ޚަބަރު

މެދުފަންތީގެ ގައުމުތަކުން ދުނިޔެ ބަހާލައި، ކުދި ޤައުމުތައް ކޮންޓްރޯލް ކޮށްފާނެ ކަމުގެ އިންޒާރު ނަޝީދު ދެއްވައިފި

ހއ

ހުސެއިން އާދަމް

13 އޮކްޓޯބަރ 2026
07:36
މެދުފަންތީގެ ގައުމުތަކުން ދުނިޔެ ބަހާލައި، ކުދި ޤައުމުތައް ކޮންޓްރޯލް ކޮށްފާނެ ކަމުގެ އިންޒާރު ނަޝީދު ދެއްވައިފި

ދުނިޔޭގެ މެދުފަންތީގެ ބާރުގަދަ ޤައުމުތަކުން، އެ ޤައުމުތަކުގެ ބާރު ހިނގާ ސަރަޙައްދުތަކަށް ދުނިޔެ ބަހާލަން ފަށައިފިނަމަ، ކުދި ޤައުމުތަކުގެ މިނިވަންކަމާއި ނުފޫޒު ގެއްލިދާނެ ކަމުގެ އިންޒާރު ދިވެހިރާއްޖޭގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ދެއްވައިފިއެވެ.

އޮބްޒާވަރ ރިސާޗް ފައުންޑޭޝަނާއި އިންޑިއާގެ މިނިސްޓްރީ އޮފް ޕޯޓްސް، ޝިޕިންގ އެންޑް ވޯޓަރވޭސް ގުޅިގެން ބޭއްވި "ސާގަރމަންތަން" ކޮންފަރެންސްގައި ވާހަކަދައްކަވަމުން ނަޝީދު ކަންބޮޑުވުން ފާޅުކުރެއްވީ، 19 ވަނަ ޤަރުނުގައި ޔޫރަޕުގެ އިސްތިޢުމާރީ ބާރުތަކުން އެކަކު އަނެކަކުގެ މެދުގައި އެފްރިކާ ބަހާލި އުޞޫލަށް މެދުފަންތީގެ ބާރުތަކުންވެސް ޢަމަލުކޮށްފާނެތީއެވެ.

ނަޝީދު ވިދާޅުވީ، އެމެރިކާއާއި ޔޫރަޕްގެ އިއްތިޙާދީންގެ މެދުގައި ނުތަނަވަސްކަން އުފެދިފައިވާ މި ދަނޑިވަޅުގައި، މެދުފަންތީގެ ބާރުތަކުގެ މެދުގައި އިތުރުވަމުންދާ އެއްބާރުލުމުގެ ސަބަބުން ދިވެހިރާއްޖެ ފަދަ ކުދި ޤައުމުތަކަށް ނުރައްކާތެރި ޙާލަތެއް މެދުވެރިވެދާނެ ކަމަށެވެ. އެމަނިކުފާނު މި ޙާލަތު އެއްގޮތް ކުރެއްވީ 1884 އާއި 1885 އާ ދެމެދު ބޭއްވުނު ބާލިން ކޮންފަރެންސާއެވެ.

އެ ކޮންފަރެންސްގައި، އެފްރިކާގެ ރައްޔިތުންގެ އެއްވެސް ބަހެއް ނެތި، ޔޫރަޕްގެ ބާރުތަކުން ވަނީ އެފްރިކާގެ ބިންތައް އެމީހުންގެ ބާރުގެ ދަށަށް ގެންދިއުމަށް މަޝްވަރާކޮށް ބަހާލާފައެވެ.

"މިހާރު މި ފެންނަނީ 1800 ގެ އަހަރުތަކުގައި އެފްރިކާ ބަހާލި ގޮތާ ވަރަށް އެއްގޮތް ކަމެއް. އެހެންވީމާ، ކަލާނގެ ރައްކާތެރިކަން ދެއްވާށި، އެ ދުވަހު ބާލިންގައި ކަންކުރި ފަދައިން މި މެދުފަންތީގެ ބާރުތަކުން އެއް މޭޒުދޮށަކަށް އެއްވެ، 'އޯކޭ، މިއީ އަހަރެންގެ ނުފޫޒު ހިނގާނެ ސަރަޙައްދު' އޭ ނުބުނާނެ ކަމަށް އުންމީދު ކުރަން. އޭރުން ވާނެ ނުވާނެ ގޮތަކާމެދު ބަހެއް ބުނުމުގެ ފުރުޞަތެއް ކުދި ޤައުމުތަކަކަށް ނޯންނާނެ،" ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު އިންޒާރު ދެއްވި ގޮތުގައި، މެދުފަންތީގެ ބާރުތަކުން އެ ބަޔަކު ބޭނުންވާ ގޮތަށް ކަންކަން ނިންމައި، އެމީހުންގެ ނުފޫޒުގެ ދަށަށް ދާނެ ޤައުމުތައް ކަނޑައަޅައިފިނަމަ، ކުދި ޤައުމުތަކަށް އެ ޤައުމުތަކުގެ އަމިއްލަ ކަންކަމުގެ މައްޗަށް އޮންނަ ބާރު ކުޑަވެގެންދާނެއެވެ.

