ބެންޗް ޓީމް އެރުވުމުގެ އަގު ގާޑިއޯލާ ދައްކަން ޖެހިއްޖެ
ހުސެއިން އާދަމް

މެންޗެސްޓަރ ސިޓީ ޗެމްޕިއަންސް ލީގުގައި ލަދުވެތިކަމާއެކު ބަލިވުމުން، އާލިން ހާލަންޑް އަދި އެހެނިހެން ކުޅުންތެރިން ބެންޗުގައި ބޭތިއްބުމުގެ އަގު ޕެޕް ގާޑިއޯލާ ދައްކަން ޖެހިއްޖެއެވެ.
ޕެޕް ގާޑިއޯލާ މެންޗެސްޓަރ ސިޓީއާއެކު ޗެމްޕިއަންސް ލީގުގައި ކުޅުނު 100 ވަނަ މެޗުގައި ބޮޑާކަމާއެކު ޓީމު ހޮވުމުގެ ސަބަބުން އޭނާއަށް ލިބެންޖެހޭ އަދަބު ލިބުނެވެ. އެއީ ހުނަރުވެރި އަދި ތޫނުފިލި ބަޔާ ލެވަކޫސަން އަތުން 2-0 ގެ ނަތީޖާއަކުން ބަލިވުމެވެ. ޔޫރަޕްގެ އެންމެ މަތީ މުބާރާތް ތިން ފަހަރު ކާމިޔާބުކުރި ކޯޗު ގާޑިއޯލާ އޭނާގެ ޓީމުނ އާލިން ހާލަންޑް، ފިލް ފޯޑެން އަދި ރޫބެން ޑިއަސް ފަދަ ކުޅުންތެރިން ބޭރުކޮށް، އޭނާގެ ލައިން-އަޕަށް 10 ބަދަލު ގެނައެވެ.
އެއީ ޗެމްޕިއަންސް ލީގަށްވުރެ ބޮޑަށް ކަރާބާއޯ ކަޕަށް އެކަށީގެންވާ ފެށުމުގެ 11 ކުޅުންތެރިންގެ ލިސްޓެކެވެ. އަދި ލެވަކޫސަންއިން އެކަމުގެ ފުރިހަމަ ފައިދާ ނެގިއެވެ. ފުރަތަމަ ހާފުގައި އެލެކްސް ގްރިމާލްޑޯ ފޮނުވާލި ބާރު ޝޮޓަކުން ލީޑު ނެގިއިރު، ދެވަނަ ހާފުގައި ނޭތަން އާކޭ ހެދި ގޯހެއްގެ ސަބަބުން ޕެޓްރިކް ޝިކް ބޮލުން ޖަހައި ދެވަނަ ލަނޑު ކާމިޔާބު ކުރިއެވެ.
ފުރަތަމަ ހާފުގެ ނިމުން ނުތަނަވަސްކަމާއެކު ދެއްކުމަށްފަހު ގާޑިއޯލާ ދެވަނަ ހާފުގެ ފެށުމުގައި ތިން ބަދަލު ގެނައެވެ. ނަމަވެސް އޭނާ ހާލަންޑް އަދި ޗެރްކީ އެރުވީ ދެވަނަ ހާފްގެ ވެސް ބައެއް ކުޅެވުނު ފަހުންނެވެ. އޭގެ ކުރިން ޖެރެމީ ޑޮކޫ އަދި ފިލް ފޯޑެން ވެސް ވަނީ ކުޅެން އަރުވާފައެވެ.
ހާލަންޑް ކުޅެން އެރިތަނާހެން ސިޓީއަށް އިތުރު ބާރާއި ހިތްވަރު ލިބުނު ނަމަވެސް އޭނާ ފޮނުވާލި ދެ ޝޮޓު ވެސް އަމާޒު ނުވިއެވެ.