ފެންޑާ ސުބަންގް ކަޕްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
ހުސެއިން އާދަމް
ދިވެއިޝިޔާއިން އިންތިޒާމުކޮށްގެން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ފެންޑާ ސުބަންގް ކަޕް 2026 ގައި ބައިވެރިވުމުގެ ފުރުސަތު، މެލޭޝިޔާގައި ތިބި ދިވެހި ފުޓްސަލް ޓީމުތަކަށް ހުޅުވާލައިފިއެވެ.
އެއް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 7 ނޮވެމްބަރު 2026 ވާ ހޮނިހިރު ދުވަހު، މެލޭޝިޔާގެ ސަންވޭ ސައުތު ކޭގައި ހުންނަ އެކްސް ޕާކުގައެވެ. މި މުބާރާތުގެ މަގުސަދަކީ ކުޅިވަރުގެ ޒަރީއާއިން މެލޭޝިޔާގައި ދިރިއުޅޭ ދިވެހިންގެ މެދުގައި އެކުވެރިކަން ބަދަހިކުރުމާއި، ޓީމުވޯކާއި، ކުޅިވަރުގެ ރޫހު އަދި ދުޅަހެޔޮ ދިރިއުޅުމެއް ކުރިއެރުވުމެވެ.
މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ފިރިހެން އަދި އަންހެން ޑިވިޜަނަށްވެސް ވަނީ ހުޅުވާލެވިފައެވެ. ކޮންމެ ޓީމެއްގައި މަދުވެގެން ހަ ކުޅުންތެރިން އަދި ގިނަވެގެން އަށް ކުޅުންތެރިން ހިމެނެންވާނެއެވެ. މީގެ އިތުރުން ކޮންމެ ޓީމެއްގައި ދެ އޮފިޝަލުން ތިބެންވާނެއެވެ.
މި މުބާރާތަކީ ހަމައެކަނި، މެލޭޝިޔާ ނުވަތަ ސިންގަޕޫރުގެ ވިސާ މިހާރު އޮތް، ނުވަތަ ކުރިން އޮތް ދިވެހިންނަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ މުބާރާތެކެވެ.
މުބާރާތުގެ ގަވާއިދު ބުނާގޮތުން، ކޮންމެ ޓީމެއްގައި ސޯޝަލް ޕާސް އޮންނަ އެއް ކުޅުންތެރިއަކާއި، 35 އަހަރުން މަތީގެ އެއް ވެޓަރަން ކުޅުންތެރިއަކު އަދި 40 އަހަރުން މަތީގެ ދެ ވެޓަރަން ކުޅުންތެރިން ހިމެނުމުގެ ހުއްދަ އޮންނާނެއެވެ.
2019 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ސުބާންގް ކަޕަކީ މެލޭޝިޔާގައި ދިރިއުޅޭ ދިވެހިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ކުޅިވަރު ހަރަކާތެކެވެ. މިއީ ކުޅުންތެރިންގެ ފުޓްސަލް ހުނަރު ދައްކާލުމުގެ އިތުރުން، މުޖުތަމައުގެ ގުޅުން ބަދަހިކުރުމަށް ލިބިގެންދާ އަގުހުރި ފުރުސަތެކެވެ.
ޓީމުތައް ރަޖިސްޓްރީ ކުރުމުގެ ސުންގަޑިއަކީ 3 ނޮވެމްބަރު 2026 ގެ 23:59 އެވެ.
މުބާރާތުގައި ބައިވެރިވާން ޝައުގުވެރިވާ ޓީމުތަކަށް އޮންލައިން ރަޖިސްޓްރީ ކުރެވޭނެއެވެ. https://forms.gle/2SL59YihZ6kTG92t6