ޚަބަރު

ފިލްމީ ތަރިންނާއެކު ހައްޔަރުކުރީ ދެކިލޯ ޑްރަގާއިއެކު ހައްޔަރުކޮށްފައި ހުއްޓާ ޕީޖީން އެދިގެން ދޫކޮށްލި މީހެއް

ހއ

ހުސެއިން އާދަމް

11 އޮކްޓޯބަރ 2026
06:14
ފިލްމީ ތަރިންނާއެކު ހައްޔަރުކުރީ ދެކިލޯ ޑްރަގާއިއެކު ހައްޔަރުކޮށްފައި ހުއްޓާ ޕީޖީން އެދިގެން ދޫކޮށްލި މީހެއް

ފިލްމީ ދާއިރާގެ މަޝްހޫރު މޫނުތަކަކާ އެކު ދާދިފަހުން އަތުލައިގަތް އުމުރުން 42 އަހަރުގެ ޝާހިލް މުހައްމަދަކީ، ދެ ކިލޯގެ މަސްތުވާތަކެތި ރާއްޖެ އެތެރެކުރި މައްސަލައެއްގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ބެހެއްޓުމަށްފަހު، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ އެދުމުގެ މަތިން މިނިވަންކޮށްފައިވާ މީހެއްކަން ހާމަވެއްޖެއެވެ.

އަދަދު ނޫހުން ރިޕޯޓް ކޮށްފައިވާ ގޮތުގައި، ޝާހިލް އެންމެ ފުރަތަމަ ހައްޔަރުކުރީ 2024 ވަނަ އަހަރުގެ ޖުލައި 25 ގައެވެ. އެއީ އޭގެ ކުރީ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސި އިއްތިހާދު އެއާވޭސްގެ މަތިންދާބޯޓުން ރާއްޖެ އައި ޕާކިސްތާނު މީހެއްގެ ފޮށިން މަސްތުވާތަކެތި ފެނުނު މައްސަލައާ ގުޅިގެންނެވެ.

އެ މައްސަލައިގައި ފުލުހުން 2024 ޖުލައި 25 ގައި ކުރިއަށްގެންދިޔަ ކޮންޓްރޯލް ޑެލިވަރީގެ ފުރަތަމަ އޮޕަރޭޝަނުގައި، މަސްތުވާތަކެތި ހުރި ފޮށްޓާ ހަވާލުވީ ހ. ކުމުންދޫ، ނަރުގިސްވިލާ، އަހްމަދު އައްފާނެވެ. އޭނާ ހައްޔަރުކުރުމަށްފަހު ހިންގި ދެވަނަ ކޮންޓްރޯލް ޑެލިވަރީގެ ތެރެއިން އެ ފޮށްޓާ ހަވާލުވުމުން ޝާހިލް ވަނީ އަތުލައިގެންފައެވެ.

ޝާހިލް ހައްޔަރުކޮށް އެ ފޮށި ފާސްކުރިއިރު، އޭގެ އެއްފަޅީގައި ވަކިން ދަށުފަށަލައެއް ހަދައި ފޮރުވާފައި އޮތް ޝީޓެއް ފެނިފައިވެއެވެ. ތަހުލީލުތަކުން ދެއްކި ގޮތުގައި އޭގައި ދެ ކިލޯއަށް ވުރެ ގިނަ އަދަދަކަށް ޑައިމޯފިން އެކުލެވެއެވެ. އެހެންކަމުން، ގާނޫނުގެ ޖަދުވަލު 1 ގައި ހިމެނޭ މަސްތުވާއެއްޗެއް ރާއްޖެ އެތެރެކުރުމުގައި ބައިވެރިވި ކަމުގެ ދައުވާ އޭނާގެ މައްޗަށް އުފުލިއެވެ.

މި މައްސަލައިގެ ޝަރީއަތް ނިމެންދެން ޝާހިލް ބަންދުކޮށްފައި ބަހައްޓާފައި ވަނިކޮށް، އޭނާގެ ބަންދާމެދު އަލުން ގޮތެއް ނިންމައިދިނުމަށް ޕީޖީން އެދުމުން މި އަހަރުގެ މާޗު 30 ގައި ކޯޓުގައި އަޑުއެހުމެއް ބޭއްވިއެވެ. އެ އަޑުއެހުމުގައި ޕީޖީގެ ހުށަހެޅުމާ އެއްގޮތަށް، އޭނާ ބަންދުގައި ބަހައްޓަން ކުރިން ނެރެފައިވާ އަމުރު ކޯޓުން ބާތިލުކޮށް އޭނާ ދޫކޮށްލިއެވެ.

ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު 'އަދަދު' އަށް މައުލޫމާތު ދެއްވި ގޮތުގައި، ދެ ކިލޯގެ މަސްތުވާތަކެތީގެ މި މައްސަލައިގައި ހިމެނޭ ތިން މީހުންގެ ތެރެއިން ދެ މީހެއްގެ މައްސަލައިގެ ހުކުމް މިހާރު ވަނީ އިއްވާފައެވެ. ޝާހިލްގެ މައްސަލަ އޮތީ ހުލާސާ ބަޔާން ހުށަހެޅުމުގެ މަރުހަލާގައެވެ. އޭނާ ބަންދުން ދޫކޮށްލަން އެދުނީ ބަންދުގައި ގިނަ ދުވަސްތަކެއް ހޭދަވެފައިވުމާއި އޭނާގެ ސިއްހީ ހާލަތަށް ބަލައި، ވަކި ޝަރުތުތަކަކާ އެކުގައި ކަމަށް ޝަފީއު ވިދާޅުވިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ފުލުހުން ކުރިއަށްގެންދިޔަ ހާއްސަ އޮޕަރޭޝަނެއްގައި ޝާހިލްގެ އިތުރުން ދިވެހި ފިލްމީ ދާއިރާގެ ތިން ތަރިއަކު ވަނީ ހައްޔަރުކޮށްފައެވެ. އެއީ އުމުރުން 44 އަހަރުގެ އަހުމަދު އަޒްމީލް (އަޒޭ) އާއި، 35 އަހަރުގެ އިސްމާއިލް ޖުމައިހުގެ އިތުރުން 29 އަހަރުގެ މުހައްމަދު ވިޝާލް (ރޯމަން) އެވެ.

މި އެންމެން ވެސް މަސްތުވާތަކެއްޗަށް ޓެސްޓުކުރުމުން ވަނީ ޕޮޒިޓިވްވެފައެވެ. އެމީހުންގެ ހަށިގަނޑުން ފެނިފައިވަނީ މެތަމްފެޓަމިންއާ ގުޅުންހުރި ސިންތެޓިކް ދެ ބާވަތެއްގެ މަސްތުވާއެއްޗެކެވެ. މީގެ އިތުރުން، އެމީހުންގެ އަތުން ފެނުނު ތަކެތީގެ އަދަދު ވިޔަފާރި ނުވަތަ ޓްރެފިކިންގެ މިންގަނޑަށް ފެތޭ ކަމަށް މައުލޫމާތު ލިބެއެވެ.

އެމީހުން ބަންދުކުރުމަށް ކޯޓުން ނެރުނު އަމުރުގައި ފާހަގަކޮށްފައިވާ ގޮތުގައި، އެމީހުން ތިބި ކޮޓަރިއަށް ފުލުހުން ވަތްއިރު އެތަނުގައި ހުރި މޭޒުމަތީގައި މަސްތުވާތަކެތި ހުރީ ހާމައަށެވެ. މި މައްސަލައިގައި ތުހުމަތުކުރެވޭ އެންމެންގެ ބަންދަށް ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތެއް ދީފައެވެ.

ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނޭ އަޒޭ އާއި ޖުމާހަކީ މީގެ ކުރިން އެއް އާއިލާއެއްގެ ދެބެއިންނާ ކައިވެނިކޮށްފައިވާ ދެމީހުންނެވެ. މި ތިން ތަރިންގެ ތެރެއިން ފިލްމީ މަސައްކަތުގައި އެންމެ ގިނަ ދުވަސްވީ އަޒޭއެވެ. އަދި އެންމެ ފަހުން މި ދާއިރާއަށް ތައާރަފުވީ ރޯމަންއެވެ.

ޓެގްތައް

ކޮމެންޓް (0)

ކޮމެންޓް ލިޔުމަށް