އިސްރާއީލުގެ ޖާސޫސީ އިދާރާގެ ކުރީގެ ވެރިޔާ އޮކްޓޫބަރު 7 ގެ މައްސަލައިގައި ނަތަންޔާހޫއާ ދެކޮޅަށް ދައުވާކޮށްފި
ހުސެއިން އާދަމް

އޮކްޓޫބަރު 7، 2023 ގައި ހަމާސްއިން ދިން ހަމަލާގެ ކުރިން ދިން އިންޒާރުތަކަށް އިހުމާލުވެ، ސަލާމަތީ ގޮތުން ވީ ފެއިލްވުންތަކުގެ އިލްޒާމް އެހެން ފަރާތްތަކުގެ ބޮލުގައި އަޅުވަން މަސައްކަތްކުރި ކަމަށް ތުހުމަތުކޮށް، އަބުރު ގެއްލުވާލުމުގެ ދައުވާ އިސްރާއީލުގެ ޖާސޫސީ އިދާރާގެ ކުރީގެ ވެރިޔާ ރޮނެން ބާރ، ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ދެކޮޅަށް އުފުލައިފިއެވެ.
އެ ހަމަލާ ދިން ދުވަސްވަރު އިސްރާއީލުގެ އެތެރޭގެ ސަލާމަތީ ކަންކަން ބަލަހައްޓާ ޝިން ބެތު އޭޖެންސީގެ ވެރިޔަކަށް ހުރި ބާރ، ބުދަ ދުވަހު މި ދައުވާ ހުށަހެޅީ ތިން މިލިއަން ޝެކެލް (ގާތްގަނޑަކަށް 1 މިލިއަން ޑޮލަރު) ހޯދުމަށެވެ.
ނަތަންޔާހޫ ކުރިން ތުހުމަތުކޮށްފައިވަނީ ބާރ ޖާސޫސީ މައުލޫމާތު ފޮރުވައި، ސިފައިންނަށް އިންޒާރު ދިނުމަށާއި ނޯވާ މިއުޒިކް ފެސްޓިވަލަށް ދިޔަ މީހުން އެ ސަރަހައްދުން ނެރުމަށް ފެއިލްވެފައިވާ ކަމަށެވެ. ނަމަވެސް ބާރ ވަނީ އެ ތުހުމަތުތައް ދޮގުކޮށްފައެވެ. އޭނާ ބުނި ގޮތުގައި ނަތަންޔާހޫ މަސައްކަތް ކުރަމުން ދަނީ ގާތްގަނޑަކަށް 1،200 މީހުން މަރުވެ، 251 މީހުން ރަހީނުކުރި އެ ހަމަލާގެ ޒިންމާއިން ރެކުމަށެވެ.
އެ ހަމަލާއަށްފަހު އިސްރާއީލުން ޣައްޒާގައި ކުރިއަށްގެންދާ އަސްކަރީ އުދުވާނުގައި މިހާތަނަށް ފަލަސްތީނުގެ 74،300 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާ ކަމަށް އެ ސަރަހައްދުގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނެއެވެ.
ދައުވާގައި ބަޔާންކޮށްފައިވާ ގޮތުގައި، އޮކްޓޫބަރު 6 ވަނަ ދުވަހުގެ ރޭ ފަހުކޮޅު ހަމާސްގެ އާދަޔާ ހިލާފު ހަރަކާތްތަކާ ގުޅޭ ޖާސޫސީ މައުލޫމާތު ޝިން ބެތުގެ އޮފިސަރުން އަސްކަރިއްޔާއާ ހިއްސާކުރަން ފެށިއެވެ.
އަދި ފަތިހު 3:03 ގައި އިންޒާރެއް ނެރުނެވެ. ނަތަންޔާހޫގެ މިލިޓަރީ ސެކްރެޓޭރިއަޓަށް މި މައުލޫމާތު ދިނީ ފަތިހު 3:55 ގައެވެ. އަދި ހެނދުނު 6 ޖެހިތާ ކުޑައިރުކޮޅެއް ފަހުން ބާރގެ ޗީފް އޮފް ސްޓާފް ވަނީ ނަތަންޔާހޫގެ މިލިޓަރީ ސެކްރެޓަރީއަށް މައުލޫމާތު އަރުވާފައެވެ. ނަތަންޔާހޫ ބުނެފައިވާ ވާހަކަތަކާ ހިލާފަށް، އެ ރޭ އިސްރާއީލުގެ އަސްކަރިއްޔާގެ ވެރިޔާއާ ނުވަތަ މިލިޓަރީ އިންޓެލިޖެންސްގެ ވެރިޔާއާ ސީދާ ވާހަކަ ދައްކާފައި ނުވާނެ ކަމަށް ބާރ ބުންޏެވެ.
