ދިދައަށް ބޮސްދެމުން ވެރިކަމަށް ވަޑައިގެންފައި ގައުމު ވިއްކާލުމަކީ މުނާފިގުވުން: ނަޝީދު
ހުސެއިން އާދަމް

ގައުމިއްޔަތުގެ ދިފާއު ނަންގަވައި ގައުމީ ދިދައަށް ބޮސްދީ ވެރިކަމަށް ވަޑައިގަތުމަށް ފަހު، ގައުމު ވިއްކާލުމަކީ މުނާފިގުވުން ކަމަށް ވިދާޅުވެ، ރައީސް ޑރ. މުހައްމަދު މުއިއްޒަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން ރާއްޖޭގެ ހާލަތު ދަށަށް ދަނީ ސަރުކާރުގެ ނާގާބިލުކަމުން ކަމަށެވެ. އަދި ވެރިކަމަށް ވަޑައިގަތުމަށް ފަހު ދިދައާއި ވެލިފުކުގެ ވާހަކަ ދައްކަވައިގެން ރައީސް މުއިއްޒު ރައްޔިތުން ގަޅި ހެއްދެވި ނަމަވެސް، އަމަލުތަކުން ގައުމިއްޔަތެއް ނުފެންނަ ކަމަށް ނަޝީދު ވިދާޅުވި އެވެ.
"ކަމެއް ކުރަންޏާ އެކަމެއްގެ ވާހަކަ ސާދާކޮށް ބުނަންޖެހޭނެ. ރައްޔިތުންނަކަށް އޮޅުވައެއް ނުލެވޭނެ. ރައްޔިތުން ގާތުގައި ތިމަންނަ ވެރިކަމަށް މި އަންނަނީ ދިދައަށް ބޮސްދޭށޭ، ގަައުމިޔަތަށޭ، ކާންދޭނީ ވެސް ގައުމިއްޔަތޭ، ދެން އެހެން ކިޔާފައި ވަޑައިގެން ގައުމު ވިއްކައެއް ނުލެވޭނެ،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ފާހަގަކުރެއްވި ގޮތުގައި، ސަރުކާރުން ކުރާ ކަންކަމުގައި ދެފުށްފެންނަ އުސޫލެއް ނެތުމާއި، އެންމެ ފޯން ކޯލަކުން ސްކޫލް މުގައްރަރު ބަދަލުކުރުން ފަދަ ނިންމުންތަކުގެ ސަބަބުން ޒުވާން ޖީލު ދަނީ ހަލާކުވަމުންނެވެ. އަދި އޭގެ ނަތީޖާއެއްގެ ގޮތުން ދަރިވަރުންނާއި ޓީޗަރުންނަށް ބޮޑު ޕްރެޝަރަކާ ކުރިމަތިލާންޖެހި، ކިޔެވުމުގެ ޝައުގު ގެއްލި ސްކޫލުތަކުން ވަކިވާ ކުދިންގެ އަދަދު އިތުރުވަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.
މީގެ އިތުރުން، ގައުމީ ސަލާމަށް އިލްތިމާސްކުރެއްވުމަށް ފަހު ސްކޫލުތަކުގައި ގައުމީ ސަލާމް ނުކިޔަން އަންގާއިރު ރައީސް އެކަމަށް ސަމާލުކަން ނުދެއްވާ ކަމަށް ވެސް ތުހުމަތުކުރެއްވި އެވެ.
މާލިއްޔަތާއި އިގްތިސާދީ ސިޔާސަތުތައް ސަރުކާރަށް ނޭނގޭ ކަމަށް ވިދާޅުވެ ނަޝީދު އިތުރަށް ވިދާޅުވީ، ދިވެހިން މިދަނީ ކަނުބަނދެވި ތިބެ އަނދަވަޅަކަށް ވެއްޓެމުން ކަމަށެވެ.
"ރާއްޖޭގެ އިގްތިސޯދު މި ހާލަތުގައި ވާހިނދުގައި ދިވެހިންނަށް ދެން ފެނި މިދަނީ އަދި މާ ވިޔާނުދާ ސިފައެއް. އެއީ މުނާފިގުކަން. ދެފުށް ކެހެރިކަން. މިއަދު، މި މުނާފިގުކަން އެއީ އަޅުގަނޑުމެންނަށް ބަލައިގަނެވޭނެ ކަމެއް ނޫން،" ނަޝީދު ވިދާޅުވިއެވެ.
ރައީސް މުއިއްޒު ދައްކަވާ ވާހަކަފުޅުތަކުގައި އެއްވެސް އޮއްޓަރެއް ނެތް ކަމަށާއި، ގައުމުގެ ކަންކަން އަވަސްއަވަހަށް ބަދަލުކުރުމަށް ފަހު އަނބުރާ ގެންނަން ޖެހުމަކީ ހާލަތު އިތުރަށް ގޯސްވާ ކަމެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.