ޒުވާނުންނަށް މާނަހުރި އެއްކަމެއް ނުކޮށްދެވި، މުއިއްޒު ޒުވާނުންގެ ދުވަހުގެ ތަހުނިޔާ ފޮނުވައިފި
ހުސެއިން އާދަމް

ދިވެހި ޒުވާނުންނަކީ ޤައުމުގެ އެންމެ ބޮޑު އެއް ބާރުކަމުގައި ސިފަކުރައްވައި، މަތީ ތައުލީމާއި، ހުނަރު ތަރައްޤީކުރުމާއި، މާނަހުރި ވަޒީފާގެ ފުރުޞަތުތައް އިތުރުކޮށްދެއްވާނެ ކަމަށް ބައިނަލްއަޤުވާމީ ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވެފައި މިވަނީ، މި ސަރުކާރުގެ ދައުރުގެ ތިން އަހަރު ފުރެން ކައިރިވެފައިވާއިރު، މިވޭތުވެދިޔަ މުއްދަތުގެ ތެރޭގައި ދިވެހި ޒުވާނުންގެ ދިރިއުޅުމަށް އައިސްފައިވާ ހަގީގީ ކުރިއެރުންތަކާ މެދު އާންމުންގެ މެދުގައި ސުވާލު އުފެދެމުންދާ ދަނޑިވަޅެއްގައެވެ.
ބައިނަލްއަޤުވާމީ ޒުވާނުންގެ ދުވަހާ ގުޅިގެން "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް 45 އިންސައްތައަކީ ޒުވާނުން ކަމަށާއި، ޤައުމުގެ މުސްތަޤުބަލް ބިނާވެފައިވަނީ އެކުދިންގެ އުންމީދުތަކުގެ މައްޗަށް ކަމަށެވެ.
"އަޅުގަނޑުގެ ފުރިހަމަ އިތުބާރު އެބައޮތް، އަޅުގަނޑުމެންގެ ޒުވާނުންގެ އަތްމަތީގައި ރާއްޖޭގެ މިއަދާއި މުސްތަޤުބަލު އޮތީ ފާގަތިކަމާއި، ސާބިތުކަމާއި އަދި ދެމެހެއްޓެނިވި ތަރައްޤީގެ މަގުގައި ކަމާމެދު،" ރައީސް ވިދާޅުވިއެވެ.
ތައުލީމީ މަރުހަލާ ނިންމުމަށްފަހު ވަޒީފާގެ މައިދާނަށް ނުކުތުމަށް މަގުފަހިކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ 'ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް' އާއި 'ނޭޝަނަލް ސާވިސް ޕްރޮގްރާމް' އަކީ މިކަމަށްޓަކައި އެޅުނު މުހިންމު ފިޔަވަޅުތަކެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވިއެވެ.
ނަމަވެސް، ރައީސްގެ މި މެސެޖު އައިސްފައިވަނީ އަތްފޯރާ ފަށުގައި މަތީ ތައުލީމު ހާސިލުކުރުމާއި، އެކަށީގެންވާ ވަޒީފާގެ ފުރުޞަތުތައް މަދުވުމުގެ އިތުރުން، ދިރިއުޅުމުގެ ޚަރަދުތައް އިންތިހާއަށް ބޮޑުވަމުންދާތީ ޒުވާނުންގެ މެދުގައި ބޮޑެތި ކަންބޮޑުވުންތަކެއް ހުރި ވަގުތެއްގައެވެ.
ގިނަ ޒުވާނުންގެ މައިގަނޑު ސުވާލަކީ، ސަރުކާރުން އެކުދިންގެ މުހިންމުކަން ބަލައިގަތުން އެކަންޏެއް ނޫނެވެ. އޭގެ ބަދަލުގައި، ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން އެކުދިންގެ ދިރިއުޅުމަށް އައި ހަގީގީ ބަދަލަކީ ކޮބައިތޯއެވެ.
ނޮވެމްބަރު 2023 ގައި މި ސަރުކާރު ވެރިކަމަށް އައީ އިޤުތިޞާދީ އަދި އިޖުތިމާޢީ ގޮތުން ބޮޑެތި ބަދަލުތަކެއް ގެނައުމުގެ ވަޢުދާ އެކުގައެވެ. އެހެންނަމަވެސް، ވެރިކަމަށް ތިން އަހަރު ފުރެން ކައިރިވެފައިވާއިރު، ޒުވާނުންނަށް ކުރިމަތިވެފައިވާ އޮނިގަނޑު ބަދަލުތަކަށް ހައްލެއް ހޯދައިދެވޭނެ ފަދަ ބޮޑު މަޝްރޫޢެއް ނުވަތަ ބަދަލެއް ފެންނަން ނެތް ކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނެއެވެ.