އެ ހަމަލާގެ ބޮޑުމިނާއި ދޭނެ ވަގުތު އަންދާޒާކުރުމުގައާއި، އެކަށީގެންވާ އިންޒާރު ދިނުމުގައި ޝިން ބެތު ފެއިލްވި ކަމަށް ބާރ އެއްބަސްވިއެވެ. އަދި އޭނާ މަގާމުން އިސްތިއުފާ ދިނުމަށް މެދުވެރިވި އެ ފެއިލްވުންތަކުގެ ޒިންމާ އޭނާ އުފުލިއެވެ.
އެހެންނަމަވެސް، މިފަދަ ނުރައްކަލެއް އޮތްކަމުގެ އިންޒާރު ތަކުރާރުކޮށް ނަތަންޔާހޫއަށް ދެމުން ދިޔަ ކަމަށް އޭނާ ބުންޏެވެ. މިގޮތުން، އިސްރާއީލުގެ އެތެރޭގެ ބައިބައިވުންތަކާއި ފަލަސްތީނުގެ ބިންތަކުގައި އޮތް ހަމަނުޖެހުންތަކުގެ ސަބަބުން ދުޝްމަނުންނަށް ހިތްވަރު ލިބިދާނެ ކަމަށް އިންޒާރުދީ، ފެބްރުއަރީ 2023 ގައި ފޮނުވި ސިޓީއަކަށް ބާރ އަލިއަޅުވާލިއެވެ. އަދި ޖުލައި މަހު އޭނާ އަމިއްލައަށް ހަމަލާއެއް އަތުވެދާނެ ކަމުގެ ފުރުސަތު އޮތްކަން ފާހަގަކޮށް، އެފަދަ ކަމެއް ޖާސޫސީ އިދާރާތަކަށް ކުރިން ލަފާކުރަން ނޭނގިދާނެ ކަމުގެ އިންޒާރު ދިން ކަމަށް ވެސް އޭނާ ބުންޏެވެ.
މި ދައުވާގައި، ސެޕްޓެމްބަރު މަހާއި އޮކްޓޫބަރު މަހުގެ ކުރީކޮޅު ހަމާސްގެ ގާބިލުކަން އިތުރުވަމުންދާ ކަމަށް ބުނެ އިތުރު އިންޒާރުތައް ދީފައިވާ ކަން ވެސް ބަޔާންކޮށްފައިވެއެވެ. އަދި ހަމާސްގެ އިސް ވެރިންނަށް އަމާޒުކޮށް ހަމަލާދިނުމަށް ހުށަހެޅި ހުށަހެޅުންތައް، ޣައްޒާގައި "ކޮންމެ އަގެއް ދައްކައިގެން ނަމަވެސް މަސްލަހަތު ހިފެހެއްޓުމުގެ" ސިޔާސަތު އިސްކޮށް، ނަތަންޔާހޫ ތަކުރާރުކޮށް ދެކޮޅުހަދައި ނުވަތަ ފަސްކުރި ކަމަށް ވެސް ބާރ ތުހުމަތުކުރިއެވެ.
ދައުވާގައިވާ ގޮތުން، އިންސާނީ އެހީގެ ފައިސާ ހަމާސްގެ އަސްކަރީ ގޮތްޕަށް ލިބެމުންދާ ކަމުގެ އިންޒާރު ލިބިފައިވީ ނަމަވެސް، ޤަތަރުގެ ފައިސާ ޣައްޒާއަށް އެތެރެކުރުމުގެ ހުއްދަ ބޮޑުވަޒީރު ދެއްވަމުން ގެންދެވިއެވެ.
ނަތަންޔާހޫ ވަނީ މި ވާހަކަތައް ދޮގުކޮށް، ރައްކާތެރި ކުއްލި މުވާސަލާތީ ލައިނެއް މެދުވެރިކޮށް ބާރ އަށް އޭނާއާ ގުޅުނީސް ކަމަށް ބުނެފައެވެ. ނަމަވެސް ބާރ ބުނީ ނަތަންޔާހޫ ދުވަހަކުވެސް އޭނާގެ ޒާތީ ފޯނު ނަންބަރު ދީފައި ނުވާ ކަމަށެވެ.
