12 ކިލޯގެ މަސްތުވާތަކެއްޗާއެކު ބެންކޮކުން ދެ ދިވެހިން ހައްޔަރުކޮށްފި
ހުސެއިން އާދަމް

ތައިލެންޑުގެ ވެރިރަށް ބެންކޮކްގައި އެ ޤައުމުގެ ފުލުހުން ހިންގި ޚާއްޞަ ހަރަކާތެއްގެ ތެރެއިން، ދެ ކިލޯއަށްވުރެ ގިނަ ކްރިސްޓަލް މެތާއި 10 ކިލޯގެ ކެނަބިސް ފެނުނު މައްސަލައެއްގައި ދެ ދިވެހި ރައްޔިތަކު މިދިޔަ ހޯމަ ދުވަހު ހައްޔަރުކޮށްފިއެވެ.
އެ ޤައުމުގެ ޚަބަރު ފަތުރާ ވަސީލަތްތަކުން ހާމަކޮށްފައިވާ ގޮތުގައި، ބެންކޮކްގެ ޕްރާތުނާމް އަވަށުގެ ކާގޯ އޮފީހެއް މެދުވެރިކޮށް ފޮނުވަން ތައްޔާރުކޮށްފައި ހުރި ބޮޑެތި ފޮށިގަނޑުތަކަކުން ގިނަ ޢަދަދެއްގެ މަސްތުވާތަކެތި ފެނިގެން ހައްޔަރުކުރީ، ދިވެހިރާއްޖެއަށް ނިސްބަތްވާ ޢުމުރުން 46 އަހަރުގެ ޢަލީ ރަޝީދާއި 34 އަހަރުގެ މުޙައްމަދު ވިސާމެވެ.
މި މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައީ ބޭރު މީހަކު ވަރަށް ބޮޑަށް ޓޭޕް އަޅައި ބަންދުކޮށްފައި ހުރި ކާޓޫންތަކެއް ކާގޯ ކުރަން ގެނައި ކަމުގެ މަޢުލޫމާތު ފުލުހުންގެ ސަމާލުކަމަށް އައުމެވެ. އެ ތަކެތިން ނުބައި ވަހެއް ދުވާތީ ޝައްކު އުފެދި، ކާގޯ އެޖެންސީގެ މުވައްޒަފުން ވަނީ އެ ފޮށިތައް ބަލައިނުގަނެ އަނބުރާ ގެންދަން އެދިފައެވެ.
އެއަށްފަހު ފުލުހުން ހޯދި ހޯދުންތަކުން އެ ފޮށިގަނޑުތައް ބަހައްޓާފައި ހުރި ތަން ކަށަވަރުކޮށް، އެ ސަރަޙައްދު ބަލަހައްޓަމުން ދަނިކޮށް، ދެ ފިރިހެނަކު އައިސް އެ ތަކެތި އުފުލައިގެން ޓުކްޓުކަކަށް ބަރުކުރަން އުޅެނިކޮށް ފުލުހުން ވަނީ އެ ދެ މީހުން ހުއްޓުވައި، ފޮށިތައް ބަލައި ފާސްކޮށްފައެވެ.
ފޮށިތައް ޗެކްކުރިއިރު، ފްލާސްކްތަކެއްގެ ތެރޭގައި ރައްކާކޮށްފައި ހުރި 2.37 ކިލޯގެ ކްރިސްޓަލް މެތު ފެނުނެވެ. އެއިން ކޮންމެ ފުޅިއެއްގައި 200 އާއި 300 ގްރާމާ ދެމެދުގެ ބަރުދަނެއްގެ މަސްތުވާތަކެތި ބަންދުކޮށްފައި ހުއްޓެވެ. މީގެއިތުރުން، ކުޑަކުދިންގެ އަންނައުނުތަކެއްގެ ތެރޭގައި އޮޅާފައި ހުރި 10 ކިލޯގެ ކެނަބިސް ވެސް އެ ފޮށިތަކުން ވަނީ އަތުލައިގެންފައެވެ.
މި ތަކެތި ރައްކާކޮށްފައި ހުރީ ކުޑަކުދިންގެ ހެދުމާއި ކުޅޭ ކާރު ފަދަ ޢާންމު ސާމާނުގެ ތެރޭގައެވެ. ފުލުހުން ވަނީ ޖުމްލަ ފަސް ބޮޑު ކާޓޫން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، އެ ދެ މީހުން ފަޔާތައި ޕޮލިސް ސްޓޭޝަނަށް ގެންގޮސްފައެވެ.
އެ ދެ މީހުންގެ މައްޗަށް ތުހުމަތުކޮށްފައިވަނީ، ވިޔަފާރިކުރުމުގެ ބޭނުމުގައި ހުއްދައަކާ ނުލައި ޝެޑިއުލް 1 ގެ މަސްތުވާތަކެތި އަތުގައި ބެހެއްޓި ކަމަށެވެ. އެހެންނަމަވެސް، އެ ދެ މީހުން ވެސް ވަނީ އެ ތުހުމަތުތަކަށް އެއްބަސްނުވެ އިންކާރުކޮށްފައެވެ.
ފުލުހުންނަށް ދިން ބަޔާނުގައި އެ ދެ މީހުން ބުނެފައިވަނީ، އެ ފޮށިތަކުގައި މަސްތުވާތަކެތި ހުރިކަން އެމީހުންނަށް އެނގިފައި ނުވާ ކަމަށާއި، އެއީ ރަޙުމަތްތެރިއަކު ފޮނުވައިދިނުމަށް އެދި ޙަވާލުކުރި އެއްޗެއް ކަމަށެވެ. އަދި ފުރަތަމަ ފަހަރު ކާގޯ ކުރަން އުޅުމުން ވަސްދުވާތީ އެތަނުން ބަލައިނުގަތުމުން، އެ ތަކެތި ވަގުތީ ގޮތުން އެމީހުން ދިރިއުޅޭ ތަނުގައި ބެހެއްޓީ ކަމަށްވެސް އެމީހުން ބުނެފައިވެއެވެ.
ތައިލެންޑުގެ ފުލުހުން މިހާރު ދަނީ މި ދެ މީހުންނަކީ ބައިނަލްއަޤްވާމީ މަސްތުވާތަކެތީގެ ނެޓްވޯކަކާ ގުޅުން އޮތް ބައެއްތޯ ތަޙުޤީޤު ކުރަމުންނެވެ. އަދި މި މައްސަލައިގައި ބައިވެރިވާ ކަމަށް ޝައްކުކުރެވޭ އެހެން ޤައުމުތަކުގެ އިތުރު ފަރާތްތައް ހޯދުމުގެ މަސައްކަތް ވެސް ފުލުހުން އަންނަނީ ކުރަމުންނެވެ.