ސިޔާސީ

ޝާހިދު ހައްޔަރުކުރި އަމުރު ހައި ކޯޓުން ދަމަހައްޓައިފި

ހއ

ހުސެއިން އާދަމް

22 ނޮވެމްބަރ 2026
10:30
ޝާހިދު ހައްޔަރުކުރި އަމުރު ހައި ކޯޓުން ދަމަހައްޓައިފި

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ކުރެވޭ ތުހުމަތަކާ ގުޅިގެން، ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުން ދިން އަމުރަކީ ސައްހަ އަމުރެއް ކަމަށް ހައި ކޯޓުން މިއަދު ނިންމައިފި އެވެ.

މި މައްސަލައިގެ ހަގީގަތްތަކުގެ ގޮތުން ޝަރީއަތް ސިއްރުކޮށްގެން ހައި ކޯޓުން ކުރިއަށްގެންދިޔަ އަޑުއެހުންތަކަށް ފަހު މިއަދު އިއްވި ހުކުމުގައި ބަޔާންކޮށްފައިވަނީ، ދަށު ކޯޓުން އެ އަމުރު ނެރުނީ ގާނޫނީ ހަމަތަކުގެ މަތިން ކަމަށެވެ. އެހެންކަމުން، އެ އަމުރު ބާތިލުކޮށްދިނުމަށް އެދި ޝާހިދުގެ ފަރާތުން ހުށަހެޅި ހުށަހެޅުން ބަލައިގަނެވެން ނެތް ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.

އދ. ގެ އާންމު މަޖިލީހުގެ ރިޔާސަތު ވެސް ބެލެހެއްޓެވި އުމުރުން 64 އަހަރުގެ ޝާހިދުގެ މައްޗަށް ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު ފެންމަތިވުމާއެކު އޭނާ ބަންދުކުރީ މި ހިނގާ މަހުގެ ކުރީކޮޅުގަ އެވެ. އަދި އޭނާ މިވަގުތު ޖަލު ބަންދުގައި ހުންނެވީ ކްރިމިނަލް ކޯޓުން ދީފައިވާ 30 ދުވަހުގެ މުއްދަތެއްގަ އެވެ.

ފުލުހުންގެ ފަރާތުން އާންމުކުރި ބަޔާނެއްގައި ފާހަގަކޮށްފައިވާ ގޮތުގައި، ކޯޓު އަމުރެއްގެ ދަށުން ޝާހިދު ހައްޔަރުކުރީ 18 އަހަރު ނުފުރޭ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ މައްސަލައަކާ ގުޅިގެންނެވެ.

އޭނާ ބަންދުކުރުމުގެ ކުޑައިރުކޮޅެއް ކުރިން އެކްސް މެދުވެރިކުރައްވައި ޝާހިދު ވިދާޅުވީ، އޭނާގެ އަބުރު ކިލަނބުކޮށްލުމުގެ މަގުސަދުގައި ސިޔާސީ ބޭނުމަކަށް ފަތުރަމުންދާ މި ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށެވެ.

ނިޝާން އިއްޒުއްދީނުގެ ލަގަބު އަރުވާފައިވާ ޝާހިދު ހައްޔަރުކުރި ދުވަސްވަރަކީ، ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީ ކާމިޔާބުކުރެއްވުމަށް އޭނާ މަސައްކަތްޕުޅު ކުރައްވަމުން ގެންދެވި ދަނޑިވަޅެކެވެ.

ޓެގްތައް

ކޮމެންޓް (0)

ކޮމެންޓް ލިޔުމަށް