40 ލަނޑަކީ ފުދޭވަރެއް ނޫން ހެއްޔެވެ؟ އެމްބާޕޭގެ ދިފާއުގައި ހެންރީ
ހުސެއިން އާދަމް

ކީލިއަން އެމްބާޕޭ މި ސީޒަނުގައި 40 ލަނޑު ކާމިޔާބުކޮށްފައިވީ ނަމަވެސް، ޓީމުގެ ބެލެންސް ހިފެހެއްޓުމުގައި އޭނާގެ ސަބަބުން ނޭދެވޭ އަސަރުތަކެއް ކުރާކަމަށް ބުނެ ފާޑުކިޔުންތައް ދަނީ އަމާޒުވަމުންނެވެ. ނަމަވެސް ތިއަރީ ހެންރީ ދެކޭގޮތް ތަފާތެވެ. އޭނާ ގަބޫލުކުރާ ގޮތުގައި މައްސަލައަކީ އެމްބާޕޭއެއް ނޫނެވެ. އެކަމަކު މައްސަލައަކީ ޓީމުގެ ރޭވުންތެރިކަމުގެ ތެރެއިން އޭނާގެ ބޭނުން ހިފާ ގޮތެވެ.
"އާރް.އެމް.ސީ" ރޭޑިއޯގެ "ރޮތަން ސެންފްލޭމް" ޕްރޮގްރާމުގައި ވާހަކަދައްކަމުން ހެންރީ ވަނީ ފަރަންސޭސި ކެޕްޓަންގެ ދިފާއުގައި ވާހަކަދައްކައި، އެމްބާޕޭއާއެކު ކާމިޔާބީ ހޯދުމަކީ ހަމަ ހަގީގަތުގައި ވެސް ކުރެވިދާނެ ކަމެއްކަން ފާހަގަކޮށްފައެވެ. އޭނާ ވަކާލާތު ކުރި ގޮތުގައި، އެންމެ އެކަށީގެންވާ ގޮތަކަށް ޓީމު ރޭވުމަކީ ކޯޗުގެ ޒިންމާއެކެވެ.
ހެންރީ ބުންޏެވެ: "އެމްބާޕޭއާއެކު މޮޅަށް ކުޅެވިދާނެއެވެ. ނަމަވެސް އެއީ ޓީމަށް އެންމެ އެކަށީގެންވާ ގޮތަށް ކަންކަން ތަރުތީބުކުރުމަށް ކޯޗަށް ކުރެވޭ މަސައްކަތުގެ މައްޗަށް ބިނާވެފައިވާ ކަމެކެވެ. މިއީ ޒިދާން ކުރަންޖެހޭނެ މަސައްކަތެކެވެ. މީގެ ކުރިން ދިދިއޭ ޑެޝޯމްޕްސްއާއި، ޕީ.އެސް.ޖީ އާއި މޮނާކޯގައި އޭނާއާއެކު މަސައްކަތްކުރި ހުރިހާ ކޯޗުންވެސް ކުރި މަސައްކަތަކީ މިއީއެވެ."
ފަރަންސޭސި ވެބްސައިޓެއް ކަމަށްވާ "ފުޓް މާކާޓޯ" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ހެންރީ އިތުރަށް ބުންޏެވެ: "ޓީމުގެ ހަމަޖެހުން ނުވަތަ ބެލެންސް ހިފަހައްޓަން ޖެހޭނެއެވެ. އެމްބާޕޭ ޓީމުގައި ހުއްޓަސް ނެތަސް އެއީ އުނދަގޫ މަސައްކަތެކެވެ. އެމްބާޕޭއަކީ ހަގީގީ މައްސަލައެއް ނޫނެވެ."
ފުޓްބޯޅައިގެ އެހެން މިސާލުތަކަށް އިޝާރާތް ކުރަމުން ހެންރީ ކިޔައިދިން ގޮތުގައި، ނުފޫޒުގަދަ ބައެއް ކުޅުންތެރިން ޓީމުގައި ނެތުމަކީ ވެސް ޓެކްޓިކަލް ގޮތުން ތަފާތު ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމެކެވެ. އެހެންކަމުން، ޓީމުގެ ބެލެންސް ގާއިމުކުރުމުގައި ކޯޗުގެ ދައުރަކީ އެންމެ މުހިންމު އަސާސް ކަމުގައި އޭނާ ބުންޏެވެ.
މި ވާހަކަތައް އައިސްފައިވަނީ ވަރަށް މުހިންމު ދަނޑިވަޅެއްގައެވެ. ޓީމުގެ ޖުމްލަ ކުޅުމަށް އެމްބާޕޭގެ ފަރުދީ ކުޅުމުން ކުރާ އަސަރާ މެދު ބަހުސްތައް ކުރިއަށްދާއިރު، ޒައިނުއްދީން ޒިދާންގެ އިރުޝާދުގެ ދަށުން އޭނާގެ އާ ފިޔަވައްސެއް ފެށުމުގެ ވަގުތު މިވަނީ ކައިރިވެފައެވެ.