ދުނިޔެ

ޖަރުމަނުގެ ޖާސޫސީ އިދާރާގެ ކުރީގެ ވެރިޔާ ޖާސޫސްކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށްފި

ހއ

ހުސެއިން އާދަމް

06 އޮކްޓޯބަރ 2026
13:47
ޖަރުމަނުގެ ޖާސޫސީ އިދާރާގެ ކުރީގެ ވެރިޔާ ޖާސޫސްކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށްފި

ޖަރުމަނުގެ ޚާރިޖީ ޖާސޫސީ އިދާރާގެ ކުރީގެ ވެރިޔާ، ޖާސޫސްކުރުމާއި ދައުލަތަށް ޚިޔާނާތްތެރިވުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކަމަށް އެގައުމުގެ ޕްރޮސެކިއުޓަރުން ހާމަކޮށްފިއެވެ.

އުމުރުން 80 އަހަރުގެ އޯގަސްޓް ހޭނިންގްގެ މައްޗަށް ތަހުގީގު ހިންގަމުންދަނީ ދައުލަތަށް ޚިޔާނާތްތެރިވާން އުޅުމާއި ބޭރުގެ ޖާސޫސީ އިދާރާއެއްގެ އެޖެންޓެއްގެ ގޮތުގައި މަސައްކަތްކުރި ކަމުގެ ތުހުމަތުގައެވެ. މިކަން ފެޑަރަލް ޕަބްލިކް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން އަންގާރަ ދުވަހު ވަނީ ކަށަވަރުކޮށްދީފައެވެ. ހޭނިންގް އަކީ 1998 އިން 2005 އަށް ޖަރުމަނުގެ ފެޑަރަލް އިންޓެލިޖެންސް ސާވިސްގެ ރައީސްކަން ކުރެއްވި ބޭފުޅެކެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ ޖަރުމަނުގެ ދެކުނުގެ ސަރަހައްދެއް ކަމަށްވާ ބާޑް ޓޯލްޒް-ވޮލްފްރަޓްޝައުސަން އިންނެވެ. މީގެ އިތުރުން، އޭނާގެ ކުރީގެ ޗީފް އޮފް ސްޓާފް، މެންފްރެޑް ޑީގެ ނަމުން ފާހަގަކޮށްފައިވާ މީހަކުވެސް ވަނީ ޖަރުމަނުގެ ހުޅަނގުގެ ސަރަހައްދެއް ކަމަށްވާ ސްޓެއިންފާޓުން ހައްޔަރުކޮށްފައެވެ. އޭނާގެ މައްޗަށް ކުރަނީ ދައުލަތަށް ޚިޔާނާތްތެރިވުމާއި ޖާސޫސްކުރުމުގައި އެހީތެރިވެދިން ކަމުގެ ތުހުމަތެވެ.

ޕްރޮސެކިއުޓަރުންގެ އޮފީހުން ބުނި ގޮތުގައި، ހޭނިންގް ވަނީ މެންފްރެޑް ޑީ ފޯރުކޮށްދިން ސިއްރު މައުލޫމާތުތަކެއް ބޭނުންކޮށްގެން ބޭރުގެ ޖާސޫސީ އިދާރާއެއްގެ އޮފިސަރަކަށް ދިރާސާ ރިޕޯޓެއް ތައްޔާރުކޮށްދީފައެވެ.

މެންފްރެޑް ޑީ އަކީ 2012 އާއި 2026 އާ ދެމެދު ހޭނިންގްގެ ފަހުން އެ މަގާމާ ހަވާލުވި ބޭފުޅުންގެ ޗީފް އޮފް ސްޓާފްގެ ގޮތުގައި މަސައްކަތްކުރި މީހެކެވެ. އޭނާ އެ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ސިއްރު މައުލޫމާތު ހޯދުމަށްފަހު، އުޖޫރައެއްގެ ބަދަލުގައި އެ މައުލޫމާތުތައް ހޭނިންގްއަށް ފޯރުކޮށްދީފައިވާ ކަމަށް ޕްރޮސެކިއުޓަރުން ބުނެއެވެ. އަދި ހޭނިންގް އެ މައުލޫމާތުތައް ބޭނުންކޮށްފައިވަނީ އޭނާގެ އަމިއްލަ ކޮންސަލްޓިންގް މަސައްކަތްތަކުގައެވެ.

މިހާތަނަށް ފެންނަން ހުރި ހެކިތަކުން އެނގޭ ގޮތުގައި، އަހަރުތަކެއްގެ ތެރޭގައި މެންފްރެޑް ޑީ ވަނީ ގާތްގަނޑަކަށް 2،000 އެއްހާ ލިޔެކިޔުން ހޭނިންގްއަށް ފޯރުކޮށްދީފައެވެ. މީގެ ތެރޭގައި ހިމެނޭ ގިނަ ލިޔެކިޔުންތަކަކީ ހަމައެކަނި އިންޓެލިޖެންސް ސާވިސްގެ އެތެރޭގެ ބޭނުންތަކަށާއި އިސްވެރިންނަށް މައުލޫމާތު ދިނުމަށް ތައްޔާރުކޮށްފައިވާ ވަރަށް ސިއްރު ލިޔެކިޔުންތަކެކެވެ.

މި ދެމީހުން ޖާސޫސްކޮށްދިނީ ކޮން ގައުމަކަށް ނުވަތަ ކޮން އިދާރާއަކަށް ކަމެއް ތަހުގީގީ އިދާރާތަކުން ހާމައެއް ނުކުރެއެވެ. އަދި މި މައުލޫމާތުތައް އެ ފަރާތްތަކަށް ފޯރާފައިވޭތޯ އަދި ކަށަވަރު ނުވާ ކަމަށްވެސް ބުނެފައިވެއެވެ.

ޖަރުމަނުގެ ޕާލަމެންޓް މެންބަރެއް ކަމަށްވާ މާކް ހެންރިކްމަން އޭއެފްޕީ ނިއުސް އެޖެންސީއަށް ވިދާޅުވީ، ދައުލަތުގެ ސިއްރުތަކަށް ޚިޔާނާތްތެރިވުމަކީ ޖަރުމަނުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ.

ޕާލަމެންޓުގެ އިންޓެލިޖެންސް އޯވަސައިޓް ކޮމިޓީގެ މުގައްރިރުކަންވެސް ކުރައްވާ ހެންރިކްމަން ވިދާޅުވީ، ގައުމުގެ މިނިވަން ދިމިގްރާތީ ނިޒާމުގެ ދުޝްމަނުންނާ ގުޅިގެން މަސައްކަތްކުރާ ކޮންމެ މީހަކުވެސް ހޯދައި ފިޔަވަޅު އަޅާނެ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ވެރިރަށް ބާލިން ހިމެނޭހެން އެކި ސަރަހައްދުތަކުގައި ހުރި ހޭނިންގް އާއި މެންފްރެޑް ޑީގެ ތަންތަން ބަލައި ފާސްކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ޓެގްތައް

ކޮމެންޓް (0)

ކޮމެންޓް ލިޔުމަށް