހެއްޓުމަށް އުންމީދުކުރެވެއެވެ.