އިތިއޯޕިއާގެ ހަނގުރާމަވެރިން އެއާޕޯޓެއްގެ ކޮންޓްރޯލް އަތުލުމާ ގުޅިގެން ދާޚިލީ ހަނގުރާމައެއްގެ ބިރު ބޮޑުވެއްޖެ
ހުސެއިން އާދަމް

އިތިއޯޕިއާގެ އުތުރުގައި އޮންނަ ތިގްރޭ ސަރަހައްދުގެ ހަނގުރާމަވެރިން އެ ސަރަހައްދުގެ މަރުކަޒީ ރަށް، މެކެލޭގެ އެއާޕޯޓު ހިފާފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ. މިއާއެކު އެ ގައުމުގެ ގައުމީ އެއާލައިން، އިތިއޯޕިއަން އެއާލައިންސުން ވަނީ އެ ސަރަހައްދުގެ ތިން މަންޒިލަކަށް ކުރާ ދަތުރުތައް މެދުކަނޑާލާފައެވެ.
މިއީ އިތިއޯޕިއާގައި ދެ އަހަރު ދުވަހަށް ދެމިގެންދިޔަ ނުރައްކާތެރި ދާޚިލީ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ވެވުނު ސުލްހައިގެ އެއްބަސްވުމަށް ހަތަރު އަހަރު ފުރުނުތަނާ، މަސްލަހަތު ވަރަށް ބޮޑަށް ގޯސްވެގެން ދިޔަ ދަނޑިވަޅެކެވެ.
އިތިއޯޕިއަން އެއާލައިންސުން ބުދަ ދުވަހު ސޯޝަލް މީޑިއާގައި އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ، ތިގްރޭ ސަރަހައްދުގައި މިހާރު އޮތް ހާލަތާ ގުޅިގެން މެކެލޭ، ޝައިރޭ އަދި އަކްސުމްއަށް ކުރާ ދަތުރުތައް މެދުކަނޑާލާފައިވާ ކަމަށެވެ. ނަމަވެސް އެ ހާލަތާ ބެހޭ އިތުރު ތަފްސީލެއް އެ އެއާލައިނުން ހާމައެއް ނުކުރެއެވެ.
"މި ނިންމުމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް ނިހާޔަތަށް މައާފަށް އެދެން. ދަތުރުތައް އަލުން ފެށޭނެ ވަގުތެއް ފަހުން އަންގާނަން،" އެއާލައިނުން ބުނެފައިވެއެވެ.
ރޮއިޓާސްއަށް މައުލޫމާތު ދިން އެ ސަރަހައްދުގެ ދެ މަސްދަރަކުން ކަށަވަރުކޮށްދީފައިވާ ގޮތުގައި، ރޭގަނޑު ހިންގި އޮޕަރޭޝަނެއްގައި ތިގްރޭގެ ހަނގުރާމަވެރިން ވަނީ ފެޑަރަލް ފުލުހުންގެ އަތުން މެކެލޭ އެއާޕޯޓުގެ ކޮންޓްރޯލް އަތުލާފައެވެ.
ތިގްރޭގެ ސަރަހައްދީ ސަރުކާރުން ބުދަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ، ފެޑަރަލް ސިފައިންނާ ދެކޮޅަށް އެ ސަރަހައްދުގެ ހަނގުރާމަވެރިން މިހާރު ތިބީ ދިފާއީ ހަނގުރާމައެއްގެ ތެރޭގައި ކަމަށެވެ. އަދި އަންގާރަ ދުވަހު ތިގްރޭގެ ބައެއް ސަރަހައްދުތަކަށް ވައިގެ މަގުންނާއި ބަޑީގެ ހަމަލާތައް ދިނުމަށްފަހު، ފެޑަރަލް ސަރުކާރުން އެއްގަމު މަގުން ހަމަލާތަކެއް ފަށާފައިވާ ކަމަށްވެސް އެ ބަޔާނުގައި ތުހުމަތުކޮށްފައިވެއެވެ. ނަމަވެސް، އެއާޕޯޓު ހިފި ކަމަށް ބުނާ ވާހަކައާއި ވައިގެ ހަމަލާތަކާ ގުޅޭގޮތުން ފެޑަރަލް ސަރުކާރުން މިހާތަނަށް ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.