މީގެ އިތުރުން، ބާރ ގެ ވާހަކަތައް ދޮގުކުރުމަށް ގާތްގަނޑަކަށް 1،000 ލިޔުން ހުށަހަޅާފައިވާ ކަމަށް ނަތަންޔާހޫ ބުންޏެވެ.
އިތުބާރު ގެއްލިފައިވާ ކަމަށް ބުނެ، މާޗް 2025 ގައި ނަތަންޔާހޫގެ ސަރުކާރުން ވަނީ ބާރ މަގާމުން ވަކިކުރުމަށް ވޯޓު ދީފައެވެ. އެ ދުވަސްވަރު ޝިން ބެތުން ދިޔައީ ނަތަންޔާހޫގެ އެހީތެރިން ޤަތަރުގެ މަސްލަހަތުތައް ކުރިއެރުވި ކަމަށް ބުނާ ތުހުމަތުތަކެއް ތަހުގީގު ކުރަމުންނެވެ. އެހެންނަމަވެސް، ބޮޑުވަޒީރުގެ އޮފީހުން ވަނީ އެކަން ދޮގުކޮށްފައެވެ. ފަހުން އިސްރާއީލުގެ ސުޕްރީމް ކޯޓުން ވަނީ އޭނާ މަގާމުން ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށް ހުކުމްކޮށްފައެވެ. އަދި ބާރ އިސްތިއުފާ ދިނީ ޖޫން މަހުގައެވެ.
މި ދައުވާ އުފުލާފައި މިވަނީ، ބޭރުގެ ސަރުކާރުތަކުން ވެސް ނަތަންޔާހޫއަށް ކުރިން އިންޒާރު ދީފައިވާ ކަމަށް ރިޕޯޓުތައް ފެތުރިފައިވާ ދަނޑިވަޅެއްގައެވެ.ހަމަލާ ދިނުމުގެ ދިހަ ދުވަސް ކުރިން، ޙަމާސްއިން ބޮޑު އޮޕަރޭޝަނެއް ހިންގަފާނެ ކަމުގެ އިންޒާރު ޔޫއޭއީގެ ރައީސް މުޙައްމަދު ބިން ޒާޔިދު އޭނާއަށް ދެއްވި ކަމަށް ހާރެޓްޒް ނޫހުން ސެޕްޓެމްބަރު މަހު ވަނީ ރިޕޯޓްކޮށްފައެވެ. ނަތަންޔާހޫގެ އޮފީހުން މި ތުހުމަތު ދޮގުކުރަމުން ބުނެފައިވަނީ އެއީ "ކަނޑައެޅިގެން ދޮގެއް" ކަމަށެވެ.
ދަ އެޓްލާންޓިކް އަދި ވޯލް ސްޓްރީޓް ޖާނަލް އިން ވަކިވަކިން ރިޕޯޓްކޮށްފައިވާ ގޮތުގައި މިސްރުގެ އޮފިޝަލުންގެ ފަރާތުން ވެސް އިންޒާރުތައް ލިބިފައިވެއެވެ. އަދި އޭގެ އެއް އަހަރަށް ވުރެ ގިނަ ދުވަސް ކުރިން، 'ޖެރިކޯ ވޯލް' ގެ ނަމުން މަޝްހޫރުވެފައިވާ ޙަމާސްގެ ހަނގުރާމައިގެ ޕްލޭނެއް އިސްރާއީލުގެ ޖާސޫސީ އިދާރާއަށް ލިބިފައިވާ ކަމަށް ނިއު ޔޯކް ޓައިމްސް އިން ވަނީ ހާމަކޮށްފައެވެ. މިސްރުގެ ފަރާތުން އެއްވެސް އިންޒާރެއް ލިބުނު ކަމަށް ނުވަތަ ޙަމާސްގެ އެ ޕްލޭން ފެނުނު ކަމަށް ނަތަންޔާހޫ ވަނީ ދެކޮޅު ހައްދަވާފައެވެ.
މި ސިޔާސީ ހަލަބޮލިކަން ފެންމަތިވެފައި މިވަނީ އޮކްޓޫބަރު 27 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އިސްރާއީލުގެ ބަރުލަމާނީ އިންތިޚާބާ ދިމާކޮށެވެ. އަދި އޭނާއަށް ފާޑުކިޔާ ފަރާތްތަކުން އޮކްޓޫބަރު 7 ގެ ހަމަލާ ސިޔާސީ ބޭނުމަކަށް ބޭނުންކުރަމުންދާ ކަމަށް ނަތަންޔާހޫ ދަނީ ތުހުމަތު ކުރައްވަމުންނެވެ.