ޒިދާން، އެމްބާޕޭ އާއި ޑެމްބެލޭ އަދި އޮލީސޭގެ ކުޅޭ މަގާމުތަކަށް ބަދަލުތަކެއް ގެނެސްފި
ހުސެއިން އާދަމް

ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވުމަށްފަހު ޒައިނުއްދީން ޒިދާންގެ ފުރަތަމަ އިމްތިހާނަކަށް ވެގެންދާނީ، ޔޫއެފާ ނޭޝަންސް ލީގުގެ ފުރަތަމަ މެޗުގައި އަންނަ ހުކުރު ދުވަހު ތުރުކީއާ ދެކޮޅަށް ކުޅޭ މެޗެވެ.
ކުރީގެ ކޯޗު ދިދިއޭ ޑެޝޯމްޕް އެންމެ ފަހުން ބޭނުންކުރި ކުޅުމުގެ ވައްޓަފާޅިއާ މުޅިން ތަފާތު ގޮތަކަށް، ޒިދާންގެ ޓީމު ބައްޓަންކުރާނީ 3-3-4 ގެ ފޯމޭޝަނަށް ކަމަށް ބެލެވެއެވެ.
ފްރާންސްގެ ނޫހެއް ކަމަށްވާ "ލެކިޕް" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ކްލެއަރފޮންޓެއިން ކޭމްޕުގައި އަންގާރަ ދުވަހުގެ ރޭ ބޭއްވި ބައްދަލުވުމުގައި ޒިދާން ވަނީ އޭނާގެ ރޭވުންތައް ސާފުކޮށްދީފައެވެ. ބުދަ ދުވަހުގެ ފަރިތަކުރުންތަކުން ވެސް ފެނިގެންދިޔައީ އެފަދަ ބަދަލުތަކެކެވެ. އެގޮތުން ކީލިއަން އެމްބާޕޭ ވާތްފަރާތު އަރިމަތިން ކުޅޭއިރު، އޮސްމާން ޑެމްބެލޭ ބޭނުންކުރަނީ މެދުތެރޭގެ މައި ފޯވާޑެއްގެ ގޮތުގައެވެ. އަދި މައިކަލް އޮލީސޭ ކުޅެމުންދިޔައީ ކަނާތްފަރާތު އަރިމަތިންނެވެ.
މެދުތެރޭގައި މަނޫ ކޯނޭ ޑިފެންސިވް މިޑްފީލްޑަރެއްގެ ދައުރު އަދާކުރާއިރު، އޭނާއާ އެކު އެޑްރިއަން ރަބިއޮޓް އަދި ރަޔާން ޗެރްކީ މެޗު ކޮންޓްރޯލް ކުރުމުގައި ހަރަކާތްތެރިވާނެއެވެ.
ރޯގާގެ ސަބަބުން އަންގާރަ ދުވަހުގެ މެންދުރުގެ ކެއުމާއި ފަރިތަކުރުންތަކުގައި އެމްބާޕޭ ބައިވެރިވެފައެއް ނުވެއެވެ. ނަމަވެސް ތުރުކީއާ ދެކޮޅަށް ކުޅޭ މެޗަށް އޭނާ ފިޓްވާނެ ކަމަށް ބެލެވެއެވެ.
"ލެކިޕް" އިން ފާހަގަކުރި ގޮތުގައި، ޑެޝޯމްޕް ބޭނުންކުރި 1-3-2-4 ގެ ފޯމޭޝަން ދޫކޮށްލައި، ޒިދާންގެ އެންމެ ވަރުގަދަ ހަމަލާގެ ރޭވުމަކީ ޑެމްބެލޭ މައި ފޯވާޑަކަށް ބަހައްޓައި، އެމްބާޕޭ ވާތްފަރާތަށް ޖެއްސުމެވެ. އަދި މައިކަލް އޮލީސޭ އަށް ޕްލޭމޭކަރެއްގެ ދައުރު ދިނުމެވެ.
މީގެ އިތުރުން ޓީމު އިންތިޒާމުކުރުމުގައި ޒިދާން ވަނީ މުހިންމު ނިންމުމެއް ނިންމާފައެވެ. އެގޮތުން ޓީމުގެ ކެޕްޓަން ބޭންޑް އެމްބާޕޭ އަތުގައި ދެމެހެއްޓުމަށް ނިންމައި، އޭނާ ނެތް ހާލަތެއްގައި ކެޕްޓަންކަން ކުރާނެ ތިން ކުޅުންތެރިން ވަނީ ކަނޑައަޅާފައެވެ. އެއީ މިހާރުގެ ސްކޮޑުގައި އެންމެ ގިނަ މެޗު ކުޅެފައިވާ ތިން ކުޅުންތެރިން ކަމަށްވާ 67 މެޗު ކުޅެފައިވާ ޑެމްބެލޭ، 66 މެޗު ކުޅެފައިވާ ރަބިއޮޓް އަދި 56 މެޗު ކުޅެފައިވާ ޖޫލްސް ކުންޑޭ އެވެ.
މިއީ މީގެ ކުރިން ރިއަލް މެޑްރިޑުގައި ވެސް ޒިދާން ބޭނުންކުރި "ސީނިއަރިޓީ" ނިޒާމާ އެއްގޮތަށް ނިންމާފައިވާ ނިންމުމެކެވެ.