ކޮންމެ އަހަރަކުވެސް އޯގަސްޓް 12 ވަނަ ދުވަހު ފާހަގަކުރާ ބައިނަލްއަޤުވާމީ ޒުވާނުންގެ ދުވަހަކީ، ޒުވާނުންނަށް ކުރިމަތިވާ ގޮންޖެހުންތަކަށް ސަމާލުކަން ހޯދައިދިނުމަށާއި މުޖުތަމަޢުގައި އެކުދިން އަދާކުރާ ދައުރު ފާހަގަކުރުމަށް އދ. އިން ކަނޑައަޅާފައިވާ ދުވަހެކެވެ. މިއީ ސަރުކާރުތަކުން އެކުލަވާލާ ސިޔާސަތުތަކަކީ ޒުވާނުންގެ ބޭނުންތަކާއި އުންމީދުތަކާ އެއްގޮތަށް ބައްޓަން ކުރެވިފައިވާ ސިޔާސަތުތަކެއްތޯ ބެލުމަށް ލިބޭ ފުރުޞަތެއްވެސް މެއެވެ.
2026 ވަނަ އަހަރުގެ ބައިނަލްއަޤުވާމީ ޒުވާނުންގެ ދުވަހުގެ ޝިއާރު ކަމަށްވާ "ތަފާތު ހާލަތްތައް، އެއްގޮތް އުންމީދުތަކެއް" މި ޝިއާރުން ރަމްޒުކޮށްދެނީ މުޅި ދުނިޔޭގެ ޒުވާނުންވެސް އެދެނީ ފެންވަރު ރަނގަޅު ތައުލީމާއި، އެކަށީގެންވާ ވަޒީފާއާއި، މުޖުތަމަޢުގައި ހަރަކާތްތެރިވުމުގެ ފުރުޞަތާއި އަދި އުންމީދީ މުސްތަޤުބަލަކަށް ކަމެވެ.
މި ކަންކަމަށް ރިޢާޔަތްކުރާއިރު، ތައުލީމާއި ވަޒީފާގެ ފުރުޞަތުތައް ފުޅާކުރާނެ ކަމަށް ރައީސް ވެވަޑައިގެންނެވި ވަޢުދާ އެކު، ވެރިކަމަށް ހަވާލުވެވަޑައިގަތް ފަހުން މިހާތަނަށް މިދާއިރާއިން ހާސިލުކުރެވުނު ނަތީޖާއާ މެދު ސުވާލު އުފެދެއެވެ.
ޒުވާނުން ވަޒީފާގެ މައިދާނަށް ތައްޔާރުކުރުމަށް ރައީސް ފާހަގަކުރެއްވި 'ނޭޝަނަލް ސާވިސް ޕްރޮގްރާމް' ގެ ފުރަތަމަ ބުރު ފަށާފައިވަނީ 2025 ގައެވެ. މި ފުރަތަމަ ބުރުގައި މުޅި ރާއްޖެއިން ހޮވާލެވުނު 343 ޒުވާނުން ވަނީ ބައިވެރިވެފައެވެ.
އެޕްރެންޓިސްޝިޕް ފަދަ ޕްރޮގްރާމްތަކުގެ ސަބަބުން ބައެއް ޒުވާނުންނަށް ފުރުޞަތުތައް ލިބުނު ނަމަވެސް، މިއީ ޒުވާނުންގެ ބޮޑު އާބާދީއާ އަޅާބަލާއިރު ކިހާވަރެއްގެ ނަތީޖާއެއް ނެރެވޭނެ ކަންކަންތޯ ބެލުމަކީ މުހިންމު ކަމެކެވެ. ސަރުކާރުން ބޭނުންވަނީ ޒުވާނުންގެ ސިޔާސަތުތަކަކީ ހަމައެކަނި އިޢުލާނުތަކެއް ނޫންކަން ސާބިތުކޮށްދޭށެވެ.
ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވެ، ޚާއްޞަ ދާއިރާތަކުން ކުރިއަށްދާން ހުރި ފުރުޞަތުތައް ހަނިވެ، ވަޒީފާގެ ބާޒާރުގައި އޮތް ވާދަވެރިކަން ބޮޑުވެފައިވާ މި ދަނޑިވަޅުގައި، ޒުވާނުން ސަރުކާރުގެ މަސައްކަތްތައް ވަޒަންކުރާނީ ޚިޠާބުތަކުންނެއް ނޫނެވެ. އޭގެ ބަދަލުގައި އެކުދިން ބަލާނީ އެކަށީގެންވާ ވަޒީފާއެއް ލިބުމާއި، އަގުހެޔޮ ތައުލީމާއި، އަދި އަމިއްލަ ފައިމައްޗަށް ތެދުވެ މިނިވަން ދިރިއުޅުމެއް އުޅުމުގެ މަގު ފަހިވެފައިވޭތޯއެވެ.
ރައީސް މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތްތާ ގާތްގަނޑަކަށް ތިން އަހަރު ފާއިތުވެގެންދާއިރު، ސަރުކާރުން އަލަށް މިވީ ވަޢުދާ އެކު އަނެއްކާވެސް ކުރިމަތިވަނީ ހަމަ އެއް ސުވާލެކެވެ. އެއީ، މި ސަރުކާރުން ދިވެހި ޒުވާނުންގެ ދިރިއުޅުމަށް ހަގީގަތުގައިވެސް ގެނެސްދިނީ ކޮން އިންގިލާބީ ބަދަލެއް ހެއްޔެވެ؟