ޚަބަރު

މާލެތެރެއަށް ބަނގުރާ ވިއްކާ ނެޓްވޯކްގެ އިސް ދިވެހި މީހާ ހައްޔަރުކޮށްފި

ހއ

ހުސެއިން އާދަމް

15 އޮކްޓޯބަރ 2026
07:04
މާލެތެރެއަށް ބަނގުރާ ވިއްކާ ނެޓްވޯކްގެ އިސް ދިވެހި މީހާ ހައްޔަރުކޮށްފި

ހ. މާދޫގޭގައި ހިންގަމުންދިޔަ އޮފީހެއްގައި ބަނގުރާ ރައްކާކޮށް، މާލޭގެ އެކި ސަރަޙައްދުތަކަށް ފުޅާ ދާއިރާއެއްގައި ވިއްކަމުންދިޔަ ނެޓްވޯކުގެ އިސް މޭސްތިރިޔާ ކަމަށް ޝައްކުކުރެވޭ ދިވެހި ފިރިހެނަކު އިއްޔެ ހައްޔަރުކޮށްފައިވާކަން ފުލުހުން ހާމަކޮށްފިއެވެ.

ކޯޓު އަމުރަކާ އެކު ފުލުހުން ހައްޔަރުކޮށްފައިވަނީ ހ. ކަރޯގެ، މުޙައްމަދު ރަޝްވާން ޢައްބާސް ކަން ކޯޓު ލިޔެކިޔުންތަކުން އެނގެއެވެ.

މި މައްސަލައިގައި އެންމެ ފުރަތަމަ ތިން މީހަކު ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހާފައިވަނިކޮށް، ނޫސްވެރިން މިރޭ ކުރި ސުވާލުތަކަށް ޖަވާބުދެމުން ފުލުހުން ބުނީ މި ވިޔޫގާގައި ބައިވެރިވާ ދިވެހި މީހާ ވެސް މިހާރު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި، އުމުރުން 53 އަހަރުގެ ރަޝްވާނަކީ މާދޫގޭގައި ބަނގުރާ ރައްކާކޮށްފައި ހުރި އޮފީހުގެ މެނޭޖިންގ ޑިރެކްޓަރެވެ.

މައްސަލައިގެ ތަޙުޤީޤަށް ރަޝްވާން 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފައިވާއިރު، އެ އަމުރުގައި ބަޔާންކޮށްފައިވާ ގޮތުން މި މައްސަލައިގައި ހިފެހެއްޓި ދެ މީހަކީ އޭނާގެ ދަށުން މަސައްކަތްކުރާ ދެ މުވައްޒަފުންނެވެ.

ބަނގުރާ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ބޭރުގެ ތިން މީހުންގެ ތެރެއިން ރަޝްވާންގެ ދެ މުވައްޒަފުން ތަޙުޤީޤީ އޮފިސަރަށް މަޢުލޫމާތު ދީފައިވާ ގޮތުގައި، އެ މީހުން އެ ޢަމަލު ހިންގަމުން ގެންދިޔައީ ރަޝްވާންގެ އެންގުމަށެވެ.

އެހެންނަމަވެސް، ބަންދު އަމުރުން އެނގޭ ގޮތުގައި އޭނާގެ މައްޗަށް ކުރެވޭ އެންމެހައި ތުހުމަތުތަކަށް ރަޝްވާން ވަނީ އިންކާރުކޮށްފައެވެ.

ކަފާލާތުގެ ދަށުން ދޫކޮށްލުމަށް ރަޝްވާންގެ ފަރާތުން ކޯޓުގައި އެދުނު ނަމަވެސް، ބަންދު މަޖިލީހުގެ ޤާޟީ ނިންމެވީ އެ ފުރުޞަތު ނުދިނުމަށެވެ.

މާދޫގޭގެ ދެ ފަންގިފިލާއެއް ބޭނުންކޮށްގެން ބަނގުރާ ވިއްކި މައްސަލައިގައި މީގެ ކުރިން ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްގެ ތިން ފިރިހެނުންނެވެ. އެ މީހުންގެ ތެރެއިން އެކަކު 15 ދުވަހަށް، އަދި އަނެއް ދެ މީހުން ފަސް ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ އަމުރު ނެރެފައެވެ. އެ މީހުންނަކީ:

އަލް އަމީން (34 އަހަރު)
ޕޮލިން (43 އަހަރު)
އެމްޑީ ރަކީބް ހޮސެން (25 އަހަރު)

އެ މީހުންގެ ބަންދާ މެދު ގޮތެއް ކަނޑައެޅުމަށް ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހުގެ ބަންދެއް ދިނީ އަމީން އަދި ޕޮލިން އަށެވެ. ރަކީބް ބަންދުގައި ބަހައްޓަން އަމުރުކުރީ 15 ދުވަހަށެވެ.

ކޯޓު އަމުރެއްގެ ދަށުން މާދޫގޭގެ ދެ ފަންގިފިލާ ފާސްކުރިއިރު ޖުމްލަ 826 ފުޅި ބަނގުރާ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ފުލުހުން ޢާންމުކުރި ވީޑިއޯ ރެކޯޑިންގއިން ފެންނަ ގޮތުގައި، ސްމާޓް ތަޅެއް ހަރުކޮށްފައިވާ އެ އެޕާޓްމަންޓަށް ވަންނައިރު ލަކުޑި ހަރުގަނޑުތަކެއްގައި ބަނގުރާ ފުޅިތައް ހުރީ ވަރަށް ތަރުތީބުން އަތުރާފައެވެ.

މި ބަނގުރާ ކޭސްތައް ބަހައްޓާފައި ހުރީ އޮފީހެއް ހިންގުމަށް ބޭނުންކުރާ ތަނެއްގެ ގޮތުގައި ފެންނަ ސަރަޙައްދެއްގައެވެ. އަދި އެ ތަނުން ޕްރިންޓަރާއި އިދާރީ އެކި މަސައްކަތްތަކަށް ބޭނުންކުރާ އިތުރު އާލާތްތައް ވެސް ވަނީ ފެނިފައެވެ.


ޓެގްތައް

ކޮމެންޓް (0)

ކޮމެންޓް ލިޔުމަށް