މި ހަމަލާތައް ފެށިފައި މިވަނީ، ތިގްރޭގައި ވެރިކަންކުރާ ޕާޓީ، ތިގްރޭ ޕީޕަލްސް ލިބަރޭޝަން ފްރަންޓް (ޓީ.ޕީ.އެލް.އެފް) ހިމެނޭހެން ހަތް ހަތިޔާރުއެޅި ޖަމާއަތެއް ގުޅިގެން، ބޮޑުވަޒީރު އަބީ އަހުމަދުގެ ސަރުކާރު ވައްޓާލައި އިންތިގާލީ ސަރުކާރެއް ގާއިމުކުރުމަށް އިއްތިހާދެއް އުފެއްދިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައެވެ.
"އިތިއޯޕިއަން ޕީޕަލްސް ފޯސަސް އެލަޔަންސް ފޯ ސަވައިވަލް" ގެ ނަމުގައި އުފެއްދި މި ކޯލިޝަނުން އާދީއްތަ ދުވަހު ނެރުނު ބަޔާނެއްގައި، ވެރިކަންކުރާ ޕްރޮސްޕެރިޓީ ޕާޓީން "ޚުދުމުޚުތާރު" ވެރިކަމެއް ކުރަމުންދާ ކަމަށާއި، އޭގެ ސަބަބުން ގައުމު ބައިބައިވުމާ ދިމާލަށް ދާކަމަށް ތުހުމަތުކޮށްފައިވެއެވެ.
ބޮޑުވަޒީރު އަބީގެ ތަރުޖަމާނު ބިލީން ސޭޔޫމް ހޯމަ ދުވަހު ވަނީ، މި އިއްތިހާދަކީ އަވަށްޓެރި އެރިތުރިއާގެ މާލީ އެހީތެރިކަމާއެކު މަސައްކަތްކުރާ ބައެއް ކަމަށް ތުހުމަތުކުރައްވާފައެވެ. ނަމަވެސް އެރިތުރިއާ ސަރުކާރުން ވަނީ އެފަދަ ޖަމާއަތްތަކަށް އެހީތެރިވާކަމަށް ކުރެވޭ ތުހުމަތުތައް ތަކުރާރުކޮށް ދޮގުކޮށްފައެވެ.
2022 ވަނަ އަހަރު ފެޑަރަލް ސިފައިންނާއި ޓީ.ޕީ.އެލް.އެފް އާ ދެމެދު ވެވުނު ސުލްހައިގެ އެއްބަސްވުމަށްފަހުވެސް، ތިގްރޭ ސަރަހައްދުގައި ދާއިމީ ހަމަޖެހުމެއް ގާއިމުކުރުމަށް އިތިއޯޕިއާއަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. ކުރީގެ ހަނގުރާމައިގައި އެތައް ލައްކަ ބަޔަކު މަރުވެފައިވާއިރު، ފަހަކަށް އައިސް ހިނގަމުންދާ ކުރިމަތިލުންތަކާއި ޑްރޯން ހަމަލާތަކުގެ ސަބަބުން، އޮތް ނާޒުކު ސުލްހައަށް ވަނީ ނުރައްކާވެފައެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ޑައިރެކްޓަރު ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރެޔޭސަސް މިދިޔަ މަހު އިންޒާރު ދެއްވާފައިވާ ގޮތުގައި، އިތިއޯޕިއާ މިހާރު އޮތީ އަލުން ހަނގުރާމައެއްގެ ތެރެއަށް ވެއްޓުމުގެ ތުންފަތްމަތީގައެވެ.
އިތިއޯޕިއަން އެއާލައިންސުން މިދިޔަ ޖެނުއަރީ މަހުވެސް ތިގްރޭގެ ދަތުރުތައް މެދުކަނޑާލާފައިވެއެވެ. އެ ފަހަރު ދަތުރުތައް ކެންސަލް ކުރީ ކުރިން ލަފާނުކުރެވޭ ހާލަތްތަކެއް ދިމާވެގެން ކަމަށް ބުނެފައިވީ ނަމަވެސް، ސަލާމަތީ އޮފިޝަލުން ބުނެފައިވަނީ އެއީ ފެޑަރަލް ސިފައިންނާއި ސަރަހައްދީ ހަނގުރާމަވެރިންނާ ދެމެދު ހިނގި ކުރިމަތިލުންތަކާ ގުޅިގެން ނިންމި ނިންމުމެއް ކަމަށެވެ.