"އެހެންވީމާ، މި މެދުފަންތީގެ ބާރުތަކުގެ މި މައްސަލައަކީ ވަރަށް ވަރަށް ކަންބޮޑުވާންޖެހޭ ކަމެއް. ސަބަބަކީ އެމީހުން އެއް މޭޒުދޮށަކަށް އިށީނދެ 'މި ކުޑަކުޑަ ރާއްޖެ މިތާ މިކުރަނީ ކީއްހެއްޔޭ؟ ހިނގާށޭ މީގެން ބައެއް ނަގަން' ބުނުމަކީ ހަމަ ވެދާނެ ކަމެއް،" އެމަނިކުފާނު ވިދާޅުވިއެވެ.

މެދުފަންތީގެ ބާރުތަކަކީ ފާހަގަކޮށްލެވޭ ފަދަ އިޤްތިޞާދީ، ޑިޕްލޮމެޓިކް އަދި އަސްކަރީ ބާރެއް އޮންނަ، ނަމަވެސް އެމެރިކާ، ޗައިނާ އަދި ރަޝިޔާ ފަދަ ދުނިޔޭގެ ބޮޑެތި ބާރުތަކުގެ ފެންވަރުގައި ނުފޫޒު ނޯންނަ ޤައުމުތަކެވެ. ޢާންމުކޮށް މި ގިންތީގައި ހިމެނޭ ޤައުމުތަކަކީ އިންޑިއާ، ޖަޕާން، ކެނެޑާ، އޮސްޓްރޭލިއާ އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އެވެ.

ނަޝީދު އިންޒާރު ދެއްވި ގޮތުގައި، މިފަދަ ޤައުމުތަކުގެ ނުފޫޒު ފުޅާވަމުން ދާއިރު، އެކަމުގެ ގެއްލުން އެ ޤައުމުތަކުގެ ސިޔާދަތު ރައްކާތެރިކުރުމަށް ބައިނަލްއަޤްވާމީ އެއްބާރުލުމަށާއި ޤަވާޢިދުތަކަށް ބަރޯސާވާ ކުދި ޤައުމުތަކަށް ލިބިގެން ނުވާނެއެވެ.

އަދި ބައިނަލްއަޤްވާމީ ޤާނޫނުތަކަށާއި، އަމިއްލަ ވެރިކަން ކުރުމަށް ޤައުމުތަކަށް ލިބިގެންވާ ޙައްޤަށް އިޙްތިރާމް ކުރުމުގެ ބަދަލުގައި، ބާރުގަދަ ޤައުމުތަކުން ބަލިކަށި ޤައުމުތަކުގެ މުސްތަޤްބަލު ކަނޑައަޅަމުން ދިޔަ ޒަމާނަކަށް ދުނިޔެ އަލުން ރުޖޫޢަވަމުންދާތީވެސް އެމަނިކުފާނު ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

"އަޅުގަނޑު ކަންބޮޑުވަނީ އަޅުގަނޑުމެންނަށް މި ދެވެނީ 19 ވަނަ އަދި 18 ވަނަ ޤަރުނުގެ ދުނިޔޭގެ ނިޒާމާ ދިމާއަށް ކަމަށްވާތީ. އަޅުގަނޑުމެން އެދެނީ މި މެދުފަންތީގެ ބާރުތައް އެއް މޭޒަކަށް ނައުމަށް. އދ. ދެމިއޮންނަން ޖެހޭނެ،" ނަޝީދު ވިދާޅުވިއެވެ.

ޓެގްތައް

ކޮމެންޓް (0)

ކޮމެންޓް ލިޔުމަށް