ފީގޯގެ ހަނދާންތަކުން ބާސެލޯނާއަށް އުނދަގޫވަނީ: ބޮޑު ޑީލަކަށް ބާސެލޯނާއިން ނޫނެކޭ ބުނެފި
ހުސެއިން އާދަމް

ބާސެލޯނާގެ އާ ފައިނޭންސް ޕާޓްނަރަކަށް ވުމަށް ޑިޖިޓަލް ބޭންކިންގްގެ ދާއިރާގައި ނަން މަޝްހޫރު "ރިވޮލިއުޓް" އިން ހުށަހެޅި މާލީ ގޮތުން ފައިދާހުރި ހުށަހެޅުމެއް އެ ކުލަބުގެ ބޯޑުން ދޫކޮށްލައިފިއެވެ. މީގެ މައިގަނޑު ސަބަބަކީ ލުއިސް ފީގޯއެވެ.
ސްޕޭނުގެ ނޫހެއް ކަމަށްވާ "މުންޑޯ ޑިޕޯޓީވޯ" އިން "ބާސާ ރިޒަަވަޓް" ޕޮޑްކާސްޓާ ހަވާލާދީ ބުނެފައިވާ ގޮތުގައި، ކައިޝާ ބޭންކާއެކު އޮތް އެއްބަސްވުން ނިމުނުތާ އަހަރެއް ވެފައިވާއިރު، އާ މާލީ ބައިވެރިޔަކު ހޯދުމަށް ކެޓަލަން ކުލަބުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ކަންތައްތަކެއް ވަނީ ފެންމަތިވެފައެވެ.
ކުލަބުގެ ރައީސް ޔޮއާން ލަޕޯޓާގެ ބޯޑުން މިހާރު ދަނީ ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ލިބެމުންދާ ގިނަގުނަ ހުށަހެޅުންތަކަކާ މެދު ގޮތެއް ނިންމުމަށް މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި އިނގިރޭސި ކުންފުންޏެއް ކަމަށްވާ "ރިވޮލިއުޓް" އިން ހުށަހެޅި ހުށަހެޅުން ފާހަގަކޮށްލެވެއެވެ.
މައުލޫމާތު ލިބޭ ގޮތުގައި، ރިވޮލިއުޓްގެ ހުށަހެޅުމަކީ މާލީ ގޮތުންނާއި މާކެޓިންގްގެ ގޮތުން ބަލާއިރު ބާސެލޯނާއަށް ލިބުނު ވަރަށް ރަނގަޅު ފުރުސަތެކެވެ. އެއީ އެ ކުންފުންޏަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފުޅާވަމުން އަންނަ، އަދި ހުށަހެޅި ޝަރުތުތައް ވެސް ވަރަށް ފުރިހަމަ ކުންފުންޏަކަށް ވާތީއެވެ.
ރިވޮލިއުޓަކީ މިހާރު މެންޗެސްޓާ ސިޓީގެ ފައިނޭންސް ޕާޓްނަރެވެ. އެގޮތުން އެ ކުލަބުގެ ފިރިހެން އަދި އަންހެން ޓީމުގެ ޖާޒީގެ ފަހަތުގައި އެ ކުންފުނީގެ ނަން ބޭނުންކުރެއެވެ. މީގެ އިތުރުން އިޓަލީގެ ކޯމޯގެ މައި ސްޕޮންސަރަކީ ވެސް އެ ކުންފުންޏެވެ. ނަމަވެސް "ކޭމްޕް ނޯ" އަށް ވަނުމަށް އެ ކުންފުންޏަށް އޮތް ދޮރު ބާސެލޯނާއިން ވަނީ ބަންދުކޮށްފައެވެ.
މި ނިންމުން ނިންމީ ފައިސާ ނުވަތަ ކުޅިވަރާ ގުޅުންހުރި ކަމަކަށް ވުރެ ބޮޑަށް، ތާރީޚީ އަދި ޖަޒުބާތީ ސަބަބަކަށްޓަކައެވެ. ރިވޮލިއުޓްގެ އިޝްތިހާރުތަކުގެ މޫނަކީ އަދި އެ ކުންފުނީގެ ގްލޯބަލް އެމްބެސެޑަރަކީ ޕޯޗުގަލްގެ ތަރި ލުއިސް ފީގޯއެވެ. އަދި އެ ކުންފުނިން ދާދި ފަހުން ހިންގި އިޝްތިހާރުތަކުގައި، 2000 ވަނަ އަހަރު ބާސެލޯނާ ދޫކޮށް ރެއާލް މެޑްރިޑަށް ފީގޯ ބަދަލުވި ބަދަލުވުމުގެ ހަނދާންތައް ވަނީ އާކޮށްފައެވެ.
ބާސެލޯނާގެ ސަޕޯޓަރުން އަދިވެސް ގަބޫލުކުރާ ގޮތުގައި ފީގޯގެ އެ ނިންމުމަކީ ކުލަބުގެ ތާރީޚުގައި ހިނގި އެންމެ ބޮޑު ޚިޔާނާތެވެ. އެ ހާދިސާއަށް 26 އަހަރު ވެފައިވީ ނަމަވެސް، އެއީ އަދިވެސް ކުލަބުގެ ހަނދާންތަކުން ފޮހެވިގެން ގޮސްފައިވާ ކަމެއް ނޫނެވެ.
ބޯޑުން ދެކޭ ގޮތުގައި، ފީގޯގެ އަގު ވަޒަންކުރާ އަދި އޭނާގެ ޚިޔާނާތުގެ ވާހަކަ މާކެޓިންގް އުކުޅެއްގެ ގޮތުގައި ބޭނުންކުރާ ކުންފުންޏަކާއެކު ބައިވެރިވުމަކީ ސަޕޯޓަރުންގެ ޝުއޫރުތަކަށް ދެވޭ އަނިޔާއެކެވެ. އަދި އެއީ ބޯޑާ ދެކޮޅަށް ސަޕޯޓަރުން ނުކުތުމަށް މެދުވެރިވާނެ ސަބަބެއް ކަމަށް ވެސް ކެޓަލޯނިއާ ރޭޑިއޯއިން ބުނެފައިވެއެވެ.
މިކަމާ ބެހޭ އިތުރު ތަފްސީލުތައް ކޫރާ ފޯރަމްތަކުގައި ބަހުސް ކުރެވިދާނެއެވެ.
މާލީ ގޮތުން ކިތަންމެ ބޮޑު މަންފާއެއް އޮތް ނަމަވެސް، ބާސެލޯނާއިން ހުރަސްނުކުރާނެ ރަތް ރިންގުތަކެއް ހުންނާނެ ކަމަށް އެ ރޭޑިއޯއިން ފާހަގަކުރެއެވެ. އޭގެ ތެރެއިން އެއް ކަމަކީ ފީގޯއާ ގުޅުން އޮތް އެއްވެސް ފަރާތަކާއެކު މަސައްކަތް ކުރުމެވެ.
މި ނިންމުމާއެކު ބާސެލޯނާއިން ދޭން ބޭނުންވާ މެސެޖަކީ ސާފު މެސެޖެކެވެ. ބައެއް ޒަޚަމްތަކަކީ ފައިސާއިން ފަސޭހަ ކުރެވޭނެ އެއްޗެއް ނޫން ކަމާއި، ބައެއް ނަންތަކަކީ ކިތަންމެ ގިނަ ފައިސާއަކާއެކު އައި ނަމަވެސް ބާސެލޯނާގެ ދޮރުތަކުން ދުވަހަކުވެސް މަރުހަބާ ނުކިޔޭނެ ނަންތަކެއް ކަމެވެ.